އަފްޣާނިތާނުގައި ހުރި އިނގިރޭސި އެމްބަސީގެ އުޅަނދަކަށް ހަމަލާދީ ފަސްމީހުން މަރާލައިފި

އަފްޣާނިސްތާނުގައި ހުންނަ އިނގިރޭސި އެމްބަސީގެ މީހުން ގޮވައިގެން ދަތުރުކުރި އެއްގަމު އުޅަނދަކަށް ދިން ބޮމުގެ ހަމަލާއެއްގައި ފަސްމީހުން މަރުވެއްޖެ އެވެ.

އަފްޣާނިސްތާނުގެ ޚާމަ ޕްރެސް ނޫހުން ބުނީ އިނގިރޭސި އެމްބަސީގެ ގާފިލާއަށް ހަމަލާދިނީ ސައިކަލެއްގައި ބޮން ހަރުކޮށްގެން ކަމަށެވެ. އަދި އެހަމަލާގައި މަރުވިމީހުންގެ އިތުރުން 34 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް އަފްޣާން ހެލްތު މިނިސްޓްރީއާ ހަވާލާދީ އެނޫހުން ބުންޏެވެ.

އިނގިރޭސި އެމްބަސީގެ އުޅަނދަށް ހަމަލާދިނީ އަފްޣާނިސްތާނުގައި ތިބޭ ބިދޭސީން ގޮވައިގެން ދަތުރުކުރި އެއްގަމު އުޅަނދުގެ ގާފިލާއެއްގެ ތެރޭގައި އެއުޅަނދު ވަނިކޮށެވެ. އެހަމަލާ ދިނީ ތާލިބާނުން ކަމަށް އެޖަމާއަތުން ވަނީ ބުނެފައެވެ.

އަފްޣާނިސްތާނުގައި ބިދޭސީ ގިނަ ސިފައިން ތަކެއް ތިބި ނަމަވެސް، އެގައުމުގައި އޮތް އިނގިރޭސިންގެ ލަޝްކަރު މިހާރު ވަނީ އެގައުމުން ބާލާފައެވެ. އެމެރިކާއާއި އިނގިރޭސިން އަދި ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ)ގައި ހިމެނޭ ގައުމުތައް ގުޅިގެން އަފްޣާނިސްތާނު ހިފީ 2001 ވަނަ އަހަރުއެވެ. އެގައުމުތަކުން އަފްޣާނިސްތާނު އޭރު ހިފީ އަލްގައިދާ ޖަމާއަތުގެ އޭރުގެ ލީޑަރު އުސާމާބިން ލާދިން އަށް އަފްޣާނިސްތާނުގައި އޭރު ވެރިކަން ކުރި ތާލިބާނުން ހިމާޔަތްދޭތީ އެކަން ހުއްޓުވުމަށް ކަމަށް ބުނެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު