ފަތުރުވެރިންގެ 95 އިންސައްތަ މީހުން “އުންމީދު ކުރިވަރަށް، ޗުއްޓީ ހިތްހަމަ ޖެހޭ”: ދިރާސާ

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 95 އިންސައްތަ ފަތުރުވެރިންނަކީ އެމީހުން "އުންމީދު ކުރިވަރަށް، ޗުއްޓީ ހިތްހަމަ ޖެހޭ" ވަރުގެ ޗުއްޓީއެއް ހޭދަކުރެވުނު ބައެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް އަމާޒުކޮށްގެން "މޯލްޑިވްސް ވިޒިޓާ ސާވޭ 2014" ގެ ނަމުގައި ހާއްސަ ސާވޭއެއް ކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ސާވޭގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ރާއްޖެއާއި ރާއްޖެއިން ލިބެންހުރި ޚިދުމަތްތަކާ މެދު ދެކޭގޮތް ދެނެގަތުމާއި ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަސްތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްތަކަށް އަންނަ ބަދަލު ދެނެގަނެ ދިރާސާ ރިޕޯޓެއް އެކުލަވާލުން ކަމަށެވެ.

އެގޮތުން އެ ސާވޭގެ ނަތީޖާއިން ދައްކާ ގޮތުން 95 އިންސައްތަ ފަތުރުވެރިން އުންމީދު ކުރިވަރަށް ރާއްޖޭގައި ހޭދަކުރި ޗުއްޓީއާއިމެދު ހިތްހަމަ ޖެހޭކަމަށާއި 92 އިންސައްތަ ފަތުރުވެރިން ދެވަނަ ފަހަރަށް ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށްވެސް ބުނެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި 98 އިންސައްތަ ފަތުރުވެރިން އެހެން ފަރާތްތަކުން ރާއްޖެއަށް ދަތުރު ކުރުމަށް 'ރިކޮމެންޑް'ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 901,004 ފަތުރުވެރީން ޒިޔާރަތްކޮށްފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު