ގްރީން ޓެކްސް ނެގުމުގެ ބިލު ކޮމިޓީން ފާސްކޮށްފި

ސަރުކާރުން ހުށަހެޅި ގޮތަށް ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނެގުމުގެ ބިލް މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ގްރީން ޓެކްސް ނެގުމުގެ ބިލް ކޮމިޓީން ފާސްވީ، ސަރުކާރަށް ނިސްބަތްވާ ފަސް މެމްބަރުން އެ ބިލު ފާސްކުރުމަށް ފެންނަކަމަށް ވޯޓު ދެއްވައިގެން ނެވެ. އެހެންނަމަވެސް އެމްޑީޕީގެ މެމްބަރުންނާއި ޖޭޕީގެ މެމްބަރުންން އެ ބިލު ފާސްކުރުމަށް ވޯޓުދެއްވާފައެއް ނުވެއެވެ.

އިގްތިސާދީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު މިއަދު 'ސަން'އަށް ވިދާޅުވީ، ގްރީން ޓެކްސް ނެގުމުގެ ބިލް ފާސްވި ނަމަވެސް ގެސްޓް ހައުސްތަކުން އެ ޓެކްސް ނުނަގާނެ ކަމަށެވެ.

"ގެސްޓް ހައުސްއިން ސަރުކާރުން ނަގަން ބޭނުން ނުވަނީ އެއީ އަދި ވަރަށް އާ ވިޔަފާރިއެއް. އެ ވިޔަފާރި އަދި އެހާ ފުޅަލެއް ނުވޭ. ގާތްގަނޑަކަށް 30 ވަރަކަށް ޑޮލަރު އެންމެ ގިނަވެގެން ގެސްޓް ހައުސްއަކުން މިނަގަނީ. އެހެންނަމަވެސް ސަފާރީތަކުން އެންމެ މަދުވެގެންވެސް 80 ވަރަކަށް ޑޮލަރު އެބަނަގާ،" މައުރޫފް ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ގްރީން ޓެކްސް ނެގުމަށްޓަކައި ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލު އެވެ.

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ، ގްރީން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ބޭނުން ކުރާނީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށާއި ތިލަފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު ވެސް ވިދާޅުވީ، ގްރީން ޓެކްސް ތައާރަފް ކުރުމާ އެކު ލިބޭ އާމްދަނީ، މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމް ގާއިމު ކުރުމުގެ އިތުރުން ގޮނޑުދޮށްތައް ހިމާޔަތް ކުރަން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު