މީޑިއާ ކައުންސިލްގެ އިންތިހާބުގައި އެއްވަރުވި މެމްބަރުންގެ މެދުގައި ވޯޓު ނެގުން އަންނަ ހޯމަދުވަހު

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިހާބުގައި އެއްވަރުވި މެމްބަރުންގެ މެދުގައި ވޯޓުނެގުން އަންނަ ހޯމަ ދުވަހު ބާއްވަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

ހޯމް މިނިސްޓްރީގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިންތިހާބުގައި މީޑިއާތަކުން ތަމްސީލް ކުރާ އަށް މަގާމަށް ވާދަކުރެއްވި 14 ކެންޑިޑޭޓުންގެ ތެރެއިން ހަތް ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބުކުރައްވައި، ފަސް ކެނޑިޑޭޓެއްގެ ނަތީޖާ ވަނީ އެއްވަރުވެފަ އެވެ.

އެކަމާ ގުޅިގެން އެ މިނިސްޓްރީން މިހާރު ވަނީ އިންތިހާބު އޮންނާނެ ދުވަހާއި ވަގުތާއި ގުޅޭ ގޮތުން އިއުލާނެއް ވެސް ނެރެފަ އެވެ.

ހޯމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވީ، އެއްވަރުވި މެންބަރުންގެ މެދުގައި ވޯޓުލުން އޮންނާނީ ހޯމަ ދުވަހުގެ ހަވީރު 4:00 އިން 5:00 އަށް އެމިނިސްޓްރީގައި ކަމަށެވެ.

އޭނާ ވިދާޅުވީ، ހޯމަ ދުވަހު ނަގާ ވޯޓަށް އަލުން ރީ ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެއްވަރުވި އެއްވެސް ކެންޑިޑޭޓެއްގެ ނަން މިހާތަނަށް އަނބުރާ ގެންގޮސްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައްހަ 56 ވޯޓުގެ ތެރޭން 28 ވޯޓުން އެއްވަރުވި، ކެންޑިޑޭޓުންނަކީ، ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ވާދަކުރެއްވި ސ. ހިތަދޫ ބޯށިވަލުގޭ، ހަސަން ޒިޔާއު އާއި ވީއެފްއެމްގެ ފަރާތުން ވާދަކުރެއްވި ހ. މާވަޑިއާގޭ އިމާދު ހަސަން ލަތީފާއި، ވީކްލީގެ ފަރާތުން ވާދަކުރެއްވި ބ. ތުޅާދޫ ޝަރުތު، އަހުމަދު ރިފާއު އާއި ސަން އޮންލައިންގެ ފަރާތުން ވާދަކުރެއްވި، ގއ. ވިލިނގިލ ދިލްކަޝްވިލާ، ހުސައިން ހަސަން އާއި، ސަން ޓީވީގެ ފަރާތުން ވާދަކުރެއްވި ތ. ދިޔަމިގިލީ ޝަބްނަމީގޭ އަހުމަދު މުޖުތަބާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު