ޔޫތު މިނިސްޓަރު ގައުމީ ހޭންޑްބޯލް ޓީމާ ބައްދަލުކުރައްވައިފި

ޔޫތު މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ރާއްޖޭގެ ގައުމީ ފިރެހެން ހޭންޑްބޯލް ޓީމާ ބައްދަލު ކުރައްވައިފި އެވެ.

މިއަދު ހެނދުނު ޔޫތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ގައުމީ ހޭންޑްބޯލް ޓީމުގެ ކުޅުންތެރިންގެ އިތުރުން ޓީމުގެ އޮފިޝަލުންނާއި ހޭންޑްބޯލް މޯލްޑިވްސްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިންނެވި އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހޭންޑްބޯލް މޯލްޑިވްސް ގެ ރައީސް އިބްރާހިމް އިސްމާއިލް ވަނީ، ރާއްޖޭގެ ގައުމީ ހޭންޑްބޯލް ފިރެހެން ޓީމް ބައިވެރިވެފައިވާ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން ޓްރޮފީއަށް ކުޅޭ މުބާރާތާ ބެހޭގޮތުން މިނިސްޓަރަށް މައުލޫމާތު ދެއްވާފައެވެ.

މި ބައްދަލުވުމުގައި ޔޫތު މިނިސްޓަރު މަލީހް ވިދާޅުވީ، ހޭންޑްބޯލް އަކީ ރާއްޖެގައި އުފާވެރި މުސްތަގުބަލެއް އޮތް ކުޅިވަރެއް ކަމަށާއި، މި ކުޅިވަރު ރާއްޖޭގައި ދިރުވުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި ރާއްޖޭގެ ހޭންޑްބޯލް ޓީމަށް ދިމާވެފައިވާ ބިމުގެ ދަތިކަން ފާހަގަ ކުރައްވައި، އެކަމަށް ހައްލެއް ގެންނަން މިނިސްޓްރީން މަސައްކަތް ކުރަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ ގިނަ ޒުވާނުންތަކެއް މާލޭގައި ތިބުމުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ދިމާވެފައި. އެހެންކަމުން އަޅުގަނޑުމެން ބޭނުންވާވަރަށް ހުރިހާ ކުޅިވަރަކަށް ޖާގައިގެ އިންތިޒާމްތައް ހަމަޖައްސައި ނުދެވި މިދަނީ. އެކަމަށްޓަކައި އަޅުގަނޑުމެން މާފަށްވެސް އެދެން. ނަމަވެސް އިރާދަކުރެއްވިއްޔާ މުސްތަގުބަލުގަ ހޭންޑްބޯލް ޓީމް ޕްރެކްޓިސް ކުރާނެ ތަނެއް ހަމަޖައްސައިދޭނަން. އެކަމައްޓަކައި މިނިސްޓްރީގެ ފަރާތުން މަސައްކަތްތަކެއް ކުރިއަށް އެބަ ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު މަލީހް ވަނީ ދަތިތަކަކާ އެކުވެސް ރާއްޖޭގެ ގައުމީ އަންހެން ހޭންޑްބޯލް ޓީމް މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިކަން ފާހަގަކުރައްވާފައެވެ.

"ސައުތު އޭޝިއަން ގޭމްސްގައި ހޭންޑްބޯލް އިންޓަނޭޝަނަލް ފެޑަރޭޝަންގެ އިސް ބޭފުޅުންނާއި އަޅުގަނޑާ ދިމާވި. ރާއްޖޭގައި ހޭންޑްބޯލް ޕްރެކްޓިސް ކުރާނެ އެއްވެސް އިންފްރާސްޓްރަކްޗާއެއް ނެތި ރާއްޖެއިން އެ ގޭމްސްގައި ބައިވެރިވިކަން އެ ބޭފުޅުންވެސް ފާހަގަ ކުރެއްވި،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ ފިރެހެން ހޭންޑްބޯލް ޓީމް އަންނަ މަހު އެކެއްގައި އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން ޓްރޮފީއަށް ވާދަކުރާ މުބާރާތުގައި ބައިވެރިވުމަށް ފުރާއިރު، ތަމްރީނުތައް ކުރިއަށް ގެންދާނެ އިންޑޯ ހޯލެއް ނުލިބުމުގެ ސަބަބަބުން އެ ޓީމަށް ވަނީ ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު