ރާއްޖޭގެ 35 އިންސައްތަ ކުދިންގެ އަނގައިގެ ސިއްހީ މައްސަލަތައް ހުރޭ: ރިޕޯޓް

ރާއްޖޭގެ ސްކޫލުތަކުގެ ގްރޭޑް އެކެއްގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބޮޑު އިންސައްތައެއްގެ ކުދިން، އަގައިގެ ތެރޭގައި އުފެދޭ އެކިކަހަލަ ސިއްހީ މައްސަލަތައް ތަހައްމަލުކުރަމުންދާ ކަމަށް، ސްކޫލު ދަރިވަރުންނަށް ދިމާވާ ސިއްހީ މައްސަލަތައް ދެނެގަތުމަށް ހިންގި ހެލްތް ސްކްރީނިން ޕްރޮގްރާމުން ހާމަވެއްޖެ އެވެ.

ހެލްތް މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީ ގުޅިގެން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފެށި އެ މެޑިކަލް ސްކްރީނިން ޕްރޮގްރާމު ނިންމައި، އެ ޕްރޮގްރާމުގެ ތަފާސް ހިސާބުތައް އާއްމުކޮށްފައިވަނީ އިއްޔެ އެވެ.

އެގޮތުން، އެ މެޑިކަލް ސްކްރީނިންގައިި މާލެއާއި އަތޮޅުތެރޭގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ 6331 ދަރިވަރުން ސްކްރީން ކޮށްފައިވެ އެވެ.

ފުރަތަމަ ފަހަރަށް މުޅި ރާއްޖޭގެ ސްކޫލުތަކުގެ ގްރޭޑް އެކެއްގައި ކިޔަވާ ދަރިވަރުންނަށް ހިންގި އެ ހެލްތް ސްކްރީނިން ޕްރޮގްރާމުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 1650 ދަރިވަރުންނަކީ، އަނގައިގެ ތެރޭގައި އުފެދޭ އެކިކަހަލަ ސިއްހީ މައްސަަލަތައް ތަހައްމަލްކުރަމުންދާ ދަރިވަރުންނެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަަށް ފާހަގަވެފައިވަނީ ކުދިންގެ ދަތް ފަނިކެއުމުގެ މައްލައެވެ.

އެގޮތުން އަނގައިގެ ސިއްހީ މައްސަލަތައް ހުންނަ ދަރިވަރުން ހުރިހާ އަތޮޅަކުންވެސް ފެނިފައިވާއިރު، އޭގެތެރޭން އެންމެ ގިނައިން މައްސަަލަ ފެނިފައިވަނީ މާލެއިންނާއި ހދ. އަތޮޅާއި ތ. އަތޮޅު އަދި ލ. އަތޮޅުންނެވެ.

ދެން އެންމެ ގިނައިން ސިއްހީ މައްސަލަތައް ފެނިފައިވަނީ ކަންފަތާއި ލޮލާއި ހަމަށް ދިމާވާ އެކިކަހަލަ މައްސަލަތަކެވެ.

ކަންފަތާ ގުޅޭ 950 މައްސަލައެއް ފެނިފައިވާއިރު، ކަންފަތަށް ދިމާވާ އެކިކަަހަލަ މައްސަލަތައް ރާއްޖޭގެ ގިނަ އަތޮޅުތަކުންވެސް ފުދޭވަރަކަށް ފާހަގަކުރެވިފައިވެ އެވެ. ކަންފަތަށް ދިމާ މައްސަލަތައް އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ދ. އަތޮޅުންނެވެ.

ލޮލަށް ދިމާވާ އެކިކަހަލަ މައްސަލަތަކަށް ބަލާއިރު، ސްކްރީން ކުރި ދަރިވަރުންގެ ތެރެއިން 7.17 އިންސައްތަ ކުދިން ލޮލުގެ ކޮންމެވެސް ސިއްހީ މައްސަލައެއް ފާހަގަވެފައިވެ އެވެ. ލޮލުގެ އެކިކަހަލަ ސިއްހީ މައްސަލަތައް އެންމެ ގިނައިން ފާހަގަވެފައިވަނީ މާލޭގައި އުޅޭ ކުދިންނަށެވެ.

ހަމަށް ދިމާވާ މައްސަލަތައްހުރި ދަރިވަރުންނަށް ބަލާއިރު، އެފަދަ 286 މައްސަލައެއް ފާހަގަވެފައިވެ އެވެ. ހަމަށް ދިމާވާ އެކިކަހަލަ މައްސަލަތައް ވެސް އެންމެ ގިނައިން ފާހަގަވެފައިވަނީ މާލޭގައި ކިޔަވަމުންދާ ދަރިވަރުންގެ ފަރާތުންނެވެ.

ގްރޭޑް އެކެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިއަހަރު ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިން ޕްރޮގުރާމްގެ ނަތީޖާ ފާޅުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ސާނަވީ ދަރިވަރުންނަށް އަމާޒުކޮށްގެން ހެލްތު ސްކްރީނިން މުޅި ރާއްޖޭގައި އަންނަ އަހަރު ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު