ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމް ކުރުމަށް ހުށަހަޅައިފި

ދިވެހި ރާއްޖޭގައި ޑިވެލޮޕްމަންޓް ބެންކެއް ގާއިމް ކުރުމަށް މަސައްކަތް ކުރުމަށް ބަޖެޓު ރެކޮމެޑޭންޝަންގައި ހިމަނައިފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހަޅާފައިވަނީ، ރާއްޖެއަށް ޑިވެލޮޕްމަންޓް ބޭންކެއް ގެނައުމަށް މަސައްކަތް ކުރުމަށެވެ. އެ އިސްލާހު ބަޖެޓު ރެކޮމެންޑޭޝަންގައި ހިމެނުމަށް ފާސްކޮށްފައިވަނީ 10 މެމްބަރުން ވޯޓު ދީގެނެވެ.

ޑިވެލޮޕްމަންޓު ބޭންކެއް ގެނައުމަށް ބަޖެޓު ރެކޮމެންޑޭޝަންގައި ހިމަނާފައިވާއިރު އެމަސައްކަތް ދަނީ މާލިއްޔަތު ކޮމެޓީގައިވެސް ކުރަމުންނެވެ. މާލިއްޔަަތު ކޮމެޓީގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހަޅުއްވާފައި ވަނީ އިޖްތިމާއީ ދުޅަހެޔޮކަން ރާއްޖެއަށް ގެނައުމަށް ޓަކައި ރާއްޖެއަށް ޑިވެލޮޕްމަންޓް ބޭންކެއް ވަރަށް މުހިންމު ކަމަށާއި އެހެން ކަމުން އެފަދަ ބޭންކެއް ގާއިމް ކުރުމަށް ލަފައެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ހޯދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސުވާލަކީ ޑިވެލޮޕްމަންޓް ބޭންކެއް ގާއިމް ކުރުމުގެ ލަފަޔަކީ ކޮބައޮތޯ؟ ހުރި ހުރަސް ތަކަކީ ކޮބައިތޯ؟" އާމިރު ވިދާޅުވިއެވެ.

ޑިވެލޮޕްބެންކެއް ގާއިމް ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފައިވަނީ އެ ކޮމެޓީގެ އަޣުލަބިއްޔަތުންނެވެ.

ޑިވެލޮޕްމެންޓު ބޭންކެއް ގާއިމުވެއްޖެ ނަމަ އެކިއެކި ތަރައްގީގެ މަސައްކަތްތަކަށް ލޯން ލިބެން ފަސޭހަވާނެ އެވެ. އެކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަރަން ފަސޭހަވެ ފުޅާކުރުމުގެ ފުރުސަތުތައް ލިބިގެންދާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު