ސިޓީ ކައުންސިލުން ފުލުހުން ގެންދިޔަ ބައެއްތަކެތި ހަވާލުކޮށްފި

މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ފުލުހުން ގެންދިޔަ ތަކެތީގެ ތެރެއިން ބައެއް ތަކެތި އަނބުރާ ހަވާލުކޮށްފައިވާ ކަމަށް އެކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޝަމާއު ޝަރީފް މިއަދު 'ސަން'އަށް ވިދާޅުވީ، ފުލުހުން ދާދި ދެންމެ އަކު ގެނެސްދީފައިވަނީ ސާވާގެ ހާޑްޑިސްކް ކަމަށެވެ. ނަމަވެސް ގެންދިޔަ ހުރިހާ ހާޑުތައް އަދިވެސް ގެނެސްނުދޭކަމަށް ސަމާއު ވިދާޅުވި އެވެ.

ސަމާއު ވިދާޅުވީ، އެ އިދާރާއަށް އިންޓަނެޓު ލިބުމުގެ ސަބަބުން ސިޓީ ތަކަށް ޖަވާބު ދިނުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދާ ކަމަށާއި ނަމަވެސް ހާޑުތައް ނުލިބުމުގެ ސަބަބުން ބިމާބެހޭ ބައިގެ މަސައްކަތް ކުރިއަށް ނުގެންދެވޭ ކަމަށެވެ.

މާލެ ސިޓީގެ މޭޔަރު މުޙައްމަދު ޝިހާބު އިއްޔެ ވިދާޅުވީ، ކޯޓުއަމުރުގައި ހޯދުމަށް ބުނެފައިވާ މައުލޫމާތަކީ އެކައުންސިލަށް ލިބިފައިވާ ޑޮކިއުމެންޓެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ފުލުހުން ގެންގޮސްފައިވަނީ ސިޓީ ކައުންސިލްގެ ބިމާބެހޭ ބައިގެ ހަތް ކޮމްޕިއުޓަރުގެ ހާޑާއި ސާވާގެ ހާޑު ކަމަށެެވެ. އެކަމުގެ ސަބަބުން ސިޓީ ކައުންސިލްގެ މަސައްކަތް ހުއްޓި މުވައްޒަފުންނަށް މިމަހު އަވަހަށް މުސާރަ ދެވޭނެ ކަމާމެދު ސުވާލު އުފެދިފައިވާކަމަށްވެސް ޝިހާބް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލަށް ވަނުމަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ވަނީ ރާއްޖޭގެ ބިމާ ބެހޭ ގާނޫނުގެ ދަށުން ހައުސިން މިނިސްޓްރީން އެކުލަވާލަމުން ގެންދާ ރާއްޖޭގެ ބިމުގެ ދަފްތަރުގެ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ސާވޭ އޮތޯރިޓީން މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ޕީޑީއެފް ފައިލްތަކުގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބަޔަކު އެ މައުލޫމާތުތައް އެހެންފަރާތަކަށް ހިއްސާކޮށް ނާޖާއިޒު ފައިދާ ތަކެއް ނަގަމުންދާ މައްސަލައާ ގުޅިގެން ހެކި ގަރީނާ ހޯދުމަށާއި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް، އެތަނުގެ ތެރެއަށް ވަނުމަށް އެ އަމުރުން ހުއްދަދީފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު