އަންނަ އަހަރުގެ ޖުލައި މަހުގެ ކުރިން ބައެއް މުއައްސަސާތައް އެއްކުރުމަށް ފާސްކޮށްފި

ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރާ މިނިވަން މުއައްސަސާތަކުގެ ތެރެއިން ބައެއް މުއައްސަސާތައް އަންނަ އަހަރުގެ ޖުލައި މަހުގެ ކުރިން އެއްކުރުމަށް ހުށަހަޅައި ފާސްކޮށްފި އެވެ.

ޕީޕީއެމްގެ ފަރާތުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ބަޖެޓުގެ ރިކަމަންޑޭޝަންގެ ގޮތުގައި ހުށަހެޅި މި ހުށަހެޅުމުގައި ދައުލަތުގެ ހަރަދު ކުޑަކުރުމަށް ޓަކައި މިހާރު ހުރި ބައެއް މުއައްސަސާތައް އެއްކޮށްލުން ހިމެނެއެވެ. އަދި އެއް މުއައްސަސާއަކުން ގިނަ މުއައްސަސާއެއް ހިންގޭނެ ގޮތަށް ގާނޫނު އަސާސީއާ ގާނޫނު ތަކަށް ބަދަލުގެނެސް 2015 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރިން ސަރުކާރުން އެ އިންތިޒާމްތައް ހަމަޖައްސައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ރިކަމަންޑޭޝަންގައި ވެއެވެ.

މިހުށަހެޅުން ފާސްވީ ކޮމިޓީގައި ހާޒިރުވެ ތިއްބެވި 18 މެމްބަރުންގެ ތެރެއިން 13 މެމްބަރުން ވޯޓު ދެއްވައިގެން ނެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ މިނިވަން މުއައްސަސާ ތަކުގެ ބަޖެޓު ބޮޑުކުރާ ކަމަށް ވާނަމަ ސަރުކާރުން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ޖެހިދާނެ ކަމަށެވެ.

ޖިހާދު ވިދާޅުވީ، ސަރުކާރުގެ ވައުދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަ ކޮށްދިނުން ކަމަށެވެ. ނަމަވެސް ސަރުކާރުން އެއްވެސް މިނިވަން މުއައްސަސާއެއްގެ ބާރު ކަނޑުވާލަން މަސައްކަތް ނުކުރައްވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.

"މިސަރުކާރުގެ ވިސްނުމަކީ މިނިވަން މުއައްސަސާތައް މިނިވަންކަން މަތީގައި ބޭތިއްބުން. ދައުލަތުން ބަޖެޓު ފޯރުކޮށްދޭނީ ދައުލަތަށް އެވަގުތެއްގައި ފޯރުކޮށްދެވެން އޮތް ގޮތަކަށް. މިސަރުކާރުގެ ވިސްނުމަކީ އިންވެސްޓްމަންޓް ފުޅާކުރުން. ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާ އާއި މަގުތައް ހެދުމާއި މިކަހަލަ ކަންތައްތައް ކޮށްދިނުން،" ޖިހާދު ވިދާޅުވި އެވެ.

ބަޖެޓު ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު ޖުމުލަ ހަތް މިނިވަން މުއައްސަސާއެއް ވަނީ ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި އެ ބައްދަލުވުންތަކުގައި އެ މުއައްސަސާ ތަކަށް ބަޖެޓު ނެތުމުން ދިމާވާ ދަތިތައް މެމްބަރުންނާ ވަނީ ހިއްސާ ކުރައްވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު