ލަންކާގެ މަސްވެރިން މިނިވަން ކުރެއްވުމަށް ރާޖަޕަކްސާ، މޯދީއަށް ދަންނަވައިފި

އިންޑިއާގައި ހައްޔަރުކޮށްފައިވާ މަސްވެރިން މިނިވަންކޮށް ދެއްވުމަށް ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް ދަންނަވައިފި އެވެ.

ލަންކާގެ ރިޔާސީ ގަނޑުވަރުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރައީސް ރާޖަޕަކްސާ ރޭ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާ ބައްދަލުކުރެއްވި ކަމަށެވެ. އަދި ބުނެފައި ވަނީ އިންޑިއާގެ އަންދުރާ ސްޓޭޓާއި ޓެމިލްނާޑޫ ސްޓޭޓްގެ ޖަލުތަކުގައި ތިބި މަސްވެރިން މިނިވަން ކުރެއްވުމާ މެދު ވިސްނެވުމަށް މޯދީއާއި އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ރާޖަޕަކްސާ އެދިވަޑައިގެންނެވި ކަމަށެވެ.

ސްރީލަންކާގައި މެރުމަށް ހުކުމްކޮށްފައި ތިބި އިންޑިއާގެ ފަސް މަސްވެރިންނަށް ރާޖަޕަކްސާ މައާފު ދެއްވާފައި ވާތީ މޯދީ ޝުކުރު އަދާކުރެއްވި ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

ދެބޭފުޅުން މަޝްވަރާކުރެއްވި އެހެން ބައެއް ކަންތައްތަކުގެ ތެރޭގައި ސާކް ސަރަހައްދުގައި ވިޔަފާރި ފުޅާ ކުރުމަށް މަސައްކަތް ކުރުމާއި ސާކްގެ ދައުރު މިހާރަށް ވުރެ ފުޅާ ކުން ހިމެނެއެވެ.

އިންޑިއާގެ ބޮޑުވަޒީރާއި ސްރީލަންކާގެ ރައީސް ބައްދަލުކުރެއްވީ ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ކުރިއަށްދާ 18 ވަނަ ސާކް ސަމިޓްގެ ހަވާސާގައެވެ. އެ ސަމިޓްގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނާ ވެސް އެދެ ބޭފުޅުން ވަނީ ބައްދަލުކުރައްވާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު