ތުލުސްދޫ ޝިހާމް މަރާލި ނިޔާޒު މަރަން ހުކުމް ކޮށްފި

ކ. ތުލުސްދޫ ބިޖިލީއުފާ އަލީ ޝިހާމް މަރާލި ކަމުގެ ކުށް އެރަށު ރެޑްރޯސް މުހައްމަދު ނިޔާޒުގެ މައްޗަށް ޝަރީއަތުގައި ސާބިތުވެ އޭނާ މެރުމަށް ދާދި ދެންމެއަކު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އެ ކޯޓުގެ ފަނޑިޔާ އަހްމަދު ސަމީރު އަބްދުލް އަޒީޒު މިއަދު އިއްވެވި ހުކުމުގައި އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ ހިލާފު ނުވާގޮތުގެ މަތިން ނިޔާޒު މެރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގައި ވަނީ އަމުރުކޮށްފައެވެ.
ކ.ތުލުސްދޫ، ރެޑްރޯސް، މުހައްމަދު ނިޔާޒު ފުލުހުންގެ ވެހިކަލަށް އަރުވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ ހުކުމުގައި ވަނީ، ޝިހާމަށް ވަޅިން ހަމަލާދިނީ، މަރާލުމުގެ ގަސްދު އޮވެގެން ނޫންކަމަށް ނިޔާޒު ބުނިކަމުގައި ވީ ނަމަވެސް، މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ 6:50 އެހައިކަންހާއިރު ނިޔާޒު އޭނާގެ ގެއިން 11 އިންޗީގެ ވަޅިއެއް ހިފައިގެން ގޮސް އެރަށު ދުންފަޅުގޭގެ އިރު އުތުރު ފާރާތު ގަހެއްގައި އެލުވާލާފައި އޮތް ޖޯއްޔެއްގައި ޝިހާމް އޮއްވައި، ގޮސް އެވަޅި ޝިހާމުގެ ގަޔަށް ހަރާލިކަމަށް ޝަރީއަތުފައި ނިޔާޒު ބުނެފައި ވާތީއާއި ޝިހާމް މަރުވެފައި ވަނީ، އެ ހަމަލާގެ ސަބަބުން ކަމަށް ޝަރީއަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށެވެ.
ކ.ތުލުސްދޫ، ރެޑްރޯސް، މުހައްމަދު ނިޔާޒު--- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ، ޝިހާމުގެ ވާރިސުންގެ ތެރޭން އޭނާގެ ބައްޕަ ފަރާތު މާމައާއި އޭނާގެ އަންހެނުން، ގިޞާސް ހިފަން ބޭނުންކަމަށް ބުނެފައިވާތީ އާއި އަދި ބާލިޣުނުވާ އޭނާގެ ދެ ދަރިންގެ ފަރާތުން އޭނާގެ އަންހެނުން އެ ދެކުދިންގެ ފަރާތުން ވެސް މަރަށް މަރުހިފަން ބޭނުންވާކަމަށް ބުނެފައިވާ ކަމަށެވެ.
ކ.ތުލުސްދޫ، ރެޑްރޯސް، މުހައްމަދު ނިޔާޒު ފުލުހުންގެ ވެހިކަލަށް އަރުވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ބާލިޣުނުވާ ކުޑަކުދިން ތިބިނަމަ، މަރުގެ މައްސަލަތަކުގައި އަމަލުކުރާނޭ ގޮތަކާ މެދު އެކުދިންގެ ފަރާތުން އެކުދިންގެ މަންމައަށް ގޮތެއް ނިންމިދާނޭ ކަމަށް މާލިކީ މަޒުހަބުގައި ބުނެފައިވާކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ހުކުމް އިއްވުމަށް ފަހު ފަނޑިޔާރު ވަނީ، ނިޔާޒަށް ނަސޭހަތް ދެއްވާފައެވެ. އެގޮތުން އެ ހުކުމް ނިޔާޒުގެ މައްޗަށް ތަންފީޒު ނުކުރިޔަސް އޭނާ ތައުބާވުމަށް ފަނޑިޔާރު ނަސޭހަތްތެރިވެވެޑައިގަތެވެ. ތައުބާ ވުމުގެ ގޮތުން ވިދިވިދިގެން ދެ މަސްދުވަހު ރޯދަހިފުމަށް ނިޔާޒަށް ފަނޑިޔާރު އިލްތިމާސްކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު