އެއްފަސްކުރަން ހުށަހެޅުމަށް ފާސްކޮށްފި

އަންނަ އަހަރުގެ ތެރޭގައި އެއްފަސް ކުރުމުގެ ޕްލޭނެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރު ހިންގާ ޕީޕީއެމުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ހުށަހެޅި ހުށަހެޅުން އެ ކޮމިޓީން ފާސްކޮށްފި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު ބަޖެޓަށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންގައި ބުނެފައިވަނީ ރާއްޖެ އެއްފަސް ކުރުމުގެ ޕްލޭނެއް 2016 ވަނަ އަހަރުގެ ބަޖެޓުގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ބަޖެޓު ހުށަހެޅި ދުވަހު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރުމަށް "ވީހާ ވެސް އަވަހަކަށް" އާބަދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތެއް އެކަށައަޅައި އެކަމަށް އަމަލީ ސިފަ ގެންނަން ޖެހެއެވެ. އެ މަސައްކަތަކީ އުނދަގޫ ކަމަކަށް ވިޔަސް އެއީ ކޮންމެހެން ކުރަން މުހިއްމު ކަމެއް ކަމަށާއި އާބާދީ އެއްފަސް ކުރުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށް ޖިހާދު ވިދާޅުވި އެވެ.

"އަވަސް ފުރުސަތެއްގައި އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތެއް އެކަށައަޅައި އެއަށް އަމަލީ ސިފައެއް ގެނައުން މުހިއްމު. މިކަމުގައި ތިޔަ އިއްޒަތްތެރި މަޖިލީހުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުން ވާނެ ކަމަށް އަޅުގަނޑު ދެކެން،" ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ އިގްތިސާދީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

ރާއްޖޭގެ 190އަށް ވުރެ ގިނަ ރަށުގައި މީހުން ދިރިއުޅޭ އިރު މިއިން ކޮންމެ ރަށަކަށް އަސާސީ ހިދުމަތް ދިނުމަކީ ބޮޑު ގޮންޖެހުމެކެވެ. ކޮންމެ ރަށެއްގައި ސިއްހީ ހިދުމަތްދޭނެ ތަންތަނާއި ސްކޫލުތަކާއި ސަރުކާރުގެ މުއައްސަސާތައް ހިންގަންޖެހުމުން އެކަމުގެ ސަބަބުން ފައިދާއެއް ނުވާއިރު އެކަމުގެ ސަބަބުން ވަނީ ބޮޑެތި ހަރަދުތަކެއް ކުރަންޖެހިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު