ގަސްކާނާ ހަދަން ދަސްކުރައްވަން ވަޑައިގަންނަވާ ބޭފުޅުންނާ ތޯރިގު ބައްދަލުކުރައްވައިފި

ފަނާވާ ޒާތުގެ ކުނިން ކާދު (ގަސްކާނާ) ހެދުމުގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ބައެއް ކައުންސިލްތަކުގެ ފަރާތުން ސްރީލަންކާއަށް ވަޑައިގަންނަވާ ބޭފުޅުންނާ އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް މިއަދު ބައްދަލުކުރައްވައިފި އެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީގައި މިއަދު ހެނދުނު މިނިސްޓަރު ބައްދަލުކުރެއްވީ، ނ، ރ، ބ، އަދި ޅ އަތޮޅާއި އަރި އަތޮޅުގެ ރަށު ކައުންސިލްތަކާއި ލ. އަތޮޅު ކައުންސިލް ހިމެނޭ ގޮތުން 24 ބޭފުޅަކާއެވެ. އެބޭފުޅުންނަކީ މިނިސްޓްރީގެ ފަރާތުން ސްރީލަންކާއަށް ފޮނުއްވާ ބޭފުޅުންނެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު ނަސީމު

ތަމްރީނު ފުރިހަމަ ކުރެއްވުމަށް ފަހު އެނބުރި ރަށްތަކަށް ވަޑައިގެން އިތުރު ބޭފުޅުން ތަމްރީނު ކޮށްދެއްވުމަށް ބައްދަލުވުމުގައި މިނިސްޓަރު އެދިވަޑައިގެންނެވި އެވެ. ވިދާޅުވީ، އެގޮތަށް އެކަން ވެއްޖެ ނަމަ އުފެދޭ ހަލާކުވާޒާތުގެ (އޯގަނިކް) ކުނީގެ ބޭނުން ރަނގަޅު ގޮތުގައި ކުރަން ދާދި އަވަހަށް މުޅި ރާއްޖޭގައި ވެސް ފެށޭނެ ކަމަށެވެ.

"... ތިޔަ ބޭފުޅުން އެބަ ޖެހޭ ގާތްގަނޑަކަށް ވިއްސަކަށް ނޫނީ ތިރީހަކަށް ބޭފުޅުން ރަށަށް ވަޑައިގެން ޓްރެއިން ކުރައްވަން. އެގޮތަށް އެކަންތައްތައް ކުރެވިއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަމަ ކައިރި މުސްތަގުބަލެއްގައި ފަނާވާ ޒާތުގެ ކުނިން އަޅުގަނޑުމެންނަށް އޭގެ ބޭނުން ހިފޭނެ ގޮތަކަށް ހަމަޖެހިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު ނަސީމު

ފަނާވާ ޒާތުގެ ކުނިން ކާދު ހެދުމުގެ ތަމްރީނު ކުރިން 60 ބޭފުޅަކު ހޯއްދަވާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި އެގޮތުން އަރިއަތޮޅުގެ ބައެއް ރަށްރަށުގައި މިހާރު އެމަސައްކަތް ކާމިޔާބު ކަމާ އެކު ހިނގަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގައި ރަނގަޅު ގޮތުގައި ކުނި ނައްތައިލެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ. ފަނާވާ ޒާތުގެ ކުނިން ކާދު ހެދުމަށް މީހުން ތަމްރީނު ކުރުމަކީ ވެސް އެގޮތުން ކުރިއަށް ގެންދާ ކަމެއް ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު