ސީސީ ޕެރިހަށް ވަޑައިގަތުމާއެކު އޭނާ ހައްޔަރުކުރުމަށް އެދި ކޯޓަށް މައްސަލައެއް ހުށަހަޅައިފި

ޕެރިސް (ނޮވެމްބަރު 27): މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ފަރަންސޭސިވިލާތަށް ވަޑައިގެން އެގައުމުގެ ރައީސް ފޮންސުވާ އޮލާންދް އާ ބައްދަލުކުރައްވައިފި އެވެ.

މިއީ މިއަހަރުގެ ކުރީކޮޅު މިސްރުގެ ވެރިކަމާ ސީސީ ޙަވާލުވެވަޑައިގެންނެވުމަށްފަހު ފަރަންސޭސިވިލާތަށް އޭނާ ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ސީސީ ޕެރިހަށް ވަޑައިގެންނެވިތާ ދެތިން ގަޑިއިރު ތެރޭގައި ފަރަންސޭސި ގާނޫނީ ވަކީލުންގެ ޓީމަކުންވަނީ ސީސީއާ ދެކޮޅަށް އެގައުމުގެ ކޯޓަކަށް ޖިނާއީ ދައުވާއެއް އުފުލާފައެވެ. މިއީ ސީސީގެ ވެރިކަމުގައި މިސްރުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާއި ޖަރީމާތަކާބެހޭ މައްސަލައެއް ކަމަށްވެ އެވެ.

މި މައްސަލަ ނިސްބަތްވަނީ ސީސީގެ ވެރިކަމުގައި ސިޔާސީ ކަމެއްގައި ގާހިރާގެ ޖަލެއްގައި ހައްޔަރުކުރި މިސްރުގެ ކިޔަވާދެކުދިންނަށެވެ. އެ ދެކުދިންގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލުމަށްފަހު ފަރުވާ ނުދިން މައްސަލައާއި އަދި ކަރަންޓް ޖައްސައި އަދި އޭގެ އިތުރުން އެ ދެކުދިންނަށް ޖިންސީ ގޯނާވެސް ކުރި ކަމަށް މި މައްސަލައިގައި ސީސީއާ ދެކޮޅަށް ދައުވާކުރި ގާނޫނީ ވަކީލުން ބުނެ އެވެ.

މިސްރުގެ ދިމުގްރާތީ ރައީސް ޑރ. މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލި އަސްކަރީ އިންގިލާބުގެ ލީޑަރަކީ ސީސީ އެވެ. މި އިންގިލާބަށްފަހު ގާއިމްކުރި މިސްރުގެ އިންތިގާލީ ސަރުކާރުގައި ސީސީ ދިފާޢި ވަޒީރަކަށް ހުންނެވިއިރު މިސްރުގެ ސިފައިންވަނީ މުރުސީއަށް ތާއީދުކުރާ އެތަށް ހާސްބަޔަކު ގާހިރާގެ އެކި ސަރަހައްދުތަކުގައި ދިން ބަޑީގެ ޙަމަލާތަކުގައި މަރާލާފައެވެ. މީގެތެރެއިން އެއްބަޔަކު އެއްފަހަރާ އެންމެ ގިނައިން މަރާލާފައިވަނީ ގާހިރާގެ ރާބިޢާ އަލްއަދަވިއްޔާ މައިދާނުގަ އެވެ. އެތަނުގައި ކުރިޔަށްގެންދިޔަ އިޙްތިޖާޖްތައް ރޫޅާލުމަށް މިސްރު ސިފައިން 2012 ވަނަ އަހަރު ބަޑިންނާއި ބަރުހަތިޔާރުން ދިން ޙަމަލާތަކުގައި އެއްދުވަހުގެ ތެރޭގައި 800 މީހުން މަރާލި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފަރަންސޭސި ބައެއް ސިޔާސީ ފަރާތްތަކުންވަނީ ސީސީއާއެކު ރައީސް އޮލާންދް ކުރައްވާ މަޝްވަރާތަކުގައި އޭނާގެ ވެރިކަމުގައި މިސްރު ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ މައްސަލަ ހިމެނުމަށް ގޮވާލައްވާފަ އެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ ސީސީފަދަ މިސްރުގެ ޑިމޮކްރަސީގެ ނިޒާމު ހަލާކުކޮށް އެ ނިޒާމާ ދެކޮޅަށް އަސްކަރީ އިންގިލާބެއް ގެނެސް އާންމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ ވެރިއަކު ފަރަންސޭސިވިލާތަށް ޒިޔާރަތް ކުރެއްވުމާ ދެކޮޅަށް ބަޔާންތައް ދެއްވާފަ އެވެ.

ސީސީއާ ދެކޮޅަށް ޕެރިހުގެ ކޯޓަށް އުފުލި ދައުވާގައިވަނީ އޭނާގެ ވެރިކަމުގައި މިސްރު ސަރުކާރުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވި ދެ ކިޔަވާކުދިންގެ މައްސަލަ ބަލައި ތަހްގީގްކޮށް ސީސީ ހައްޔަރު ކުރުމަށް އެދިފަ އެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު