ސީރިޔާގައި ކުރިޔަށްދަނީ ޓެރަރިޒަމާ އިދިކޮޅު ހަނގުރާމައެއް: ރަޝިޔާ

މޮސްކޯ (ނޮވެމްބަރު 27): ސީރިޔާގައި ކުރިޔަށްދަނީ ޓެރަރިޒަމާ އިދިކޮޅު ހަނގުރާމައެއް ކަމަށް ރަޝިޔާއިން ބުނެފި އެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ، ސީރިޔާގައި ކުރިޔަށްދަނީ ޓެރަރިޒަމާ އިދިކޮޅު ހަނގުރާމައެއް ކަމަށާއި އެ ހަނގުރާމައިގައި ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަޝިޔާ ދެމިއޮންނާނެ ކަމުގައެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވެފައިވަނީ އެގައުމަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ސީރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލްމުޢައްލިމް އާ ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައެވެ.

ކަޅު ކަނޑުގެ އައްސޭރީގައިވާ ރަޝިޔާގެ ސުޗީ ރެޒޯޓްގައި ސޫރިޔާގެ ޚާރިޖީ ވަޒީރާއެކު އިއްޔެ ބޭއްވި ނޫސްކޮންފަރެންސްގައި ލާވްރޯވް ވިދާޅުވީ، ސީރިޔާއަށް ކުރިމަތިވެފައިވާ މައިގަނޑު ނުރައްކަލަކީ ޓެރަރިޒަމްގެ ނުރައްކާ ކަމަށް ރަޝިޔާއިން ދެކޭ ކަމަށާއި މިކަމުގައި ސޫރިޔާ ސަރުކާރުގެ ވިސްނުމާއި ރަޝިޔާގެ ވިސްނުން އެއްގޮތްކަމުގައެވެ.

ސީރިޔާގެ ޚާރިޖީ ވަޒީރު ރަޝިޔާއަށް ވަޑައިގެން މި އުޅުއްވަނީ އެގައުމުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާ ގުޅިގެން ބޭނުންވާ އެކިބާވަތުގެ އެހީތައް ހޯދުމުގެ އިތުރުން ސީރިޔާގެ އިދިކޮޅު ފަރާތްތަކާއެކު ސުލްހައިގެ ވާހަކަތަކުގެ އައު ބުރެއް ބޭއްވުމުގައި ރަޝިޔާގެ އެއްބާރުލުން ހޯދުމުގެ މަގްސަދުގައި ކަމަށްވެއެވެ.

ދާދިފަހުން ރަޝިޔާގެ މަސްއޫލުވެރިން ވަނީ، ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުގެ މަސްއޫލުވެރިންނާއި އެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކުގެ މަސްއޫލުވެރިންގެ ބައްދަލުވުމެއް މޮސްކޯގައި ބޭއްވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމަ ހުއްޓުވުމުގެ ގޮތުން 2012 ވަނަ އަހަރުގައާއި މިދިޔަ ޖަނަވަރީ މަހު ޖެނީވާގައި ބޭއްވި އެގައުމުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ސުލްޙައިގެ ވާހަކަތައްވަނީ ކޮޅެއްގައި ނުޖެހި ނިމިގެން ގޮސްފައެވެ.

ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންވެސް ވަނީ އެގައުމަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ސީރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލްމުޢައްލިމް އާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސޫރިޔާ ސަރުކާރަށް އަސްކަރީ، ސިޔާސީ އަދި އިގްތިސާދީ އެހީ ރަޝިޔާއިން ދެމުން ގެންދާނެކަމުގެ ޔަގީންކަން މުއައްލިމަށް ދެއްވި ކަމަށް ވެއެވެ. މިއީ 2011 ވަނަ އަހަރުގެ ފަހުކޮޅު ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނުފަހުން އެގައުމަށް ވަޑައިގެންނެވި ސީރިޔާގެ އިސް މަސްއޫލުވެރިއަކާ ރައީސް ޕޫޓިން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އެގައުމުގެ ސަރުކާރަށް އެހީތެރިވާ ދެގައުމަކީ ރަޝިޔާއާއި އީރާން ކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. މި ހަނގުރާމައިގައި ސީރިޔާގެ ތިން ލައްކައެއްހާ މީހުން މަރުވެ އަށް މިލިޔަން މީހުން ހާލުގައި ޖެހިފައިވެއެވެ.

ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް ފައިސާއާއި ހަތިޔާރު ދީގެން އެގައުމުގައި ދާޚިލީ ހަނގުރާމަ ފެއްޓުވީ އެމެރިކާއާއި ޔޫރަޕްގެ އިތުރުން ގަލްފުގެ އަރަބި ގައުމުތަކާއި ތުރުކީ ކަމަށް ސީރިޔާ ސަރުކާރުން ބުނެއެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު