އޮރެންޖު ތޮށީގެ 10 ފައިދާއެއް

ގިނަ މީހުން އޮރެންޖުގެ ތޮށި މަށާލުމަށްފަހު އުކާލާނީ އެވެ. ނަމަވެސް އެނގޭހެއްޔެވެ؟ އޮރެންޖުގެ ތޮއްޓަކީ ޒަމާނުއްސުރެ ބޭސްފަރުވާއަށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އޮރެންޖުގެ ތޮށިން ލިބޭ ސިއްހީ ފައިދާތަކުގެ އިތުރުން އެތޮށި ބޭނުންކުރެވޭނެ ބައިވަރު ގޮތްގޮތް ހުރެއެވެ. އެގޮތުން މިލިޔުމުގައި ކިޔާލަދޭނީ އޮރެންޖުގެ ތޮށި އެއްލާނުލައި އޭގެ ބޭނުން ހިފޭނެ ތަފާތު 10 ގޮތެއްގެ ވާހަކަ އެވެ.

* އޮރެންޖުގެ ތޮށިން ލިބޭ ސިއްހީ ފައިދާތައް:

1. ހަށިގަނޑުން ކޮލެސްޓްރޯލް (ސަރުބީ) މަދުކޮށްދޭ

އޮރެންޖުގެ ތޮއްޓަކީ ހަށިގަނޑުން ސަރުބީ ނައްތާލުމަށް މަސައްކަތްކޮށްދޭނެ މުހިންމު މާއްދާތަކަކުން މުއްސަނދިވެފައިވާ އެއްޗެކެވެ. ހިތުގެ ނާރުތައް ބައްދާލާ ނުރައްކާތެރި "އެލްޑީއެލް" ނުވަތަ ނުރައްކާ ކޮލެސްޓްރޯލް މަދުކުރުމަށް އޮރެންޖުގެ ތޮށި ބޭނުން ކުރެވިދާނެ އެވެ.

2. ހަށިގަނޑުގައި ކެންސަރު ސެލްސްތައް ފެތުރުން ލަސްކޮށްދޭ

ކެންސަރު ޖެހިފައިވާ މީހުންނަށް ވެސް އޮރެންޖުގެ ތޮއްޓަކީ ލާބަ ހުރި އެއްޗެކެވެ. އެތޮށީގައި ހުންނަ ކެމިކަލްތަކެއްގެ ސަބަބުން ކެންސަރު ސެލްތައް އިތުރަށް ބޮޑުވުމާއި ހަށިގަނޑު ތެރޭގައި ފެތުރުން ލަސްކޮށްދެއެވެ.

3. މެއިން ދިލަނެގުން ކަނޑުވައިދޭ

ބަނޑުގައި ހެދޭ ގޭހުގެ ސަބަބުން މެއިން ދިލަނަގާނަމަ ބޭސްތަކެއް ކެއުމުގެ ބަދަލުގައި އޮރެންޖުގެ ތޮށި ކެއުން އިހުތިޔާރުކުރާށެވެެ. ދިރާސާތަކުން ދައްކާގޮތުގައި އޮރެންޖުގެ ތޮށީގައި ހުންނަ "އެކްޓިވް" ކެމިކަލްތަކެއް މެއިން ދިލަނެގުން ކަނޑުވާލުމަށް އެހީވެއެވެ. އަދި ދިގު މުއްދަތަކަށް މެއިން ދިލަނެގުން ކަނޑުވާލުމަށްޓަކައި ޖެހިޖެހިގެން ވިހި ދުވަސްވަންދެން ކޮންމެ ދުވަހަކުވެސް އޮރެންޖުގެ ތޮށި ކާށެވެ.

4. ހަށިގަނޑުގައި ކާނާ ހަޖަމުކުރުމުގައި ޖެހޭ މައްސަލަތައް ހައްލުކޮށްދޭ

އޮރެންޖުގެ ތޮށީގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެންވެއެވެ. ފައިބަރަކީ ބޮޑުކަމުދިޔުމަށް ފަސޭހަކޮށްދޭ މާއްދާއެކެވެ. ހަށިގަނޑުގައި ކާނާ ހަޖަމުކުރުމުގައި އެހީވާ ނިޒާމު ނުވަތަ "ޑައިޖެސްޓިވް ސިސްޓަމް" ރަނގަޅުކުރުމަށް ކަޅު ސައިތައްޓެއްގެ ތެރެއަށް އޮރެންޖެއްގެ ތޮށިން ހަދާފައި ހުންނަ ހާއްސަ ތެލެއްކަމަށްވާ "އޮރެންޖު ޕީލް އެކްސްޓްރެކްޓް" އަޅައިގެން ބޯލާށެވެ.

5. ނޭވާލާ ނިޒާމަށް ދިމާވާ މައްސަލަތަކުން ދުރުކޮށްދޭ

އޮރެންޖުގެ ތޮއްޓަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ވިޓަމިނެއް ކަމަށްވާ ވިޓަމިން 'ސީ' އިން ފުރިފައިވާ އެއްޗެކެވެ. ނޭވާލާ ނިޒާމަށް ޖެހޭ ތަފާތު ބަލިތައް ކަމަށްވާ "ބްރޮންކައިޓިސް"، ރޯގާ، ފުލޫ، ނެވާ ހިއްލާ ބަލި، އަދި ފުއްޕާމޭގެ ކެންސަރުން ވެސް ރައްކާތެރިވުމަށް އޮރެންޖުގެ ތޮށި ބޭނުންކުރެވިދާނެ އެވެ.

* އޮރެންޖުގެ ތޮށި ބޭނުންކުރެވިދާނެ އެހެނިހެން ގޮތްގޮތް:

6. އެއާ ފްރެޝްނާއެއްގެ ގޮތުގައި

އޮރެންޖަކީ މީރު ވަހެއް ހުންނަ މޭވާއެކެވެ. ގިނަ އެއާ ފްރެޝްނާ ފުޅިތަކާއި ސެންޓުފުޅި ތައްޔާރުކުރުމުގައި ވެސް އޮރެންޖު ބޭނުންކުރުމަކީ އާންމު ކަމެކެވެ. ގޭގައި އަމިއްލައަށް އެއާ ފްރެޝްނާއެއް ހަދާލުމަށްޓަކައި، ފޮތިކޮޅެއްގައި ކުދިކުދި ލޯވަޅު ކަފާފައި ކުޑަ ކޮތަޅެއްހެން ތައްޔާރުކޮށްލާށެވެ. އެއަށް ފަހު އޭގެތެރެއަށް އޮރެންޖުގެ ތޮއްޓާއި، ހުވަނދުމަލާއި އެހެނިހެން މީރުވަސް ދުވާ އެއްޗެހި އަޅާފައި ބަންދުކުރުމަށް ފަހު ފަންކާ ނުވަތަ އޭސީ ނޫނީ ކުޑަދޮރެއްގެ ކައިރީގައި އެލުވާލާށެވެ.

7. ދަަތްތައް ހުދުކުރުމަށް

ރީނދޫކުލަ ޖެހިފައި ހުންނަ ދަތްތައް ހުދުކުރުމަށް އޮރެންޖުގެ ތޮށި ބޭނުންކުރެއެވެ. ގިނަ މީހުން ގަބޫލުކުރާގޮތުގައި އޮރެންޖުގެ ތޮށި ބޭނުންކުރުމުން ދަތްތައް ބަލިވުމަށް މަގުފަހިވެއެވެ. ނަމަވެސް ހަގީގަތުގައި އޮރެންޖުގެ ތޮއްޓަކީ ދަތްތައް ބަލިވުމުން ސަލާމަތްކޮށްދީ ދަތްތައް ހުދުކުރުމުގައި އެހީވާ އެއްޗެކެވެ. އޭގެއިން ދަތްތައް ހުދުކުރަން ބޭނުންވާނަމަ އޮރެންޖުގެ ތޮށިން ޕޭސްޓެއް ހަދައިގެން ނުވަތަ އޭގެ ހުދުބައި ދަތްތަކުގައި ބާރުލާފައި ރަނގަޅަށް ހާކާލާށެވެ.

8. ހަޑިވެފައި ހުންނަ ތަންތަން ސާފުކުރުމަށް

ތަށި ދޮންނަން ބޭނުންކުރާ ސިންކަކީ ދުވާލަކު އެއްފަހަރު ނަމަވެސް ސާފު ނުކުރާނަމަ ވަރަށް ހަޑިވާނެ އެއްޗެކެވެ. ސިންކުގައި ހަރުލާފައި ހުންނަ ތަފާތު ކާއެއްޗެހީގެ ވަހާއި ތެޔޮތައް ފިލުވާލުމަކީ ވަރަށް އުނދަގޫ ކަމަކެވެ. ނަމަވެސް ހަޑިވެފައި ހުރި ސިންކެއްގައި އޮރެންޖުގެ ތޮށި ބާރުލާފައި ހާކާލުމުން އެތަންތަން ސާފުވާނެ އެވެ. އަދި މީރު ވަސްވެސް ފެތުރިގެންދާނެ އެވެ.

9. ގަސް ކާނާގެ ގޮތުގައި

އޮރެންޖުގެ ތޮށީގައި ގިނަ އަދަދަކަށް "ނައިޓްރޮޖަން" އެކުލެވިގެންވެއެވެ. އަދި "ނައިޓްރޮޖަން" އަކީ ގަސްގަހާގެހި ހެދިބޮޑުވުމަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ. އެހެންވުމުން ގަސް އިންދާފައި ހުންނަ ފަސްގަނޑުގެ ތެރެއަށް އޮރެންޖުގެ ތޮށި އެޅުމުން އެ ވެލިގަނޑު "ނައިޓްރޮޖަން" އާއި އޮރެންޖުގެ ތޮށީގައި ހުންނަ އެހެނިހެން މިނަރަލްސްތަކުން މުއްސަނދިވެގެންދާނެ އެވެ.

10. ހަމުގެ ކުލަ އަލިކުރުމަށް

ހަމުގެ ކުލަ އަލިކުރުމަށް އޮރެންޖުގެ ތޮށީގައި ހުންނަ ވިޓަމިން ސީ އެހީވާނެ އެވެ. އޮރެންޖުގެ ތޮށިން ހަދާފައި ހުންނަ ތެލެއްކަމަށްވާ "އޮރެންޖް ޕީލް އެކްސްޓްރެކްޓް" ހަންގަނޑުގައި ހޭކުމުން ހަމުގައި ހުންނަ ބިހިތަކާއި، އޮށާޅަތަކުގެ އިތުރުން ކަޅު ތިކިތައް ވެސް ފިލައިގެންދާނެ އެވެ. އަދި މިގޮތަށް ބޭނުންކުރާއިރު "އޮރެންޖް ޕީލް އެކްސްޓްރެކްޓް" ކުޑަ ފެން ފޮދެއްގެ ތެރެއަށް ގިރާލުމަށް ފަހު މޫނުގައި މަސާޖުކުރާގޮތަށް ހާކާލާށެވެ.

މައުލޫމާތު: ހެލްތު ޑައިޖެސްޓު
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު