ފުލުހުން ގެންދިޔަ ތަކެތި އަދިވެސް ނުދޭ: ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ފުލުހުން ގެންދިޔަ ތަކެތި އަދިވެސް ހަވާލުކޮށްފައި ނުވާކަމަށް އެކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޝަމާއު ޝަރީފް ވިދާޅުވީ، މިއަދު އިރުއޮއްސުމުގެ ކުރިން އެތަކެތި އަނބުރާ ދެއްވާނެ ކަމަށް ފުލުހުން ވިދާޅުވި ކަމަށާއި، ނަމަވެސް އަދި މިހާތަނަށް އެތަކެތި އެ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ސިޓީކައުންސިލުން ކުރި މަސައްކަތުން އެއްވެސް ހަބަރެއް ވެފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ރޭ ފުލުހުން މާލޭ ސިޓީ ކައުންސިލަށް ވަނީ ފުލުހުން ކުރަމުން ގެންދާ ތަހްގީގަކަށް ބޭނުންވާ ހެކި ހޯދުމަށް ކަމަށާއި ހެކީގެ ގޮތުގައި ބޭނުން ކުރެވޭނެ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ފުލުހުން އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލަށް ވަނުމަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ވަނީ ރާއްޖޭގެ ބިމާ ބެހޭ ގާނޫނުގެ ދަށުން ހައުސިން މިނިސްޓްރީން އެކުލަވާލަމުން ގެންދާ ރާއްޖޭގެ ބިމުގެ ދަފްތަރުގެ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ސާވޭ އޮތޯރިޓީން މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ޕީޑީއެފް ފައިލްތަކުގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބަޔަކު އެ މައުލޫމާތުތައް އެހެންފަރާތަކަށް ހިއްސާކޮށް ނާޖާއިޒު ފައިދާ ތަކެއް ނަގަމުންދާ މައްސަލައާ ގުޅިގެން ހެކި ގަރީނާ ހޯދުމަށާއި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް، އެތަނުގެ ތެރެއަށް ވަނުމަށް އެ އަމުރުން ހުއްދަދީފައިވާ ކަމަށެވެ.

މާލެ ސިޓީގެ މޭޔަރު މުޙައްމަދު ޝިހާބު ވިދާޅުވީ، ކޯޓުއަމުރައި ހޯދުމަށް ބުނެފައިވާ މައުލޫމާތަކީ އެކައުންސިލަށް ލިބިފައިވާ ޑޮކިއުމެންޓެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ފުލުހުން ގެންގޮސްފައިވަނީ ސިޓީ ކައުންސިލްގެ ބިމާބެހޭ ބައިގެ ހަތް ކޮމްޕިއުޓަރުގެ ހާޑާއި ސާވާގެ ހާޑު ކަމަށެެވެ. އެކަމުގެ ސަބަބުން ސިޓީ ކައުންސިލްގެ މަސައްކަތް ހުއްޓި މުވައްޒަފުންނަށް މިމަހު އަވަހަށް މުސާރަ ދެވޭނެ ކަމާމެދު ސުވާލު އުފެދިފައިވާކަމަށްވެސް ޝިހާބް ވިދާޅުވި އެވެ.

އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު އުސާމަތު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ރޭ މާލެ ސިޓީ ކައުންސިލަށް ފުހުން ވަނީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އެތަނުގައި ހުރި ހާއްސަ ލިޔުންތަކެއް ނާޖާއިޒު ގޮތުގައި ބޭނުން ކުރާތީ އެ ލިޔެކިއުންތައް ގެންދިޔުމަށް ކަމަށެވެ. އުސާމަތު ވިދާޅުވީ ފުލުހުން ބޭނުންވާ ލިޔެކިއުންތައް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު