ސަބްސީޑީ ކަނޑާލަނީކަމަށް ބުނެ އެމްޑީޕީން ފާޑުކިޔައިފި

އަދުގެ ސަރުކާރުން އުޅެނީ ރައްޔިތުންނަށް ދެމުން އަންނަ ސަބްސިޑީތައް ކަނޑާލަން ކަމަށް ބުނެ އެމްޑީޕީއިން ސަރުކާރަށް ފާޑުކިޔައިފިއެވެ.

ކުރީގެ ނަލަހިޔާ ހޮޓަލް ސަރަހައްދުގައި އެމްޑީޕީއިން މިރޭ ބޭއްވި "ކަންމަތީ ބައްދަލުވުމެއް" ގައި ވާހަކަފުޅު ދައްކަވަމުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ ސަރުކާރުގެ މުޅި ވިސްނުން ހުރީ ރާއްޖެ ސަލާންޖެހުމުގެ ސަގާފަތައް އަނބުރާލަން ކަމަށާއި އެގޮތުން ސަބްސިޑީތައް ކަނޑާލައި ކަރަންޓް ބިލްތައް ކުރިއަށްއޮތްތަނުގައި ބޮޑުވެގެންދާނެ ކަމަށެވެ.

"މާލޭގައި މިހާރު ކަރަންޓް ބިލަށް 500 ރުފިޔާ ދައްކާ މީހާ، މިއަހަރުގެ ބަޖެޓު ފާސްކޮށް ނިމުނީމާ 2000 ރުފިޔާ ދައްކަންޖެހޭނެ،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އުޅެނީ ކާޑުގެ ބާވަތްތަކުން 10 ޕަސެންޓުގެ ޑިއުޓީއެއް ނަގުމަށާއި ތެލުގެ ޑިއުޓީ ބޮޑުކޮށް ކަރަންޓް ބިލުންދޭ ސަބްސިޑީ ކަނޑާލުން ކަމަށެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ހަނޑުލާއި ހަކުރާއި ފުށަކީ ކުރިން ސަބްސިޑީ ދޭ އެއްޗަކަށްވާއިރު ކުރިއަށް އޮތްތަނުގައި ކާޑުގެ ބާވަތްތަކުން ޑިއުޓީ ނެގުމަށް ނިންމާފައިވަނީ ސަބްސިޑި ކަނޑާލާފައިކަމަށެވެ. އަދި މިއީ "ރާއްޖެ ބަނޑަށް ޖެއްސުން" ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވެފައި ވަނީ ސަރުކާރުގެ ވިސްނުންހުރީ ކާޑުގެ ސަބްސިޑީއަކީ ނިކަމެތިންނަށް ދެވޭ އެއްޗަކަށް ހެދުމަށް ކަމަށެވެ. ސަރުކާރުން ބުނަނީ ސަރުކާރުގެ ވިސްނުމަކީ ސަބްސިޑީއަކީ ޓާގެޓް މީހުންނަށް ނުވަތަ އެއަށް ބޭނުންޖެހިފައިވާ މީހުންނަށް ދެވޭ އެއްޗަކަށް ހެދުން ކަމަށެވެ.

"ކާޑުގެ ބާވަތްތައް އަގުބޮޑުވެ ނުދީ ހިފެއްހެއްޓުމަށް ކުރެވޭ ސަބްސިޑީއަކީ ވެސް ޓާގެޓް ކުރެވިގެން ދެވޭ ސަބްސިޑީ އަކަށް ހެދުމަށް ސަރުކާރުން މިދަނީ މަސައްކަތްތަކެއް ކުރަމުން،" މިނިސްޓަރު ޖިހާދު ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ އިގްތިސޯދު ރިވިއުކުރުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އައިއެމްއެފްގެ ވަފުދުގެ ހެޑް އެލިސަން ސްޓުއަޓް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން އެ ޖަމިއްޔާ އިން ޖުމްލަކޮށް ހިތްހަމަޖެހޭ ކަމަށާއި އަދި އަލަށް ނެގުމަށް ނިންމާފައިވާ ގްރީން ޓެކްސް އަށް ތާއީދު ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށާއި އޭގެ ތެރެއިން އެންމެ ރަނގަޅު ފިޔަވަޅަކީ ސަބްސިޑީތައް ޓާގެޓު ކުރުން ކަމަށެވެ. އެގޮތުން މިހާރު ސަބްސިޑީތައް ދެވިގެންދަނީ ފަގީރެއް މުއްސަންޖެއް ތަފާތު ކުރުމެއް ނެތި ކަމަށާއި ސަބްސިޑީތަކަކީ ފަގީރުންނަށް ފައިދާވާ ގޮތަށް ދެވޭ އެއްޗަކަށް ހެދުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު