11 ހުށަހެޅުމާއެކު ބަޖެޓް ކޮމިޓީގެ މަސައްކަތް ނިންމާލައިފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި އިސްލާހުގެ ތެރެއިން 11 ހުށަހެޅުމަކާއެކު އެ ކޮމިޓީގެ މަސައްކަތް ރަސްމީކޮށް މިރޭ ނިންމާލައިފި އެވެ.

މިރޭގެ ބަޖެޓު ކޮމިޓީގައި ރެކަމަންޑޭޝަންތަކަށް އެހުމުން ހިޔާލު ތަފާތުވެ ޕާޓީތަކުގެ ހިޔާލު އެއްގޮތް ކުރުމަށް ކޮމިޓީގެ މެދުކަނޑާލި އެވެ. ޕާޓީތަކުން ހުށަހެޅި ރެކަމަންޑޭޝަންތަކުގެ ތެރެއިން ޕީޕީއެމުން ހުށަހެޅި ހުރިހާ ރެކަމަންޑޭޝަނެއް ވަނީ ފާސްވެފައެވެ. އެހެންނަމަވެސް އެމްޑީޕީން ހުށަހެޅި ގިނަ ރެކަމަންޑޭޝަންތައް ފާސް ނުވާކަން ފާހަގަކޮށްލެވެ އެވެ.

ޕީޕީއެމުން ހުށަހެޅި ރެކަމަންޑޭޝަންގެ ތެރޭގައި ކައުންސިލްތަކުގެ އަދަދު މަދުކޮށް ކައުންސިލްގެ ރައީސް ފިޔަވާ ދެން ތިބި މެމްބަރުން ޕާޓް ޓައިމްކުރުމަށް ކަނޑައެޅުން ހިމެނެ އެވެ.

އެމްޑިޕީން ހުށަހެޅި ރެކަމަންޑޭޝަންގެ ތެރޭގައި ޕޭ ކޮމިޝަނެއް ހަދައި ދައުލަތުގެ މުސާރަތައް އެއް ލެވެލްކޮށް މުސާރައިގެ ފަރަގުތައް 2015ވަނަ އަހަރުގެ ކުރިން ނިންމުން ހިމެނެ އެވެ. އެމްޑީއޭއިން ހުށަހެޅީ އެންމެ ރެކަމަންޑޭޝަނެކެވެ. އެއީ ގެދޮރު އިމާރާތް ކުުރުމާއި އޮޑި ދޯނިފަހަރު ބަނުމަށް އިންޓްރެސްޓް ކުޑަ ލޯނެއް ދޫކުރާނެ ނިޒާމެއް ގާއިމް ކުރުމެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ 24.3 ބިލިއަން ރުފިޔާގެ ބަޖެޓެ ކެވެ. އޭގެތެރޭގައި 6.2 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ޕީއެސްއައިޕީގެ ޕްރޮގުރާމްތަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު