އަމިއްލަ ހިތަށް ވިސްނައިދީފައި ބްރޭކްއަށް ދާން ނިކުންނަން އުޅެނިކޮށް ރިސެޕްޝަނުގައި އިންނަ ކުއްޖާ ގުޅާފައި ބުނީ ފިރިހެނަކު އޭނާ ހޯދަން އައިސް ހުރި ވާހަކައެވެ. އެވަގުތު އެއީ ކާކުކަމާމެދު ސުވާލު އުފެދިފައި މާއިޝާގެ ގައިން ހީބިހި ނަގައިލިއެވެ. އޭނާ ޖެހިލުންވެ ހުރެގޮސް ލިފްޓަށް އަރާހުއްޓާ މެހެރީން ގުޅާތަން ފެނިގެން އަވަހަށް ފޯނު ނެގިއެވެ. "އިޝީ. ހަމަ އަސްލުވެސް އިޝީތަ ތީ؟" މާއިޝާ ހަލޯއޭ ކިޔާލުމުން މެހެރީން ޔަޤީން ނުވެގެން އުޅޭ މީހަކު ފަދައިން ސުވާލު ކުރިއެވެ.

"ކިހިނެތްވީ؟ މިހާރު އަހަރެންގެ އަޑުވެސް ފާހަގަ ނުވަނީތަ؟" މާއިޝާ ހައިރާންވިއެވެ. "ނޯ..ޑޭމް އިޓް. އަހަރެން ސަޕްރައިޒްވެފަ މިހުރީ އިޝީ އަހަރެންނާއި ވާހަކަ ދައްކާތީ. ބުނެބަލަ ކިހާ ދުވަހެއް މިވީ ޚަބަރެއްނުވާތާ؟ ދިރިހުރިކަމެއްވެސް އެނގެނީއެއް ނޫން." މެހެރީން ރުޅިއައިސްގެން އެތިވަރު ގޮވަން ފަށާފައި ވަކި ހިސާބަކުން ރޯން ފަށައިފިއެވެ. ކަންފަތަށް އުދަނގޫވެގެން މާއިޝާ ފޯނު ކުޑަކޮށް ދުރުކޮށްލާފައި އަނެއްކާ ކައިރިކޮށްލަމުން މެހެރީން މަސަލަސް ވޭތޯ މަޢާފަށް އެދުނެވެ. އެވަގުތު ލިފްޓު ފަސްވަނަ ފަންގިފިލާގައި ހުޅުވިފައި ކޮންމެވެސް މީހަކު އެތެރެއަށް ވަދެ މާއިޝާގެ ކުރީގައި ފުރަގަސްދީގެން ހުއްޓުމާއެކު އަނެއްކާ ލެއްޕިއްޖެއެވެ. ކޮއްކޮގެ ވާހަކަ އަހަން ހުރެފައި މާއިޝާއަށް ކުޑަކޮށް ބަލައިލެވުނެވެ. އޭނާއަށް ފެނުނީ އާދައިގެ މިއުޅޭ ގިނަ ދިވެހިންނަށްވުރެ އިސްކޮޅުން ދިގު ފިރިހެނެކެވެ. ގާތްގަނޑަކަށް ހަފޫޓް ހުންނާނެ ކަންނޭނގެއެވެ. ބާމަތި ފުޅާވެފައި ހަށިގަނޑު ހުރީ ނިކަން ބިޔަކޮށެވެ. ބަލާބެލުމަށް އަރްސަލާންއަށްވުރެވެސް ވަރުގަދަވާނެ ވައްތަރު ޖަހައެވެ.

"ޖަވާބުދީބަލަ. އިޝީ އަޅެ އަޑުއަހަންތަ ތިހުރީ؟" މެހެރީން ކޮންމެވެސް ވާހަކައެއް ދައްކާފައި ޖަވާބެއް ނުލިބިގެން ބާރަށް ސުވާލުކޮށްލި ވަގުތު މާއިޝާ ސިހިފައި ޒުވާނާއަށް ހުއްޓާލި ނަޒަރު ތިރިއަށް ބަދަލުކޮށްލިއެވެ. އެވަގުތު އޭނާ ހައިރާންކޮށްލީ ފައިވާނެއް ބޫޓެއް ނެތި ހާމަވެފައި އޮތް އެޒުވާނާގެ ބޮޑު ދެފައިތިލަ ފެނިފައެވެ. ޖަވާބު ދިނުމުގެ ބަދަލުގައި މާއިޝާއަށް ފޯނު ކޮށްޕާލެވުނީ ޖީބަށެވެ. އެއީ އާދައިގެ ޒުވާނަކަށް ނުވާނެ ކަމުގައި ސިކުނޑި އެންގުމުން ބިރުން ހަތަރެސްފައި ފިނިވެލިއެވެ. އަނެއްކާ ވާން މިއުޅެނީ ކިހިނެތް ހެއްޔެވެ؟ އޭނާ ކަޅިޖަހާ ނުލާ ހުރެގެން އެޒުވާނާއަށް ބަލަމުން އަވަހަށް ލިފްޓް ހުޅުވޭނެ ނަމައޭ ހިތަށް އަރައަރާ ހުއްޓާ ނަސީބަކުން ހީކުރި ކަހަލަ އެއްވެސް ކަމެއް ނުވެ ލިފްޓް ހުޅުވިފައި އޭނާ ކުރީގައި ނިކުމެއްޖެއެވެ. ފުން ނޭވައެއް ދޫކޮށްލުމާއެކު މާއިޝާވެސް ފަހަތުން ނިކުތެވެ. ދެވަނަ ސިކުންތުގައި އޭނާގެ ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައީ ލިފްޓުން ނިކުތް ޒުވާނާ އެއްވެސް ދިމާއަކުން ފެންނަން ނެތިގެންނެވެ. އޭނާ ދިޔައީ ބިންފަޅާފައި އަޑިއަށް ހެއްޔެވެ؟ ނޫނީ އުދުހިފައި މައްޗަށް އެރީ ހެއްޔެވެ؟

"ތިއައީ ދޯ. މާއިޝާ ހޯދަން އައި ރީތި ފިރިހެންކުއްޖާ ހަމަ ދެންމެ ފޯނެއް އައިސްގެން ބޭރަށް އެނިކުތީ. ތަންކޮޅެއް ބާރަށް ދިޔައިއްޔާ އަދިވެސް ދިމާވެދާނެ." މާއިޝާ ދެކޮޅު ހޯދަމުން ގޮސް ރިސެޕްޝަން ކައިރިއަށް މަޑުކޮށްލިތަނާ އެތާ އިން އަންހެންކުއްޖާ ހިނިތުންވެފައި އޮޅުންފިލުވައިދިނެވެ. މާއިޝާ ޝުކުރު އަދާކޮށްފައި ނިކުންނަން އެނބުރުނުއިރު އިމާރާތުގެ ފުޅާ ބިއްލޫރި ދޮރުތަކުގެ ފުރަގަހުން އޭނާއަށް ފެނުނީ އަޅިކުލަ އަރާފައި އޮތް އުދަރެހެވެ. މޫސުން ބަދަލުވާން ވަކި ވަގުތެއް ނޯވެއޭ މީހުން ބުނަނީ ތެދެކެވެ. މިއަދު ހެނދުނު އުޑުމަތީ ވިލާ ރޮއްޖެއް ނެތް ތާނގައި ވައިރޯޅިވެސް އޮތީ ހިނދިފައެވެ. އެކަމަކު މިހާރު ހީވަނީ ގަސްތައްވެސް މުލުން ލުހިދާން އުޅޭހެންނެވެ.

"ނާޔަލް؟" ބޭރަށް ނިކުމެ ދެކޮޅު ހޯދާލުމާއެކު އެއްފަރާތެއްގައި ފޯނު ކަންފަތުގައި ޖަހައިގެން ހުރި ޒުވާނާ އެނބުރި ބަލައިލިއެވެ. އެވަގުތު މާއިޝާއަށް ޖެހިލެވުނީ ދެފިޔަވަޅު ފަހަތަށެވެ. ނަމަވެސް ނާޔަލް އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. އޭނާ ފޯނު ޖީބަށް ކޮށްޕާލައިފައި ދިގު ފިޔަވަޅުތަކެއްގައި އައިސް މާއިޝާ ކައިރިއަށް ހުއްޓި އަތުގައި ހިފާ ބާރުކޮށްލުމާއެކު އަނެއްކާ ހިނގައިގެންފިއެވެ. "ނާޔަލް. އަތުން ދޫކޮށްލާ. ކޮންތާކަށް އަހަރެން ތިގެންދަނީ؟" މާއިޝާ މަގުމަތީ އުޅޭ މީހުންގެ ސަމާލުކަން ހުއްޓިދާނެތީ ނާޔަލްއާ އެއްވަރަށް ދަމުން ވާހަކަދެއްކިއެވެ. އަޑު ކިތަންމެ މަޑެއް ކަމަކު އެއަޑުގައިވި ނުރުހުން ނާޔަލްއަށްވެސް ފާހަގަވިއެވެ. އެކަމަކު އޭނާ ހުރީ ފަސޭހައިން ގޮތް ދޫ ކުރާ މޫޑެއްގައެއް ނޫނެވެ. މާއިޝާ ދެއްކި ވާހަކައަށް އިޖާބަ ދިނުމުގެ ބަދަލުގައި އޭނާ ގޮސް ހުއްޓުނީ އެއްފަރާތުގައި ޕާކްކޮށްފައި އޮތް ކާރު ކައިރިއަށެވެ.

"ސީންއެއް ކްރިއޭޓް ކުރަން ބޭނުން ނޫންވިއްޔާ ކާރަށް އަރާ." ނާޔަލް މާއިޝާ އަތުން ދޫކޮށްލައިފައި ހަތަރުކަޅި ހަމަކޮށްލިއިރު ލޮލުގައި ހުރީ ޖެހިލުންވާފަދަ ކުލައެކެވެ. "އަހަރެން ބޭނުންވާ ގޮތް ސާފުކޮށް ބުނީމަވެސް ނާޔަލް ކީއްވެ ތިހެން ކަންތައް ތިކުރަނީ؟" ނާޔަލް އަނެއްކޮޅަށް ދާން އެނބުރިފައި މާއިޝާ ވާހަކަދެއްކި އަޑަށް އެނބުރި ބަލައިލިއެވެ. "ކަޒް އައި ކޭން....ނައު ގެޓް އިން!" ނާޔަލް ޖަވާބުދީފައި މާއިޝާ އަދިވެސް އަރަން ނޫޅެ ހުރުމުން ދޮރުފަތް ހުޅުވާލަދީފައި ބޮލުން އިޝާރާތްކޮށްލިއެވެ. ދެމީހުންނަށް އެވަގުތު ތިބެވުނު ތަނުގެ ގޮތުންނާއި ނާޔަލްގެ މޫޑަށް ބަލާފައި މާއިޝާއަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ ކާރަށް އެރުމެވެ. އެވަގުތު އޭނާ މަޑުމަޑުން ބޯ ޖަހާލައިފައި އަރައި އިށީނުމުން ނާޔަލް ދޮރު ލައްޕާލަ ދީފައި އަނެއްފަރާތުން އަރައި ކާރު ދުއްވާލައިފިއެވެ.

"ނާޔަލް އައި ޗީޓެޑް އޮން ޔޫ." ހިމޭންކަމުގައި ތަންކޮޅަކަށް ދެވުނު ފަހުން މާއިޝާ ވާހަކަދެއްކިއެވެ. އޭނާ އިނީ އިސްޖަހައިގެން އަތުގެ އިނގިލިތަކާއި ކުޅޭށެވެ. "ސޯ ޑިޑް އައި." އިރުކޮޅެއް ނުވެ ނާޔަލްވެސް ޖަވާބުދިނެވެ. މާއިޝާ ހައިރާންވެފައި ބަލައިލިއިރު ނާޔަލް އިނީ މަގުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. "ނާޔަލް ތިކުރާ ކަމަކުން ހަމަ ހާޓްވާނީ ނާޔަލްގެ އަމިއްލަ ހިތަށް. ހަޤީޤަތް ކުރިމަތީ އޮތްވާ ތިހެން ނުފެންނަ ކަމަށް ހެދިޔަސް އެއީ ބަދަލު ނުވާނެ އެއްޗެއް. އަހަރެން ބުނީމެއްނު އަހަރެން ލޯބިވަނީ އަރްސަލާންދެކެއޭ. އެން ޓްރަސްޓް މީ އަހަންނަށް ދެން އަރްސަލާންއާ ވަކިން ދިރިއެއް ނޫޅެވޭނެ." މާއިޝާގެ ވާހަކަތައް އެހިސާބަށް ދިޔަތަނާ ނާޔަލް ކުއްލިއަކަށް ބުރަކި ޖައްސާލުމުން ސިއްސައިގެން ދިޔައެވެ. އޭނާ ބަލާލިއިރު ނާޔަލް ރުޅިއައިސްގެން ގޮށްމުށްކަވާފައި ޖެހީ ހުންގާނުގައެވެ. އެވަގުތު އޭނާއަށް ތެޅިގަނެފައި މޭގައި އަތް އަޅާލެވިއްޖެއެވެ. ނާޔަލް އެގޮތަށް ކޮންޓްރޯލުން ނެއްޓިތަން ފެނިގެން ހިސާބަކަށް ޖެހިލުންވެސް ވެއްޖެއެވެ.

"އިޝީ އަހަރެންނަށް ހަމަ ހުރެފަ އިޝީ ދޫކޮށެއް ނުލެވޭނެ. އަހަރެންނަށް އިނގޭ އިޝީ ލޯބިވަނީ އެހެންމީހަކު ދެކެކަން. އެކަމަކު އަހަރެން ޤަބޫލު ކުރާ ގޮތުގައި އިޝީއަށް އެހެން ދިމާވީ އަހަރެން ފަރުވާކުޑަ ކޮށްލީމަ. ކޮންމެ ގޮތަކަށް ކަންތައް ހިނގާފަ އޮތަސް މިހާރު އަހަރެމެން މީ ދެމަފިރީން. އެހެންވެ އަހަރެން ޤަބޫލު ކުރަން އަހަރެންނަށް އަދިވެސް ޗާންސެއް އޮތް ކަމަށް. އަހަރެން ބޭނުމެއް ނުވޭ ޓްރައިނުކޮށް ފަހުން ރިގްރެޓް ކުރާކަށް. އަހަންނަށްޓަކައި ނޫނަސް އިޝީގެ މަންމައާއި ބައްޕައަށްޓަކައި އަދި ތަޤްދީރުގައި ރޭވިގެން މިއަދު އަހަރެމެން ބަނދެވިފައި މިވާ މާތް ގުޅުމުގެ ހައްޤުގައިވެސް އަހަރެންނަށް އެއް ފުރުސަތު ދީ." ނާޔަލްގެ ވާހަކަ ނިމުނުއިރު އެލޮލުގައި ވިދަމުންދިޔަ ކަރުނަތައް ފެނިގެން މާއިޝާގެ ހިތުގައި ފުރަތަމަ ފަހަރަށް ހަމްދަރްދީ އުފެދުނެވެ. އެކަމަކު އެއީ ނާޔަލް އޭނާއަށް އެދޭވަރު ފެނިފައެއް ނޫނެވެ. ނާޔަލް ކިތަންމެ ދުވަހަކު އެގޮތަށް މަސައްކަތް ކުރިއަސް އޭނާގެ ހިތުން އަރްސަލާންގެ ލޯބި ފިލައިގެން ނުދާނެކަން ޔަޤީންވެފައެވެ.

"ނާޔަލް......" މާއިޝާ ވާހަކަ ކުރިއަށް ގެންދަން އުދަނގޫވެފައި ދުރުބަލައިލިތަނާ ހަޅޭތްލަވައިގަނެވުނެވެ. އެވަގުތު ނާޔަލްވެސް މާއިޝާ ބަލަން އިން ދިމާއަށް ބަލައިލާފައި ލޯ ބޮޑުކޮށްލިއެވެ. އުދަރެސް އަޅި ވިލާތަކުން ބެދިފައި އޮތް ދުނިޔެމަތި ހަލަބޮލި ކުރަމުން ދިޔަ ބާރު ވަޔާއެކު އެމީހުންގެ ހިތްތައް ރޫރޫ އަޅުވައިލީ ކާރައި ކުޑަތަންކޮޅެއް ދުރުން ބޯމަތީ ބޮނޑިއަކަށް އުދުހެމުން ދިޔަ ކަޅު ވާތަކެކެވެ. ބަލާބެލުމަށް ސަތޭކަ ވަރަކަށް ވާ އުޅޭނެކަން ކަށަވަރެވެ. "ވަޓް ދަ ހެލް؟" ނާޔަލް ކާރު ފަހަތަށް ޖައްސަން އުޅެނިކޮށް ފަހަރަކު ވާލެއް އޭގެ މިސްރާބު ބަދަލުކޮށްފައި އައިސް ޖެހިގަންނަން ފެށީ ކާރުގެ ބިއްލޫރިގަނޑުގައެވެ. އިސާހިތަކު ބިއްލޫރިގަނޑުގައި ރެނދުލައިފިއެވެ. މާއިޝާ ބިރުން ހަޅޭތްލަވައިގެންފައި ދެއަތުން މޫނު ފޮރުވައިލިއިރު ނާޔަލް އުދަނގުލުން ނަމަވެސް ކާރު ކުޑަކޮށް ފަހަތަށް ޖައްސާފައި އަނެއްކޮޅަށް އަނބުރާލިއެވެ. "އިޝީ ބިރުނުގަނޭ. އިރާދަކުރެއްވިއްޔާ އިޝީއަށް އެއްވެސް ދެރަގޮތެއް ނުވާނެ. އަހަރެން އިޝީ ސަލާމަތް ކޮށްދޭނަން. އައި ޕްރޮމިސް."އެކަމަކު ނާޔަލްއަށް އެކާރު ދުއްވާލެވުނީ ކުޑަތަންކޮޅަކަށެވެ. ވާނުވާ ނޭގި އިންނަން ބިރުން މާއިޝާވެސް އެވަގުތު މޫނުން އަތް ނެގީއެވެ. ދެން ފެނުނީ އައި ނައި ތަނެއް ނޭނގި ދިމާ ކުރިމައްޗަށް ހުއްޓުނުމީހެކެވެ.

މާއިޝާ ބިރުން ކުރިއަށްވުރެ ބާރަށް ހަޅޭތްލަވައިގެންއިރު ނާޔަލް އެމީހަކު ސަލާމަތް ކުރަން ހަދައިގެން ކާރު އަނބުރާލެވުނު ގޮތަކުން މަގުގައި ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހިފައި ބިއްލޫރިތައް ތަޅައިގެން ދިއުމާއެކު ކާރު މަތަވެއްޖެއެވެ.
******

ލޯހުޅުވައި ނުލެވެނީސް ކަންފަތުގައި ހަރުލީ މީހުންތައް ވާހަކަދައްކާ އަޑެވެ. އޭރު މޫނުމައްޗަށް ކޮންމެވެސް ދިޔާ އެއްޗެއް ފައިބަމުން ދިޔަކަން އިހްސާސްވިއެވެ. އަދި ބޯ އޮތީ އާދަޔާ ޚިލާފަށް ބަރުވެ އައްސިވާ ކަހަލަ ގޮތެއް ވެފައެވެ. ތެދުވެ އިށީންދެފައި ލޯ ހުޅުވާލުމާއެކު ދެއަތް ފެވިފައި އޮތީ ރަތް ލެއިންނެވެ. ކަރުތެރެ ހިކިގެން ދިއުމާއެކު މާއިޝާއަށް ވާހަކައެއް ނުދެއްކުނެވެ. ދެން އޭނާ ހަނދާންވީ ނާޔަލް މަތިންނެވެ. މާއިޝާ ބަލައިލިއިރު ކައިރީގައި ހުރި ޑްރައިވަރ ސީޓު އޮތީ ހުސްކޮށެވެ. އެވަގުތު މޭގަނޑު ދިޔައީ ފާޑަކަށް ފިނިވެގެންނެވެ. ދުރު ހޯދާލިއިރު މީހުންތައް ބޮނޑިވެފައި ތިބީ ތަންކޮޅެއް ދުރުގައެވެ. މާއިޝާ ހައިރާންވީ އެކަކުވެސް އޭނާ ކައިރީ ނެތީމައެވެ. އެމީހުންނަށް އޭނާ ނުފެނުނީ ހެއްޔެވެ؟

ނެތް ހިތްވަރާއެކުވެސް މާއިޝާ ދޮރުފަތް ހުޅުވާލިއެވެ. އެވަގުތު އޭނާ ފައިބަންވެގެން އެއްފައި ތިރީގައި އަޅާލިތަނާ އޭނާގެ ފައި ކައިރިއަށް އައިސް ހުއްޓުނުތަން ފެނުނީ ލިފްޓް ތެރެއިން ފެނުނު ބޮޑު ދެފިޔަވަޅެވެ. މާއިޝާގެ ގައިން ހީބިހި ނަގައިލިއެވެ. އޭނާ އެމީހެއްގެ މޫނު ބަލައިލަން ތައްޔާރުވުމާއެކު އެމީހަކު އޭނާގެ މޫނުމަތީ އަތް އަޅައި ހިފަހައްޓާލި ގޮތަކުން މޫނުމައްޗަށް އަނދިރިވެ ހަށިގަނޑުން ބާރު ހުސްވެގެން ދެމިއްޖެއެވެ.
******

ނާޔަލްއަށް ހޭވެރިކަންވީއިރު އޭނާއަށް އޮވެވުނީ ހޮސްޕިޓަލުގައެވެ. ލޯ ހުޅުވާލުމާއެކު ފައިސަލްއާއި އާފިޔާ ކައިރިވެފައި ވާހަކަދައްކަން ފެށިއެވެ. މެހެރީން ހުރީ އެނދުގެ ފައިލާކޮޅުގައި ކަރުނަ ފުހެލަ ފުހެލައެވެ. "ކޮބާ އިޝީ؟ އިޝީ ރަނގަޅުތަ؟" އެކިމީހުންގެ މޫނަށް ބަލަން އިރުކޮޅަކު އޮވެފައި ނާޔަލް ސުވާލު ކުރިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ފައިސަލްއާއި އާފިޔާ ބަލައިލީ އެކަކު އަނެކަކުގެ މޫނަށެވެ. މެހެރީން އަނގަމަތީ އަތް އަޅާފައި އެނބުރުނުތަން ފެނުނީ އަނެއްފަރާތަށެވެ. ނާޔަލްގެ ހިތް ތެޅިގަތުމާއެކު އޭނާގެ ލޮލަށް ކަރުނަތައް ޖަމާވެގަތެވެ. "ކޮންމެވެސް މީހަކު ބުނެދީބަލަ އިޝީ ވީތަނެއް؟" ވާހަކަދައްކަން އުދަނގޫ ވެގެން ކުޑަކޮށް މަޑުކޮށްލާފައި ނާޔަލް އާދޭސް ކުރިއެވެ. "ނާޔަލް. އިހަށް އަރާމު ކުރޭ. ވާހަކަ ދައްކާނީ ފަހުން." ފައިސަލް، ނާޔަލް އަތުގައި ފިރުމާލައިފައި ޖަވާބުގައި ބުނެލިއެވެ. "ނޫން ނޫން ބޭބޭ. އަހަރެން ބޭނުން އިޝީ ދެކިލަން." ނާޔަލް އަދި އެހާ ފަސޭހައިން ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ. ކުޑަމިނުން އިޝީ ދުނިޔޭގައި އޮތްކަން ޔަޤީން ކުރަން އޭނާ ބޭނުމެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ފައިސަލްމެން ދެމަފިރީން އަނެއްކާވެސް ބަލައިލީ އެކަކު އަނެކަކުގެ މޫނަށެވެ. ނާޔަލް އިތުރަށް ބިރުގަތީ ދެނެވެ.

"ނޭނގެ އިޝީ ވީތަނެއް. އެކަކަށްވެސް ނޭނގެ އޭނަ ގެއްލުނު ތަނެއް. އެކްސިޑެންޓްވިތަނުން ފެނުނީ ހަމައެކަނި ނާޔަލް. ހެޕީ ނައު؟" މެހެރީންއަށް ނުހުރެވިގެން އެނބުރިފައި ބާރުބާރަށް ބުނެލިއެވެ. ދެން ކުއްލިއަކަށް ރޮއިގެންފައި އަނެއްކާވެސް އަނގަމަތީ އަތް އަޅާލައިގެން ދުވެފައި ގޮސް އެތަނުން ނިކުމެއްޖެއެވެ. އެވަގުތު ނާޔަލްއަށް ކުރެވުނު ކަމަކީ ލޯ މަރާލުމެވެ. ތެދުވެގެން ދާން ބޭނުންވިއަސް ބެންޑޭޖްކޮށްފައި އޮތް ފަޔާއެކު ހިނގޭކަށް ނެތެވެ.

ނާޔަލް އެކަނިވެލަން ބޭނުން ވެގެން އެދުމުން ބޭބެމެން ނިކުތުމާއެކު ލޮލުން ކަރުނަ ފޭދެން ދޫކޮށްލައިފައި އޭނާ އޮތީ ސީލިންގަށް ބަލަހައްޓައިގެންނެވެ. އެހެން އޮތްވާ ދޮރުފޮތިގަނޑު ހަރަކާތް ކުރިހެން ހީވިއެވެ. ނާޔަލް އެދިމާއަށް ބަލަން އޮވެފައި އެނދުފައި ދެއަތް ވިއްދާލަމުން ކުޑަކޮށް ތެދުވިތަނާ ސިއްސައިގެން ދިޔައެވެ. ފޮތިގަނޑުގެ ފުރަގަހުން ނިކުމެގެން އަންނަތަން ފެނުނީ އަރްސަލާންއެވެ. އެވަގުތު ފުރަތަމަ ފަހަރަށް އަރްސަލާންގެ ފެހި ދެލޯ އާދަޔާ ހިލާފަށް ދިއްލިފައި ހުރިހެން ހީވެގެން ނާޔަލް ބަލަން އޮތެވެ. "ކޮބާ އިޝީ؟" އަރްސަލާން އައިސް ކައިރިއަށް ހުއްޓިފައި ކުޑަވެސް ފަސްޖެހުމެއްނެތި ހިފީ ނާޔަލްގެ ކަރުގައެވެ. އެވަގުތު ނާޔަލްއަށް ނޭވާ ނުލެވިގެން ތެޅިގެންފައި ދެއަތުން އަރްސަލާންގެ އަތް ނައްޓުވާލުމަށްޓަކައި ބޭކާރު މަސައްކަތްތަކެއް ކުރަން ފެށިއެވެ. "އަހަރެން ބުނެފާނަން." އިރުކޮޅަކުން ކައިލީން ވާހަކަދެއްކި އަޑު އިވުނީ ދޮރާއި ދިމާއިންނެވެ. އަރްސަލާން ފަދައިން ނާޔަލްގެ ނަޒަރުވެސް ދޮރާއި ދިމާއަށް ދަތުރުކޮށްލިއެވެ.

"ކޮންތާކު ވީ؟" ކައިލީން ފެނުމާއެކު ނާޔަލް ދޫކޮށްލައިފައި އަރްސަލާން ގޮސް ކައިލީން ކުރިމައްޗަށް ހުއްޓިއްޖެއެވެ. ނާޔަލް ކެއްސުންވަރު މައިތިރި ކުރަން މަސައްކަތް ކުރަމުން ހައިރާންވެފައި އެދެމީހުންނަށް ބަލަން އޮތެވެ. ދެން ފެނުނީ އެދެމީހުންބަހެއް ނުބުނެ އެކަކު އަނެކަކަށް ބަލަން ތިބެފައި ދޮރު ހުޅުވާލައިގެން އެތަނުން ނިކުތްތަނެވެ. ދެއްކި ވާހަކައެއް ވިއްޔާ ދެއްކީ ލޮލުގެ އިޝާރާތުން ކަންނޭނގެއޭ ނާޔަލް ހިތަށް އެރިއެވެ.
******
ހޭވެރިކަންވީއިރު މާއިޝާގެ މޫނާއި ހަށިގަނޑުގައި ބީހެމުން ދިޔައީ ފިނި ވައިރޯޅިތަކެކެވެ. ވިސްނާލިއިރު ގައި ދަށުގައި އޮތީ ވަކަރުކަހަލަ ހަރު އެއްޗެއްކަން އިހްސާސްވިއެވެ. އަދި ކަންފަތުގައި ހަރުލައިގެން ދިޔައީ ރާޅު ނަގާ އަޑާއި ލޮނުގަނޑުގެ އަޑެވެ. އޮށޯވެގެން އޮތް އެތި އިރު އިރުކޮޅާ ހަރަކާތް ކޮށްލާ ގޮތުން ހީވަނީ ކަނޑުމަތީގައި އޮޔާ ދެމެމުން ދިޔަ ފިލާގަނޑެއް ނަމަވެސް އެއްޗެއްގައި އޮވެވުނު ހެންނެވެ. މި ހިޔާލު ތަކުން ބިރުގަނެފައި އޮވެވެސް އޭނާ އެންމެ ފަހުން ލޯ ހުޅުވާލިއެވެ. އެވަގުތު ދިމާ ކުރިމަތިން ފެންނަން އޮތީ އުޑުގައި ރަނިކަން ކުރަމުން ދިޔަ ބުރުހަމަ ހަނދެވެ. މާއިޝާ މިވީ ގޮތެއް ނޭނގިގެން އިރުކޮޅަކު ވިސްނަން އޮވެފައި ތެދުވެ އިށީނުމުން މޭގަނޑު ފިނިވެގެން ދިޔައީ އެތައް ސަތޭކަ ގަނޑުފެންކޮޅުތަކެއް އަޅާލުމުން ފިނިވެގެންދާ ހެންނެވެ. އޭނާއަށް އިނދެވުނީ މޫދުގައި އޮތް ބޮއްކުރައެއްގެ ތެރޭގައެވެ. އަދި ވަށައިގެން އޮތީ މޫދު ލޮނުގަނޑާއި ކައިރީގައި ގަސްކަރަ ބިޔަކޮށް ފެންނަން އޮތް ރަށެކެވެ. ގުޑިލާން ނުކެރިފައި ލޯ ބޮޑުކޮށްގެން އިނދެފައި ލޮނުގަނޑާއި ދިމާއަށް ބަލާލެވުނު ގޮތަކުން ނިކަން ބޮޑު މަހެއް ކަހަލަ އެއްޗެއް ފީނާލައިފައި އަންނާތީ ފެނުނެވެ. ބަލަން އިންދާ އިރުކޮޅަކުން އޭތި އައިސް ވަނީ ބޮއްކުރާ ދަށަށެވެ. މާއިޝާ އަނެއްފަރާތަށް އެނބުރިގެން އޭތި ބޮއްކުރާ ދަށުން ނިކުމޭތޯ ބަލަން އިނދެ ނުނިކުތުމުން ބިރުން ކޮޅަށް ތެދުވެ ހުއްޓާ އިރުކޮޅަކުން ނެގި ބޮޑު ރާޅެއް އައިސް ހަމަވެފައި ތެޅިގަތް ގޮތަކުން މާއިޝާއަށް ހަށިގަނޑު ނުހިފޭއްޓިގެން ފަހަތަށް ގޮސް ލޮނުގަނޑު ތެރެއަށް ވެއްޓިއްޖެއެވެ.
(ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު