ރިޟްވާން ފޭސްބުކުން އޮންލައިން ވެއްޖެ ކަމަށް ވާހަކަ ދެކެވެންފަށައިފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ފޭސްބުކުން އޮންލައިންވި ކަމަށް ވާހަކަ ދެކެވެން ފަށައިފިއެވެ.

މިނިވަން ނޫހުގެ ޑެޕިއުޓީ އެޑިޓަރު ޒަހީނާ ރަޝީދު މިއަދު ސަން އަށް ވިދާޅުވީ މިރޭ 7:30 ހާކަންހާއިރު ރިޟްވާން ފޭސްބުކުން އޮންލައިންވެފައިވާކަމަށް ބައެއް މީހުން އެނޫހަށް މައުލޫމާތު ދީފައިވާ ކަމަށާއި ނަމަވެސް އެއީ ކިހިނެއް ހިނގައިގެން އުޅޭކަމެއްކަން އަދި ޔަގީން ނުވާ ކަމަށެވެ.

"އޮންލައިންވި ކަމަށް ބައެއް މީހުން ގުޅާފަ ބުނި، އެކަމް އެއީ ކިހިނެއް ހިނގިކަމެއް އަޅުގަނޑުމެންނަކަށް އަދި ނޭންގޭ" ޒަހީނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު ރިޟްވާން ގެ އައިޑީން އޮންލައިންވި ނަމަވެސް އެއްވެސް މީހަކާއި ވާހަކަ ދައްކާފައެއް ނުވެއެވެ. ރިޟްވާން ގެއްލުންތާ މިހާ ދުވަސްވީއިރުވެސް އޭނާއަށް ވީގޮތެއް ނޭންގޭތިއްޔާއި ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ހިއްސާ ނުކުރާތީ ކަންބޮޑުވާކަމަށްވެސް ޒަހީނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދެކެވޭތީ އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ރިޟުވާން ގެއްލުނުތާ 109 ދުވަސް ވަނީވެފަ އެވެ. އޭނާ ގެއްލުނު ކަމަށް ބެލެވެނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބޮލްކް ކައިރިން ރޭގަނޑު ދަންވަރުގެ ވަގުތެއްގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު