މޯދީއާއި ނަވާޒް ޝަރީފާއި ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާ ބައްދަލު ކުރައްވައިފިއެވެ.

އަށާރަ ވަނަ ސާކް ސަމިޓުގެ ހަވާސާގައި ބޭއްވުނު އެ ދެ ބައްދަލުކުރެއްވުމުގެ ތެރެއިން،‏ އިންޑިއާ ބޮޑުވަޒީރު މޯދީއާއި ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އިންޑިޔާ ‏‏ސަރުކާރުން ރާއްޖެއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ‏‏ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެބައްދަލުވުމުގައި އިންޑިޔާގެ ބޮޑުވަޒީރު މޯދީ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، ‏‏އިންޑިޔާ ‏‏ސަރުކާރުން ރާއްޖެއަށް އެހީތެރިވުމަށް އަބަދުވެސް ތައްޔާރަށް އޮތް ކަމުގައި ވިދާޅުވިއެވެ.‏

ރައީސް އޮފީހުން ބުނީ އެބައްދަލުވުމުގައި އިންޑިޔާއާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމާބެހޭގޮތުންނާއި، މި ގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިކަމަށެވެ. އަދި ހާއްސަކޮށް ރާއްޖޭގެ ސިއްހީ ‏‏ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، އިންޑިޔާގެ އެހީތެރިކަން ރާއްޖެއަށް ހޯއްދެވުމާއި ބެހޭގޮތުން ‏‏ދެބޭފުޅުން ވާހަކަފުޅު ދެއްކެވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޕާކިސްތާން ބޮޑު ވަޒީރާއި ރައީސް ޔާމީން ބައްދަލުކުރައްވަނީ---

ރައީސްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޕާކިސްތާނާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމާއި، އެގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ހާއްސަގޮތެއްގައި ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާއިންނާއި، މީހުން ބިނާކުރުމުގެ ދާއިރާގައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. ‏

‏ސާކުގެ ހަރަކާތްތައް މިހާރަށްވުރެ ފުޅާކޮށް، ސާކުގެ ހިންގުން ‏‏އިތުރަށް ‏‏ހަރުދަނާކުރެއްވުމަށްޓަކައި އެޅުއްވިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ‏‏މަޝްވަރާކުރެއްވިއެވެ.‏

އެ ބައްދަލުކުރެއްވުމުގައި، ‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ ‏‏އޮންނަ ގާތް އަޚުވަންތަކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ ތަރައްގީއާއި ‏‏ކުރިއެރުމަށްޓަކައި، ޕާކިސްތާނު ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި އެއްބާރުލެއްވުމަށްޓަކައި ‏‏ޝުކުރު އަދާކުރެއްވިއެވެ.‏
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު