ގައުމީ ހޭންޑްބޯލް ޓީމް ޕްރެކްޓިސް ކުރާނެ ތަނެއް ނެތިފައި!

އަންނަ މަހު ޕާކިސްތާނުގައި ފަށާ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) ޓްރޮފީއަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ތަނެއް ނުލިބުމުން ޓީމަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައި ވާކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުޖުތަބާ ވިދާޅުވެއްޖެ އެވެ.

މިއަދު 'ސަން' އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، ގައުމީ ހޭންޑްބޯލް ޓީމްގެ ތަމްރީނުތައް ކުރިއަށް ގެންދާނެ ވަކި ތަނެއް ނެތް ކަމަށާއި، އެކަމުގެ ސަބަބުން އެ ޓީމްގެ ތަމްރީނުތައް ކުރިއަށް ގެންދަން ޖެހިފައި ވަނީ މާލޭގެ ކުޅިވަރު ކުޅޭ އެކިއެކި ހުސް ބިން ތަކުގައި ކަމަށެވެ.

"އަންނަ މަހު އެކެއްގައި އަޅުގަނޑުމެންގެ ފިރެހެން ޓީމް ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ މުބާރާތުގައި ބައިވެރިވާން ފުރާނެ. މި މުބާރާތައް މިމަސްތެރޭ އަޅުގަނޑުމެން ތަމްރީނުތައް ފަށައިފިން. މިހާރު އަޅުގަނޑުމެންގެ ތަމްރީނުތައް ކުރިއަށް ގެންދަނީ މާލޭގެ ހުސް ބިން ތަކުގައި. މިއީ އަޅުގަނޑުމެނަށް ވަރަށް ދަތިވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޓީމަށް ދިމާވެފައިވާ ދަތިކަމުގެ ވާހަކަ މިނިސްޓްރީގައި ދަންނަވާފައި ވާނެ ކަމަށާއި، އިންޑޯ ހޯލެއްގައި ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލަށް އެދުމުން އެތަނުން ޖާގައެއް ލިބޭގޮތް އަދި ހަމަޖެހިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން މިނިސްޓްރީގައި އެދުނިން ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް ލިބޭތޯ. ނަމަވެސް މިނިސްޓްރީން ވިދާޅުވީ އެތާނގައި ވޮލީ މުބާރާތެއް ކުރިއަށް ދާތީ އެތަން މިވަގުތު ދެވެން ނެތް ކަމަށް،" އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން 'ސަން' އަށް މައުލޫމާތު ދެމުން ޔޫތު މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓާ ހުސެން އަމީން ވިދާޅުވީ، ހޭންޑްބޯލް މޯޅްޑިވްސްގެ އެދުމުގެ މަތީން މީގެ ކުރިން ވާނީ ހެންވޭރު ދަނޑާއި ސޯޝަލް ސެންޓަރުވެސް ފަރިތަކުރުންތަކަށް ދޫކޮއްފައި ކަމަށާއި، އެ އެސޯސިއޭޝަނުން ފަހުން އެދުމުން އެތަންތަން ހަމަޖައްސައިދެވެން ނެތްކަމަށް އަންގާފައި ވާނީ އެތަންތާނގައި ގިނަ މުބާރާތްތަކެއް މިހާރު ކުރިއަށް ދާތީކަމަށެވެ.

"އެ އެސޯސިއޭޝަނުން އެދުމުން ސޯޝަލް ސެންޓަރުން އަޅުގަނޑުމެނަށް ޖާގަ ހަމަޖައްސައި ނުދެވުނީ އެތާނގައި މި ދުވަސްކޮޅު މުބާރާތްތަކެއް ކުރިއަށް ދާތީ. ހަގީގަތައް ބުނާނަމަ މާލޭގައި މިހާ ބައިވަރު ކުޅިވަރުތަކެއް ކުޅޭއިރު، ކުޅިވަރު ކުޅޭނެ ބިމުގެ ދަތިކަން މިއީ އަޅުގަނޑުމެންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑުމެނަށް ބިމުގެ ތަނަވަސްކަން ހުރި ވަރަކުން އެ އެސޯސިއޭޝަނުން އެދުމުން މީގެ ކުރިން އަޅުގަނޑުމެން ވާނީ ކުޅޭނެ ތަންތަން ހަމަޖައްސަދީފައި،" އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ހޭންޑްބޯލް އަކީ ރާއްޖޭގައި ވަރަށް ފަހުން ތައާރަފްވި ކުޅިވަރެއް ކަމަށާއި، އެ ކުޅިވަރު ދިރުވުމަށް މިނިސްޓްރީންވެސް އިސްކަމެއް ދޭ ކަމަށެވެ. އަދި ބިމުގެ މައްސަލައަށް ހައްލެއް ގެންނަން މިނިސްޓްރީން މިހާރު މަޝްވަރާތަކެއް ކުރަމުން ދާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން ތައްޓަށް ވާދަކުރާ މުބާރާތައް ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމް އަންނަ މަހު އެކެއްގައި ފުރާއިރު، މި މުބާރާތުގައި ކުޅޭ އެންމެ ފުރަތަމަ މެޗު ރާއްޖޭގެ ޓީމުން ކުޅެން ހަމަޖެހިފައި ވަނީ އިންޑިއާ އާއި ދެކޮޅަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު