ހިޔާލު އެއްގޮތް ކުރުމަށް ޕާޓީތަކުން އަނެއްކާވެސް ނުރަސްމީ މަޝްވަރާއަކަށް

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭގޮތުން ހިޔާލު ހުށަހެޅުމާއި އަދި ހިޔާލު އެއްގޮތްނޫން ކަންކަމުގައި ހިޔާލު އެއްގޮތް ކުރުމަށް ޕާޓީތަކުން އަނެއްކާވެސް ނުރަސްމީ މަޝްވަރާއަކަށް ހިނގައްޖެ އެވެ.

ބަޖެޓު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައެއް މެމްބަރުންވަނީ ބޭނުންވާ ހުށަހެޅުންތައް ގެންނަވާފައެވެ. އެހެންނަމަވެސް ހުށަހެޅުންތައް ހުށަހެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ބައެއް މެމްބަރުން މިއަދުގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، ބަޖެޓުގެ މަސައްކަތް މީގެކުރިންވެސް ކުރިއަށް ގެންދިޔައީ ވަރަށް ވިސްނުންތެރި ކަމާއެކު ކަމަށެވެ. އެހެންކަމުން ދެން އިތުރަށް ބަޖެޓަށް ހުށަހެޅުންތަކެއް ގެންނަން ނުފެންނަ ކަމަށް ސަލީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ވިސްނައިގެން މި ބަޖެޓުގެ މަސައްކަތް ކުރިއަށް މިގެންދަނީ. ދެން މިކަން ކުރަންޖެހޭނީ މިހެންނޭ އެހެންނޭ ކިޔާފައި ރެކަމަންޑޭޝަންތަކެއް ލާފައި މިކަން ނުކުރެވޭނެ ސިސްޓަމަކަށް މިކަން ގެންދާކަށް ބޭނުންމެއް ނޫން،" ސަލީމްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ރެކަމަންޑޭޝަންތައް ހުށަހަޅާތީ ބައެއް މެމްބަރުން ހިޔާލު ތަފާތުވުމުން ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ނައިބު ލީޑަރު ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ، ބައެއް މެމްބަރުން ހުށަހަޅުއްވާ ހުށަހެޅުއްވުމަކީ ގަބޫލުކުރެވޭ ހުށަހެޅުންތަކެއް ނޫން ކަމަށެވެ.

"ގަބޫލުނުކުރާ ރެކަމަންޑޭޝަން އެބަހުރި. އެއަކަށް ވޯޓެއް ނުދޭނަން،" ރިޔާޒް ވިދާޅުވި އެވެ.

ކޮމިޓީގައި އެމްޑީޕީއާއި ޖޭޕީއާއި އަދި ޕީޕީއެމްގެ ލީޑަރުން ވަނީ ބައެއް ހުށަހެޅުންތައް ހުށަހަޅުއްވައިފައެވެ. އަދި ޕާޓީތަކުގެ ވަކިވަކި މެމްބަރުންވެސް ހުށަހެޅުންތައް ހުށަހެޅުއްވިކަން ފާހަގަކޮށްލެވެ އެވެ. އޭގެތެރޭގައި 2014ވަނަ އަހަރުގެ ބަޖެޓު ފާސްކުރި އިރު ހުށަހަޅާފައިވާ ހުށަހެޅުންތައްވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު