އޯޓިޒަމް ހުންނަ ކުދިންނަށް ހިލޭ ޤުރުއާން ކިޔަވައިދޭ ކުލާހެއް ފަށަނީ

މި އަހަރުގެ ބޮޑު ޗުއްޓީ މިހާރު ފެށިފައިވާ އިރު އޯޓިޒަމް ހުންނަ ކުދިންނަށް ހާއްސަކޮށްގެން ޗުއްޓީ ތެރޭގައި ގުރުއާން ކްލާހެއް ފައްޓަވާނޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

"ކޮންމެ ދިވެއްސަކަށް މުސްހަފެއް" ހަދިޔާ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއަށް 18 ކުންފުންނަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ، ގުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން އެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ބައެއް ގުރުއާން ކުލާސް ތަކުން އޯޓިޒަމް ހުންނަ ކުދިންނަށް އަގުބޮޑުކޮށް ކިޔަވައިދޭ މައްސަލައަކީ އެކުދިންގެ ބެލެނިވެރިންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށާއި އެކަމަކީ އެމަނިކުފާނު ވެސް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

"ބެލެނިވެރިންގެ ވަރަށް ބޮޑު ޝަކުވާއެއް އެބޭފުޅުންގެ ދަރިންނަށް އަގުބޮޑުކޮށް ކިޔަވައިދޭ ވާހަކަ. ބައެއް ތަންތާ ނޯޓިސް ބޯޑުގައި ލިޔެފައި އެބަހުރި އާދައިގެ ކުއްޖަކަށް މިވެނި އަދަދަކަށް، އޯޓިޒަމް ހުންނަ ކުދިންނަށް 2000 ރުފިޔާއަށް. އަޅުގަނޑު ދެކޭގޮތުގައި އެއީ ވަރަށް ދެރަކަމެއް. އެކުދިންނަށް އެއަށްވުރެ ލުއި ގޮތެއް މިކަމުގައި ހޯދައިދޭން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އޯޓިޒަމް ހުންނަ ކުދިންނަށް ހާއްސަކޮށް މި ޗުއްޓީ ތެރޭގައި ގުރުއާނާ ބެހޭ މަރުކަޒުން ފަށާ ކޯހުގައި ކިޔަވައިދޭނީ އެއްވެސް ފީއެއް ނުނަގައި ހިލޭ ކަމަށެވެ. އަދި ޗުއްޓީ ނިމުމަށްފަހު ވެސް ދާއިމީ ގޮތެއްގައި އެކަން ކުރެވޭނެ ގޮތެއް ހައްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ގުރުއާނާ ބެހޭ މަރުކަޒުން ހިންގާ ހުރިހާ ކޯހެއްގައި ވެސް އަރަބި ބަސް ކިޔަވައިދޭ ގޮތައް މިހާރު ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު