ފުލުހުން ހޯދަން އައި ލިޔުމެއް ސިޓީ ކައުންސިލަކު ނެތް: މޭޔަރު

ސިޓީ ކައުންސިލަށް ފުލުހުން ވަނުމަށް ހޯދާފައިވާ ކޯޓު އަމުރުގައި ބުނެފައިވާ ޑޮކިމެންޓަކީ އެ ކައުންސިލަށް ލިބިފައިވާ ލިޔުމެއް ނޫންކަމަށް މާލެ ސިޓީގެ މޭޔަރު މުޙައްމަދު ޝިހާބު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލަށް ވަނުމަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ވަނީ ރާއްޖޭގެ ބިމާ ބެހޭ ގާނޫނުގެ ދަށުން ހައުސިން މިނިސްޓްރީން އެކުލަވާލަމުން ގެންދާ ރާއްޖޭގެ ބިމުގެ ދަފްތަރުގެ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ސާވޭ އޮތޯރިޓީން މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ޕީޑީއެފް ފައިލްތަކުގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބަޔަކު އެ މައުލޫމާތުތައް އެހެންފަރާތަކަށް ހިއްސާކޮށް ނާޖާއިޒު ފައިދާ ތަކެއް ނަގަމުންދާ މައްސަލައާ ގުޅިގެން ހެކި ގަރީނާ ހޯދުމަށާއި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް، އެތަނުގެ ތެރެއަށް ވަނުމަށް އެ އަމުރުން ހުއްދަދީފައިވާ ކަމަށެވެ.

އެމައްސަލައާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު މާލޭ ސިޓީކައުންސިލް ހޯލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މޭޔަރު ޝިހާބު ވިދާޅުވީ، ކޯޓުއަމުރައި ހޯދުމަށް ބުނެފައިވާ މައުލޫމާތަކީ އެކައުންސިލަށް ލިބިފައިވާ ޑޮކިއުމެންޓެއް ނޫން ކަމަށެވެ.

"މިއީ ކިހިނެއްވާކަމެއްތޯ މިއަދު މިކޮޅަށް އައިސް އަޅުގަނޑުމެން ބަލާލިން. ބަލައިލިއިރު މިވިދާޅުވާ ކަހަލަ ގޮތަކަށް ޕީޑީއެފް ފައިލެއް މާލޭސިޓީ ކައުންސިލަކަށް ހަވާލުކޮށްފައެއް ނެތް،" މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފުލުހުން ގެންގޮސްފައިވަނީ ސިޓީ ކައުންސިލްގެ ބިމާބެހޭ ބައިގެ ހަތް ކޮމްޕިއުޓަރުގެ ހާޑާއި ސާވާގެ ހާޑު ކަމަށެެވެ. އެކަމުގެ ސަބަބުން ސިޓީ ކައުންސިލްގެ މަސައްކަތް ހުއްޓި މުވައްޒަފުންނަށް މިމަހު އަވަހަށް މުސާރަ ދެވޭނެ ކަމާމެދު ސުވާލު އުފެދިފައިވާކަމަށްވެސް ޝިހާބް ވިދާޅުވި އެވެ.

އެ ހާޑުތައް ނުލިބިގެން ސިޓީ ކައުންސިލްގެ މަސައްކަތްތައް ހުއްޓިފައިވާކަމަށް އެ ކައުންސިލުން ބުނާއިރު އެ ހާޑުތައް އަވަހަށް ދިނުމަށް ފުލުހުންނާއެކު އެއްވެސް މަޝްވަރާއެއް ކުރިންތޯ ސުވާލުކުރުމުން ޝިހާބު ވިދާޅުވީ، މިއަދު އިރުއޮއްސުމުގެ ކުރިން އެތަކެތި އަނބުރާ ދެއްވާނެ ކަމަށް ފުލުހުންބުނިކަމަށާއި ނަމަވެސް އެކަމުގައި ޔަގީންކަމެއް ނެތް ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޝަމާއު ޝަރީފް ވިދާޅުވީ، ފުލުހުން ގެންގޮސްފައިވަނީ މާލޭގައި ބިންހުރި ފަރާތްތަކުގެ ތެރެއިން ބިން ހުރި ފަރާތްތަކަށް ގެދޮރު އިމާރާތްކުރެވޭނެ އުސޫލެއް ކަނޑައެޅުމަށް ސިޓީ ކައުންސިލުން ހަދަމުންދިޔަ ޕްރޮޖެކްޓެއްގެ ލިޔުންތަކެއް ކަމަށެވެ.

އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު އުސާމަތު ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން މާލެ ސިޓީ ކައުންސިލަށް ފުހުން ވަނީ އެތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންތަކެއް އެތަނުގައި ހުރި ހާއްސަ ލިޔުންތަކެއް ނާޖާއިޒު ގޮތުގައި ބޭނުން ކުރާތީ އެ ލިޔެކިއުންތައް ގެންދިޔުމަށް ކަމަށެވެ. އުސާމަތު ވިދާޅުވީ ފުލުހުން ބޭނުންވާ ލިޔެކިއުންތައް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު