ސިޔާސީ ދާއިރާއަށް އަންހެނުން ނެރުމަށް ކައުންސިލަރުން ތަމްރީނުކޮށްފި

ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ހޯޕް ފޯ ވިމެންސް އިން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ނިމި، ބައިވެރިންނަށް ހަދާނީ ލިޔުން ހަވާލުކޮށްފި އެވެ.

ސްޓެލްކޯގެ ސެމިނާ ރޫމްގައި މިއަދު ހަވީރު އޮތް މި ބައްދަލުވުމުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މާލޭ ސިޓީގެ މާޔަރު މުހައްމަދު ޝިހާބް އެވެ. އެ ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ދެއްކެވި ވާހަކައިގައި މާލޭގައި ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ކޯހުގެ ބައިވެރިންނަށް މަރުހަބާ ދެންނެވި އެވެ. އަދި ސިޔާސީ ދާއިރާއިން ގައުމަށް ހިދުމަތް ކުރުން މަތީ ދެމި ތިބުމަށް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު އުއްމީދުކުރަން ވޯކްޝޮޕްގެ ބައިވެރިން ރަށަށް އެނބުރި ވަޑައިގެން ސިޔާސީ ދާއިރާއަށް އެހެން އަންހެން ބޭފުޅުން ވެސް މިދާއިރާއަށް ކުރިމަތިލުމަށް ބާރު އަޅުއްވާނެ ކަމަށް،" ޝިހާބް ވިދާޅުވި އެވެ.

މި ވޯކް ޝޮޕަކީ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގައި މަަސައްކަތް ކުރާ އަންހެން ކައުންސިލަރުންނަށް ލީޑާޝިޕާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމާ ބެހޭ ގޮތުން އެ ފަރާތްތައް ތަމްރީން ކުރުމަށް ބޭއްވި ތިން ދުވަހުގެ ވޯކްޝޮޕެކެވެ.

އެ ރަސްމިއްޔާތުގައި އެ ޖަމިއްޔާގެ ނައިބް ރައީސް ރާޝިދާ ޔޫސުފް ދެއްކެވި ވާހަކައިގައި ވިދާޅުވީ، މި ވޯކްޝޮޕަކީ އަންހެނުން ސިޔާސީ ދާއިރާތަކަށް ނެރުމަށް ލީޑަރުން ތަމްރީން ކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުމެއް ކަމަށެވެ. އަދި އެ މަސައްކަތު ބައްދަލުވުމުގެ ބައިވެރިން އެނބުރި ރަށަށް ދިއުމަށްފަހު ވެސް އުނގެނުނު އެއްޗެއްގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އެއްވެސް ގޮތަކަށް ފަހަތަށް ޖެހިވަޑައިނުގެން ރަށުގެ އަންހެން ކުދިންނަށާއި އަންހެނުންނަށް ނަމޫނާއަށް ވުމަށް ބައިވެރިންގެ ކިބައިން ރާޝިދާ އެދިވަޑައިގެންނެވި އެވެ.

"ކޮންމެ ކަމަކީ ވެސް އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް އެކަމަކީ އެމީހެއްގެ ގާބިލިއްޔަތުކަން ހުރިއްުޔާ ކުރެވޭނެ ކަން ވޯކްޝޮޕްގެ ބައިވެރިން ދައްކުވައިދީފި، ވޯކްޝޮޕްގެ ބައިވެރިން އެއްގޮތަކަށް ވެސް ކާމިޔާބު ނުވެދާނެ ކަމަށް ބިރު ނުގަނެ ކުރިއަށްދާނެ ކަމަށް އުއްމީދު ކުރަން" ރާޝިދާ ވިދާޅުވި އެވެ.

މި ވޯކްޝޮޕްގައި ރަށު ކައުންސިލްތަކުން 9 ކައުންސިލަރުންނާއި އަތޮޅު ކައުންސިލްތަކުން ދެ ކައުންސިލަރަކު ވަނީ ބައިވެރިވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު