އަންނައަހަރު ހަތަރު ރަށެއްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުރުއާން ކޯސްތައް ކިޔަވައިދޭން ފަށާނެ: ޑރ. ޝަހީމް

ކީރިތި ގުރުއާނުގެ އިލްމު އިތުރަށް ފުޅާ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށާއި އެގޮތުން އަންނަ އަހަރު އިތުރު ހަތަރު ރަށެއްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުރުއާން ކޯސްތައް ކިޔަވައިދޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

"ކޮންމެ ދިވެއްސަކަށް މުސްހަފެއް" ހަދިޔާ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއަށް 18 ކުންފުންޏަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާރުވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައެއް ރަށްރަށުގައި ގުރުއާނާ ބަހޭ މަރުކަޒުގެ ކޯސްތައް ކިޔަވައިދޭ ކަމަށެވެ. އަދި އަންނަ އަހަރު އިތުރު ހަތަރު ރަށަކަށް އެ ޚިދުމަތް ފުޅާ ކުރައްވާނެ ކަމަށެވެ.

އެގޮތުން އަންނަ އަހަރު ޅ. ނައިފަރާއި ގދ. ތިނަދޫ އާއި ހދ. ކުޅުދުއްފުށީގެ އިތުރުން ހދ. މަކުނުދޫގައި އެ ޚިދުމަތް ތައާރަފުކޮށް ގުރުއާނާ ބެހޭ މަރުކަޒުގެ ކޯސްތައް ކިޔަވައިދޭން ފަށާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން އެހެން ރަށްރަށުގެ މީހުންނަށް ވެސް އެ ރަށްރަށަށް ގޮސް ކިޔެވުމަށް ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ގުރުއާނަށް މީހުން އަހުލުވެރި ކުރުވުމާއި ގުރުއާނުގެ އިލްމު އިތުރަށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު ގުރުއާނާ ބެހޭ މަރުކަޒުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން އަންނަ އަހަރު ގުރުއާން ހިތުދަސްކޮށްފައި ތިބި 10 ހާފިޒުން ނުކުންނާނެ ކަމަށް މިނިސްޓަރު ވިދަޅުވި އެވެ.

"ކީރިތި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ތަކަކީ މި ވުޒާރާއިން ވަރަށް އިސްކަންދޭ ކަމެއް. މިގޮތުން 500 ހާފިޒުންގެ ޕްރޮގްރާމްވެސް ކުރިއަށް ގެންދިޔަ. މި އަހަރު ވެސް ވަރަށް ގިނަ ކުޑަކުދިން ގުރުއާން ހިތުދަސްކުރި. އިރާދަކުރެއްވިއްޔާ އަންނަ އަހަރު މަދުވެގެން 10 ވަރަކަށް ހާފިޒުން ނުކުންނާނެ. އެއީ ތާރީހުގައި އެ އަދަދަށް ނުކުންނަ އަހަރަށް ވާނެ،" ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި ހާފިޒުން އިތުރުވެއްޖެ ނަމަ، ރަމަޟާން މަހު ތަރާވީސް ނަމާދު ފަދަ ނަމާދުތަކަށް ބޭރުގެ ހާފިޒުން ނުގެނެސް ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ އިމާމުން ތިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު