މުސްހަފް ޗާޕްކުރުމުގެ މަޝްރޫއަށް 18 ކުންފުންޏަކުން އެހީތެރިކަން ފޯރުކޮށްދީފި

ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާ "ކޮންމެ ދިވެއްސަކަށް މުސްހަފެއް" ހަދިޔާ ކުރުމުގެ މަޝްރޫއުގެ ތެރެއިން މުސްހަފް ޗާޕް ކުރުމަށް 18 ކުންފުންޏަކުން މިއަދު އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ބަހްރެއިންގެ ގުރުއާން ކެއާ ސޮސައިޓީއާއި ދިވެހިރާއްޖޭގެ ގުރުއާނާ ބެހޭ މަރުކަޒު ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއަށް އަމިއްލަ ކުންފުނި ތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން މިއަދު ވަނީ އެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މުސްހަފް މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ. އެ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މުސްހަފް މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކުންފުނިތަކުގެ ތެރޭގައި މުއާސަލާތީ ކުންފުނި، އުރީދޫ އާއި ދިރާގު އަދި ސަރުކާރާއި ރައްޔިތުން ހިއްސާވާ ދެ ކުންފުންޏެއް ކަމަށްވާ އެސްޓީއޯ އާއި އެމްޓީސީސީ ހިމެނެ އެވެ. އޭގެ އިތުރުން ބަނޑޮސް ރިސޯޓާއި އިސްލާމިކް ބޭންކާއި ސަން ފައުންޑޭޝަން އާއި އެޗްޑީސީގެ އިތުރުން ލިޓަސް ކުންފުންޏާއި އަމާނާ ތަކާފުލް ފަދަ ފަރާތްތައް ހިމެނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ކޮންމެ ގައުމަކުން މުސްހަފު ގެނެސްގެން ކިޔެވި ނަމަވެސް "ޤުރުއާން ވާނީ ޤުރުއާނަށް" ކަމަށެވެ. ނަމަވެސް އަމިއްލަ މުސްހަފެއް ޗާޕް ކުރުމުގެ ބޭނުމަކީ، އެއީ ކޮންމެ އިސްލާމީ ދައުލަތެއްގައި ވެސް "ޝަރަފެއްގެ" ގޮތުގައި ދެކިގެން ކުރާ ކަމެއް ކަމަށާއި ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާ އިރު ރާއްޖެއަށް ނިސްބަތްވާ މުސްހަފެއް މިހާތަނަށް ހާއްސަކޮށް ޗާޕްކުރެވިފައި ނެތް ކަމަށެވެ.

މިނިސްތަރު ވިދާޅުވީ، އެއީ ބޮޑު ހަރަދެއްދާ ޕްރޮޖެކްޓެއް ނަމަވެސް، ގުރުއާނަށް ހާއްސަ ހަމަތަކަށް ފައްތާފައިވާ ލިޔުން ބަހްރެއިންގެ ގުރުއާން ކެއާ ސޮސައިޓީން މިހާރު ހަދިޔާކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ވަރަށް ބޮޑު ހަރަދެއް ސަލާމަތް ކުރެވިގެންދިޔަ ކަމަށެވެ.

މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން މުސްހަފްތައް ޗާޕްކޮށް ނިންމާލައި މުސްހަފްތައް ނެރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު