ދިވެހި ދައުލަތް ހިންގުމުގައި ސޯޝަލް މީޑިއާގެ ހިއްސާ ވަރަށް ބޮޑު: މައުމޫން

ދިވެހި ދައުލަތް ހިންގުމުގައި ސޯޝަލް މީޑިއާގެ ހިއްސާ ވަރަށް ބޮޑުކަމަށް ޕީޕީއެމްގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިމަހުގެ 24 އިން 27 އަށް މެލޭޝިޔާގައި ކުރިއަށްދާ އެގައުމުގެ ވެރިކަން ކުރާ ޕާޓީ ޔޫއެމްއެންއޯގެ އަހަރީ އާންމު ޖަލްސާގައި ދެއްވި ތަގުރީރެއްގައެވެ.

މައުމޫނު ވިދާޅުވީ ސަރުކާރު ހިންގުމުގަޔާއި ރައްޔިތުންނަށް ކަންކަމުގައި ގޮވާލާ ގޮވާލުމުގައި އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ދާއިމީ ގޮތެއްގައި ސޯޝަލް މީޑިއާ ވަރުގަދަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.

އެ ކޮންފަރަންސްގައި މައުމޫނު އަލިއަޅުއްވައިލައްވާފައި ވަނީ އެ މަނިކުފާނުގެ ޒައާމަތުގައި ދިވެހިރާއްޖޭގައި ބިންގާ އަޅުއްވައި ތަރައްގީ ކުރެއްވި އިންފޮމޭޝަން ޓެކްނޮލޮޖީގެ ސަބަބުން ދިވެހި ސިޔާސީ އަދި އިޖުތިމާއީ މަސްރަހަށް އަންނަ ބަދަލުތަކުގެ މައްޗަށެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ރިޔާސީ އަދި އެހެނިހެން އިންތިހާބުތަކުގައި ކެޕްމެއިންކުރުމަށް ފޭސްބުކް، ޓްވިޓާ އަދި ގޫގުލް ޕްލަސް ކޮމިއުނީޓީގެ ބޭނުން ހިފާފައިވާ ކަމަށާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވެރިކަމަށް ވަޑައިގެންނެވުމުގައި ވެސް އޮންލައިން ކޮމިއުނިޓީގެ ބޮޑު ހިއްސާއެއް އޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން ލޯކަލް ކައުންސިލް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައި ޕީޕީއެމް އިން 75 ޕަސެންޓާއި އެކު މެޖޯރިޓީ ނަގާފައިވާ އިރު، ބައި-އިލެކްޝަންސްތަކުގައި ޑިޖިޓަލް ކެމްޕެއިން ސްޓްރެޓެޖީ ބޭނުންކޮށްގެން ކާމީޔާބު ހޯދާފައިވާ ކަަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޒުވާނުންގެ ޖީލު ވަނީ ސޯޝަލް ނެޓްވޯކްތަކާއި ގުޅިލާމެހިފައި ކަމަށާއި ރާއްޖޭގެ މުޖުތަމައުގައި ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޔޫއެމްއެންއޯ އާއި ޕީޕީއެމް ގުޅިގެން މަސައްކަތްކޮށް ދެޕާޓީގެ ކުރިއެރުމަށާއި ދެގައުމުގެ ތަރައްގީއަށް އިތުރު ފުރުސަތުތަކެއް ހޯދިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މެލޭޝިޔާ އާއެކު ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކޮށް އިޖުތިމާއީ، މަތީ ތައުލީމު، އިގްތިސާދީ، ސިއްހީ އަދި ވިޔަފާރީގެ ދާއިރާއިން އެހީތެރިކަން ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

މިކޮންފަރަންސްގައި 22 ގައުމަކުން 150 މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މިީގެ ތެރޭގައި 70 އަށް ވުރެ ގިނަ ސަފީރުންނާއި އެކި ފެންވަރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު