އަރުހަމް މަރާލި މައްސަލައިގެ ޝަރީއަތަށް ވީޑިއޯ ހުށަހެޅީ، ތުހުމަތު ކުރެވޭ މީހުން ވަޅި ގަތްކަން ސާބިތު ކުރަން: ދައުލަތް

ލޮރެންޒޯ ޕާކުގައި 2012 ވަނަ އަހަރު މަރާލި ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް މަރާލި މައްސަލައިގެ ޝަރީއަތަށް ވީޑިއޯ ހުށަހަޅާފައި ވަނީ އޭނާ މަރާލަން ބޭނުންކުރި ވަޅި ދައުވާ ލިބޭ މީހުން ގަތްކަން ސާބިތުކުރުމަށް ކަމަށް ދައުލަތުން ބުނެފި އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އެ ވީޑިއޯގެ ރިޕޯޓު ތައްޔާރުކުރި ފަރާތާއި އެ މައްސަލައިގައި ހިމެނޭ ފިޒިކަލް އެނެލިސިސް ރިޕޯޓުގެ އިތުރުން ހޮސްޕިޓަލަށް ގެންދިޔައިރު އަރުހަމް މަރުވެފައިވާކަމުގެ ރިޕޯޓުތައްޔާރުކުރި ފަރާތް ޝަރީއަތަށް ހާޒިރުކޮށްދިނުމަށް އެދިފައެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ އަރުހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާނާއި މއ. ސީނަރީވިޔު އާތިފް ރަޝީދު އާއި ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމްގެ އިތުރުން ހަމައެރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ މައްޗަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ދައުލަތުން އެދުނުގޮތަށް އެ ފަރާތްތަށް ހާޒިރުކޮށް ހެކިބަސްނެގުން ކަމަށެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހެޅި، މަންޒަރު ދުށް މީހުންގެ ހެކިބަސް މީގެކުރިން ވަނީ ނަގާފައެވެ. އަދި ދިފާއުގައި ހުށަހަޅާފައިވާ ބައެއް ހެކީންގެ ހެކިބަސް ވެސް ވަނީ މީގެކުރިން ނަގާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު