އަންހެނުންގެ ބައިވެރިވުން ނެތި ގައުމު ކުރިއެއް ނޭރުވޭނެ: ބަންޑާރަ ނައިބް

އަންހެނުންނަކީ ގައުމު ކުރިއެރުވުމަށް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި ސިޔާސީ ގޮތުން ބެލިކަމުގައި ވިޔަސް މުހިންމު ބައެއް ކަމަށާއި އަންހެނުންނާ ނުލައި ގައުމު ކުރިއެރުވުމުގެ މަސައްކަތްތައް ނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

އަނިލް މިހެން ވިދާޅުވީ "ވިމެންސް އޮން ބޯޑްސް" ގެ ނަމުގައި ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީން މިއަދު ހެނދުނު ވިލާ ކޮލެޖްގެ ކެމްޕަސްގައި ބޭއްވި ސެމިނާ ގައި ހާއްސަ މެހެމާނެއްގެ ގޮތުން ވާހަކަދައްކަވަމުންނެވެ.

އަނިލް ވިދާޅުވީ އަންހެނުންނަކީ ތައުލީމީ ގޮތުންނާއި ވިސްނުުމުގެ ގޮތުންނާއި ގާބިލިއްޔަތުގެ ގޮތުން ވެސް ހުނަރުވެރި ބައެއް ކަން މިއީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ. އަދި ވަކީން ހާއްސަކޮށް ސިވިލް ސާވިސްގެ މައިދާނަށް ބަލާލާއިރު އެ ދާއިރާގައި ވެސް އެންމެ ގިނައީ އަންހެނުން ކަމަށް އަނިލް ވިދާޅުވި އެވެ. ނަމަވެސް ސިޔާސަތުތައް ކަނޑައެޅުމާ ހަމައަަށް ދާއިރު އެ އަދަދުތައް މަދުވަމުންދާ ކަން އަނިލް ފާހަގަކުރެއްވި އެވެ.

"ޑިސިޝަން މޭކިން އާއި ގޮޮތް ނިންމުމާއި ސިޔާސަތުތައް ކަނޑައެޅުމުގެ ދާއިރާގައި އަންހެނުން އިތުރަށް ތަރައްގީކޮށް އެ ފުރުސަތުތައް އަންހެނުންނަށް ހޯދައިދެވިފައި ނެތް ކަމީ ރާއްޖެ މިހާރު އޮތް ހިސާބުން އިތުރަށް ކުރިއަށް ދިއުމަށް އޮތް ގޮންޖެހުމެއް، އަންހެނުންނާ ނުލައި އަޅުގަނޑުމެންގެ ގައުމު ކުރިއެއް ނޭރުވޭނެ، މި ހަގީގަތް އަންހެނުން ވެސް އަދި ފިިރިހެނުން ވެސް ގަބޫލު ކުރަންޖެހޭނެ،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ސިޔާސީ މައިދާނަށް ބަލާލި ކަމުގައި ވިޔަސް ކެބިނެޓަށް ބަލައިލި ކަމުގައި ވިޔަސް ރައްޔިތުންގެ މަޖިލީހަށް ބެލިކަމުގައި ވިޔަސް އަދި ފަނޑިޔާރުންނަށް ބަލާލި ކަމުގައި ވިޔަސް ފެންނަނީ އެއް އަތުން ގުނާލެވޭހާ މަދު އަންހެނުންތަކެއް ކަމަށެވެ. އަދި އެ ދާއިރާތަކަށް އަންހެނުން ކެރިގެން ނުކުތުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

އަންހެނުންނަކީ އެއްވެސް ބައެއް ނޫން ކަމުގައި ދުށް ޒަމާންތަކެއް ވެސް ދިޔަ ކަމަށާއި ނަމަވެސް މިއަދު ރާއްޖޭގެ ތައުލީމީ ދާއިރާ އަށް އެކަނި ބަލާލި ނަމަވެސް އަންހެނުންގެ ގާބިލުކަން ފެންނަ ކަމަށް އަނިލް ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަހަރުގެ ސެކެންޑްރީ އިމްތިހާނުގެ ނަތީޖާއަށް ބަލާލާއިރު ހަޔާ އެޗީވާސްގެ 59 އިންސައްތައަކީ އަންހެން ކުދިން ކަމަށާއި އަދި ގައުމީ ޔުނިވާސިޓީ އަށް ބަލާލާއިރު 70 ޕަސެންޓަކީ އަންހެން ކުދިން ކަން އަނިލްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އަދި ޔުނިވާސިޓީތަކުން މަތީ ވަނަ ތައް ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި 16 ފަރާތަކަށް ލިބިފައިވާއިރު އޭގެތެރެއިން 11 ފަރާތަކީ ވެސް އަންހެނުންކަން ކަން އަނިލް ފާހަގަކުރެއްވި އެވެ.

އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި އޮތް ތަފާތުކުރުންތައް ނައްތާލައި ހަމަހަމަކަމާ އެކު އަންހެނުންނަށް މަސައްކަތްކުރުމުގެ ފުރުސަތުތައް ހޯދައިދެވޭނީ ފިރިހެނުންނާއި އަންހެނުން އެކީގައި މަސައްކަތްކޮށްގެން ކަމަށާއި އެ ފުރުސަތުތައް އަންހެނުންނަށް ހޯދައިދިނުމަށް ފިރިހެނުން ވެސް މަސައްކަތް ކޮށްދިނުމަށް އަނިލް އެދިވަޑައިގެންނެވި އެވެ.

"ކުންފުނިތަކުގެ ބޯޑުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެއްޖެ ނަމަ ކުންފުނިތަކާއި ގައުމުގެ ހިންގުމަށް ކުރިއެރުންތަކެއް ލިބިގެންދާނެ، މިއީ މިއަދު ދުނިޔޭގައި ހޯދިފައިވާ ހަގީގަތެއް." އަނިލް ވިދާޅުވި އެވެ.
ސީއެމްޑީއޭ އިން މިއަދު ވިލާ ކޮލެޖްގެ ކެމްޕަސްގައި ބޭއްވި ސެމިނާރުގެ ތެރެއިން -- ސަން ފޮޓޯ ސީއެމްޑީއޭ

މިއަދު ބޭއްވި އެ ސެމިނާރުގައި އަންހެނުން ބާރުވެރިކުރުވުމާ ބެހޭ ވީޑިއޯ ދެ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ހުށަހަޅައިދީފަ އެވެ. އަދި ސިޔާސަތުތައް ކަނޑައެޅުގައި އަންހެނުންގެ ބައިވެރިވުމުން އިތުރުވެއްޖެ ނަމަ ގައުމަށާއި އިގުތިސާދަށް ލިބިގެންދާނެ ކުރިއެރުންތަކާ ބެހޭ މައުލޫމާތާއި ކުންފުނިތަކުގެ ބޯޑުތަކުގައި އަންހެނުން ހިމެނުމުގެ މުހިންމު ކަމާއި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގެ މުހިންމު ކަމުގެ މައްޗަށް ވަނީ އެ ވީޑިއޯތަކުގައި އަލިއަޅުވާލައިފަ އެވެ.

ކެޕިޓަލް މާކެޓް ޑެވޮލޮޕްމަންޓް އެތޯރިޓީ އާއި ކޯޕަރޭޓް ޑައިރެކްޓާސް އެންޑް ސެކްރެޓަރީސް (އައިސީޑީއެސް) އަދި ވިލާ ކޮލެޖް ގުޅިގެން ބޭއްވި މި ސެމިނާރުގައި ސަރުކާރުގެ އޮފީސްތަކާއި މިނިސްޓްރީ ތަކާއި ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން 62 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު