އަގުއޭރޯގެ ހެޓްރިކާއެކު ސިޓީ ދެވަނަ ބުރުގެ އުންމީދު އާކޮށްފި

ރޭ ޗެންޕިއަންސް ލީގުގައި ބެޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި ސާޖިއޯ އަގުއޭރޯގެ ހެޓްރިކާއެކު 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، މެންޗެސްޓާ ސިޓީ މި މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު އާކޮށްފި އެވެ.

މި މެޗުގެ ނަތީޖާއާއި އެކު ގްރޫޕް އީގައި ހިމެނޭ ސިޓީ، ރޯމާ، އަދި ސީއޭއެސްކޭ މިއިން ކޮންމެ ޓީމަކަށް ފަސް މެޗު ކުޅެގެން ފަސް ޕޮއިންޓާއެކު ޕޮއިންޓުގެ ގޮތުން އެއްވަރު ވެފައިވާއިރު، މުބާރާތުގައި މިހާތަނަށް ކުޅުން ފަސް މެޗުގެތެރޭން ހަތަރު މެޗު ކާމިޔާބުކޮށް، ބެޔާނަށް ދެވަނަ ބުރުގެ ޖާގައެއް ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

ސިޓީގެ ހޯމް ސްޓޭޑިއަމް އިއްތިހާދުގައި ކުޅުނު މި މެޗު އެ ޓީމްގެ ކޮޅަށް ބުރަވެފައި ވަނީ މެޗުގެ 19 ވަނަ މިނެޓުގައި ބެޔާންގެ މޮރޮކޯ ކުޅުންތެރިޔާ މެހްދީ ބެނާތިއްޔާއަށް ސިދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މި ކާޑާއެކު ސިޓީއަށް ލިބުން ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 21 ވަނަ މިނެޓުގައި އަގުއޭރޯ އެވެ.

ސިޓީގެ މި ލަނޑާއެކު މެޗު ފަށުމުގައި ގޭމް ކޮންޓްރޯލްކުރަމުން އައި ބެޔާނަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. މި ހާފްގައި ބެޔާން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ރަތް ކާޑުގެ ކުރިން 11 ކުޅުންތެރިންނާއެކު އެ ޓީމްގެ ފޯވާޑް ލައިނަށް ސަޕްލައިކޮށްދެމުން އައި ބޯޅަތަށް 10 ކުޅުންތެރިންނާއެކު އެ ޓީމަށް ވަނީ ސަޕްލައިކޮށްދެވޭގޮތް ނުވެފައެވެ. މި ލަނޑާއެކު ސިޓީ ފެނިގެން ދިޔައީ ޑިފެންސަށް އިސްކަން ދީ، ކައުންޓާތަކުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން މަސައްކަތް ކުރިތަނެވެ.

ސިޓީގެ މި އުކުޅުތައް ނާކާމިޔާބުވީ މެޗުގެ 40 ވަނަ މިނެޓުގައި ބެޔާން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުންނެވެ. ސިޓީގެ ގޯލާއި 20 ޔާޑު ބޭރުން ބެޔާންއަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް މި ލަނޑު ކާމިޔާބުކޮސްދިނީ އެ ޓީމްގެ ޒަބީ އެލޮންސޯ އެވެ. އޭގެ ފަސް މިނެޓުފަހުން ބެޔާން ވަނީ މެޗުގައި ލީޑްނަގާފައެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުތެރޭ ބެޔާންއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ބޯޓެންގ ނަގައިދިން ރީތި ހުރަހަކުން ބޮލުން ޖަހައި ބޯޅަ ގޯލްގެތެރެއަށް ފޮނުވާލައިން އެ ޓީމްގެ ރޮބާޓް ލެވެންޑޯސްކީ އެވެ.

މެޗުގެ ދެވަނަ ހާފަށް ސިޓީ ނިކުމެފައި ވަނީ ރަނގަޅު ފޯމެއްގައެވެ. މި ހާފްގެ ފުރަތަމަ ވަގުތުކޮޅު ތެރޭ އެ ޓީމް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާއިރު، ހާފްގެ މެދުތެރޭން ބެޔާން ވަނީ ކުރިއަށް ޖެހިލައި ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކޮށްފައެވެ. ސިޓީގެ ޑިފެންސަށް ކުރިމަތިވި ޕްރެޝާ އެޓީމުން ރަނގަޅަށް ހިފައްޓާލާފައި ވާއިރު، މެޗުގެ 85 ވަނަ މިނެޓުގައި އެ ޓީމްވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބެޔާންގެ ޑިފެންސަށް ހެދުނު މިސްޓޭކެއްގެ ބޭނުން ހިފައި، ސިޓީއަށް އެ ޓީމްގެ ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިނީ އަގުއޭރޯ އެވެ.

ސިޓީ މެޗުގައި ލީޑް ނަގާފައި ވަނީ ދެވަނަ ހާފްގެ އިތުރު ވަގުތުތެރޭގައެވެ. މެޗުގައި ބެޔާންގެ ބަދުނަސީބު ޑިފެންސަށް ހެދުނު ދެވަނަ މިސްޓޭކްގެ ފުރިހަމަ ބޭނުން ހިފައި، އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އަގުއެރޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މި ހެޓްރިކާ އެކު އޭނާ ބަދަލުކޮށްފައި ވާއިރު، ސިޓީގެ ސަޕޯޓަރުން ވަނީ އޭނާ ދަނޑުން ފޭބި ވަގުތު ހޫނު ތަރުހީބެއް ދީފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު