މުންނާރު ދޮވުމުގެ މަސައްކަތް ފަށައިފި

ހުކުރު މިސްކިތުގައި ހުންނަ ތާރީޚީ މުންނާރު "ހަޑި" ވެފައި ވާތީ އެ މުންނާރު ދޮވުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މުންނާރުގެ މަރާމާތު ކަންތަކާއި ގުޅިގެން ހެރިޓޭޖް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަލީ ވަހީދު ވިދާޅުވީ، އަމިއްލަ ބަޔަކާއި ހަވާލުކޮށްގެން މުންނާރު ދޮވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެމަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވެނީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

"މިފަހަރު މިކުރާ މަސައްކަތަކީ މުންނާރު ދޮވުމުގެ މަސައްކަތް، މުންނާރުގައި އުވަ ލުމުގެ މަސައްކަތް ފަށާނީ މޫސުމަށް ބަލާފައި." އަލީ ވަހީދު ވިދާޅުވިއެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު ރާއްޖޭގެ ތާރީޚި ބިނާއެއް ކަމަށްވާ މާލޭ ހުކުރު މިސްކިތުގެ މުންނާރު "ހަޑިވެ" ބާވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެ މުންނާރު ކޮންމެ ފަހަރަކު ވެސް އަލުން ރީތިކުރާތަން ފެންނަނީ ވަރަށް ބާވެ ހަޑިވާ ފަހުންނެވެ.

ކޮންމެ ފަހަރަކު ކުލަ ވެއްޓި ބާ ނުވަނީސް އެފަދަ ތާރީޚީ ތަންތަން އާ ކުރުމަށް މަސައްކަތް ނުފަށަނީ ކީއްވެތޯ ސުވާލުކުރުމުން އަލީ ވަހީދު ކުރީން ވިދާޅުވީ، ތާރީހީ ތަންތަން ހުންނާނީ "އެތަންތަން ހުންނަންޖެހޭ ގޮތަށް. އެއީ ލަގްޒަރީ ހޮޓަލެއް ނޫން،" ކަމަށެވެ.

އެންމެ ފަހުން މުންނާރު މަރާމާތުކޮށް ކުލަލާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެކަން އެފަހަރު ކުރީ އަމިއްލަ ބަޔަކާ ހަވާލުކޮށްގެނެވެ. އެފަހަރު މުންނާރުގައި ކުލަ ލީއިރު ވެސް މުންނާރު ހުރީ ވަރަށް ބޮޑަށް ކުލަވެއްޓި ކަޅުކުލަ ހިފާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު