ކާޑުގެ ސަބްސިޑީއަށް ހަތަރު އަހަރު ތެރޭ އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފި

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކާޑުގެ ބާވަތްތަކަށް ވޭތިވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަބްސިޑީގެ ގޮތުގައި ސަރުކާރުން އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

'ސަން'އަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތިވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 1083.59 ބިލިއަން ރުފިޔާ ދައުލަތުން ވަނީ ކާޑުގެ ބާވަތްތަކަށް ސަބްސިޑީގެ ގޮތުގައި ދައުލަތުން ހޭދަކޮށްފައެވެ. މިއަހަރުގެ މިހާތަނަށް ކާޑުގެ ސަބްސިޑީގެ ގޮތުގައި ހަރަދުކޮށްފައިވަނީ 272.4 މިލިއަން ރުފިޔާ އެވެ.

އެ ތަފާސް ހިސާބުތައް ދައްކާގޮތުން މަހެއްގެ މައްޗަށް އެވެރެޖް ގޮތެއްގައި 23.5 މިލިއަން ރުފިޔާ ކާޑުގެ ސަބްސިޑީގެ ގޮތުގައި ދައުލަތުން ދަނީ ހަރަދު ކުރަމުންނެވެ.

އަގުހެޔޮކޮށް ހުރިހާ ފިހާރަތަކުން ވިއްކާ ކާޑުގެ ބާވަތްތަކުގެ ކޮންމެ ކިލޯ އަކަށް ސަރުކާރުން އެސްޓީއޯއަށް 12 ރުފިޔާ އާއި 14 ރުފިޔާ އާ ދެމެދުގެ ސަބްސިޑީއެއް ދައްކަ އެވެ.

މިހާ ބޮޑު ސަބްސިޑީއެއް ދައްކައިގެން ކާޑުގެ ބާވަތްތައް އަގުހެޔޮކޮށްފައިވާއިރު ރާއްޖޭގައި ދޭ ސަބްސިޑީތަކުގެ ތެރެއިން ގިނަ ބަޔަކަށް ސަބްސިޑައިޒް ކޮށްފައިވާކަން ނޭނގޭ، ކާޑުގެ ބާވަތްތަކަށް ދޭ ސަބްސިޑީ ލިބެމުންދަނީ ހައްގު ފަރާތްތަކަށް އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި ސަބްސިޑީގެ ގޮތުގައި ދިވެހިންނަށް ކުރާ ބޮޑު ހޭދަ ބިދޭސީންނަށް ވެސް ލިބެ އެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެކްޓިވް ވޯކް ވިސާ ގައިތިބި ކޮންމެ ބިދޭސީއަކަށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 2،946.96 ރުފިޔާ ސަރުކާރުގެ ބަޖެޓުން ސަބްސިޑައިޒް ކުރެވެ އެވެ. ރިސޯޓްތަކުގައި ވެސް ބޭނުންކުރަނީ ސަބްސިޑައިޒް ކުރެވިފައިވާ ކާޑުގެ ބާވަތްތަކެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓު ފޮނުވާފައިވާއިރު ސަރުކާރުން ހުށަހަޅާފައިވަނީ ކާޑުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރުމަށެވެ.

ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ، ސަރުކާރުގެ ވިސްނުންހުރީ ކާޑުގެ ސަބްސިޑީއަކީ ނިކަމެތިންނަށް ދެވޭ އެއްޗަކަށް ހެދުމަށް ކަމަށެވެ.

"ކާޑުގެ ބާވަތްތައް އަގުބޮޑުވެ ނުދީ ހިފެއްހެއްޓުމަށް ކުރެވޭ ސަބްސިޑީއަކީ ވެސް ޓާގެޓް ކުރެވިގެން ދެވޭ ސަބްސިޑީ އަކަށް ހެދުމަށް ސަރުކާރުން މިދަނީ މަސައްކަތްތަކެއް ކުރަމުން،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

އެ އިސްލާހު މަޖިލީހުން ފާސްވުމާއެކު ނިކަމެތި ދިވެހިން ފިޔަވައި އެހެން ފަރާތްތަކަށް ކާޑުގެ ބާވަތްތައް ގަންނަން ލިބޭނީ އަގުބޮޑުކޮށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު