ތަރައްގީގެ މަޝްރޫއުތައް ހިނގާނީ ދައުލަތަށް ފައިސާ ލިބޭ ވަރަކުން: ފިނޭންސް މިނިސްޓަރު

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިމެނިފައިވާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓު ޕްރޮގުރާމްތައް (ޕީއެސްއައިޕީ) ކުރިއަށް ގެންދެވޭނީ ދައުލަތަށް އާމްދަނީ ލިބޭ ވަރަކުން ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ބަޖެޓް ކޮމިޓީން ރޭ ބޭއްވި ބައްދަލަވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ ޕީއެސްއައިޕީގެ މަސައްކަތްތައް އަންނަ އަހަރު ފެށޭނެ ކަމަށެވެ. އެހެންނަމަވެސް އެމަސައްކަތް ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެހީވެސް ލިބިގެން ކަމަށް ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ ރެވެނިއު ބިލްތައް ފާސްކޮށްދެއްވުމުން ޕީއެސްއައިޕީގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ފެށިގެން ދާނެ ކަމަށެވެ.

"ހުރިހާ ރެވެނިއު ބިލްތައް ފާސްކޮށްދެއްވާ.. އޭރުން ޕީއެސްއައިޕީގެ މަސައްކަތްތައް ކުރެވޭނެ. އެކަމަކު އެކަން އެގޮތަށް ނުވެއްޖިއްޔާ ވަރަށް އުނދަގުވާނެ. އެހެން ނުވެއްޖިއްޔާ ޖެހޭނީ މަސައްކަތްތައް ހުއްޓާލަން،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ނަތީޖާ ހާސިލްވެފައިވާ މިންވަރު ދެނަގަތުމަށް ޚުދު ފިނޭންސް މިނިސްޓްރީން ވެސް އެ މަސައްކަތްތައް ބަލާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޭނުންފުޅުވާ ކަމަށް ވާނަމަ މެމްބަރުންނަށް ވެސް އެ މަސައްކަތްތައް ބެލޭނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.

"އާމްދަނީ އަޅުގަނޑުމެން ބޭނުންވާ ވަރަށް ނުވަދެއްޖެ ނަމަ މަޝްރޫއުތައް ހިފަހައްޓާލަން ޖެހޭނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިއްޒަތްތެރި މެމްބަރުން އަހަރުގެ ކުރީކޮޅުގައި ރެވެނިއު ބިލްތައް ފާސްކޮށްދެއްވައިފިނަމަ އަޅުގަނޑުމެންގެ ކެޕޭސިޓީ ރަނގަޅުވެގެން ދާނެ." ޖިހާދު ވިދާޅުވި އެވެ.

ބަޖެޓު ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ޕީއެސްއައިޕީއާ ގުޅޭ މަސައްކަތްތައް ވަނީ ނިންމާލައިފައި އެވެ.

ދައުލަތުން މަޖިލީހަށް ހުށަހެޅުއްވި 24.3 ބިލިއަން ރުފިޔާގެ ބަޖެޓުގެ ހަތަރު ބައިކުޅަ އެއްބައި ހިމަނާފައި ވަނީ ޕީއެސްއައިޕީ ޕްރޮގުރާމް ތަކަށެވެ. ޕީއެސްއައިޕީއަށް 6.2 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ. ޖުމުލަ ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޕީއެސްއައިޕީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ދައުލަތުގެ ބަޖެޓުންނާއި ބޭރުގެ ލޯނުންނާއި ބޭރުގެ ހިލޭ އެހީގެ ގޮތުގަ އާއި އަދި އެހެނިހެން އެހީން ލިބޭ ފައިސާއިންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު