އޭދަފުށި ބެޑްމިންޓަން ޓީމުން އަތޮޅު ލީގު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކާމިޔާބުކޮށްފި

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަތްވަނަ ބެޑްމިންޓަން އަތޮޅު ލީގު ކާމިޔާބުކޮށް އެ މުބާރާތުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް އޭދަފުށީ ބީޑީސީ އުފުލާލައިފި އެވެ.

އަތޮޅު ލީގުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި އޭދަފުށި ބީޑީސީ ބައްދަލުކޮށްފައި ވަނީ ހޮޅުދޫ ބީޑީސީ އާއެވެ. މި މެޗު އޭދަފުށި ބީޑީސީ ކާމިޔާބުކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ސިންގަލްސް ސެޓާއި ފުރަތަމަ ޑަބަލްސް ސެޓު އެ ޓީމް ކާމިޔާބު ކޮށްފައި ވާއިރު، ހޮޅުދޫ ބީޑީސީ ވަނީ ދެވަނަ ޑަބަލްސް ސެޓާއި ދެވަނަ ސިންގަލްސް ސެޓު ކާމިޔާބު ކޮށްފައެވެ. އޭދަފުށި ބީޑީސީ މި މެޗު ކާމިޔާބުކޮށްފައި ވަނީ ކުޅުނު އެންމެ ފަހު ޑަބަލްސް ސެޓު އެޓީމް ކާމިޔާބު ކޮށްގެނެވެ.

މި ލީގުގެ ދެވަނަ ޓީމަކަށް ހޮޅުދޫ ބީޑީސީ ހޮވިފައި ވާއިރު، ލީގުގެ ތިން ވަނަ މަގާމް ކާމިޔާބު ކޮށްފައި ވަނީ މ. ބީޑީސީ އާއި ތޯއްޑޫ ބެޑްމިންޓަން ޓީމެވެ.

މީގެ އިތުރުން މައިލޯ 41 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓްތަކުގައި ފުރަތަމަ ޑިވިޝަންގެ ޗެންޕިއަން ޓީމަކަށް ހޮވިފައި ވަނީ އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އެވެ. އެއްވަނަ ޑިވިޝަންގައި މިފަހަރު މުޅިއެކު ދެ ޓީމެއް ބައިވެރިވިއިރު، އާކަށް އެއްވަނަ ޑިވިޝަންގެ ޗެންޕިއަންކަން ލިބިފައި ވަނީ ބައިވެރިވި ދެވަނަ ޓީމް، ޕޮލިސް ކްލަބް މުބާރާތުން ވަކިވުމުންނެވެ.

މި މުބާރާޓުގެ ދެވަނަ ޑިވިޝަންގެ ޗެންޕިއަން ޓީމަކަށް ހޮވިފައި ވަނީ ޔުނީކް ސްޕޯޓްސް ކްލަބެވެ. އަދި ދެވަނަ ޑިވިޝަންގެ ދެވަނަ ޓީމަކަށް ހޮވިފައި ވަނީ ކްލަބް ސްޓެޓިކް އެވެ.

މި މުބާރާތުގައި މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ، އަތޮޅު ލީގުގެ ފިރެހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓުތަކުގެ އިތުރުން ދެވަނަ ޑިވިޝަންގެ ފިރެހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓުތަކާއި ދެވަނަ ޑިވިޝަންގެ އަންހެން ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިވެންޓުތަކެވެ. މީގެ އިތުރުން އެއްވަނަ ޑިވިޝަންގެ ފިރެހެން ސިންގަލްސް އާއި އަންހެން ސިންގަލްސް އިވެންޓުތައްވެސް މިއަދު ވަނީ ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު