ގައުމީ ހޭންޑްބޯލް ޓީމް ދެކުނު އޭޝިއާގެ ތައްޓަށް ވާދަ ކުރުމަށް ފުރަނީ

ބައިނަލްއަގްވާމީ ހޭޑްބޯލް ފެޑަރޭޝަނުން އިންތިޒާމް ކޮށްގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމް އަންނަ މަހު ފުރާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ޓީމް ފުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުއެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ހޭންޑްބޯލް ފިރިހެން ޓީމް ބައިވެރިވެފައި ވާއިރު، ރާއްޖޭގެ އަންހެން ޓީމް މި މުބާރާތުގައި މިފަހަރު ބައިވެރިއެއް ނުވެއެވެ.

ރާއްޖޭގެ އިތުރުން މި މުބާރާތުގައި އިތުރު ހަ ގައުމެއް ވާދަ ކުރާއިރު، އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ޔަމަން، އަފްޣާނިސްތާން އަދި ޕާކިސްތާން އެވެ. މި ގައުމުތަކުގެ އިތުރުން ޝްރީލަންކާވެސް ދެކުނު އޭޝިއާގެ ހޭންޑްބޯލް ޒޯންގައި ހިމެނޭ އިރު، އެ ގައުމު މިފަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެއެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ގްރޫޕު އުސޫލްން ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެނެވެ. އެގޮތުން ރާއްޖެ ހިމެނޭ ގްރޫޕް 'އޭ' ގައި ރާއްޖޭގެ އިތުރުން އިންޑިއާ، އަފްޣާނިސްތާން އަދި ޔަމަން ހިމެނެއެވެ. އަދި ގްރޫޕް 'ބީ' ގައި ހިމެނެނީ ނޭޕާލް، ބަންގްލަދޭޝް އަދި ޕާކިސްތާން އެވެ.

މި މުބާރާތުގައި ރާއްޖެ އެންމެ ފުރަތަމަ ބައްދަލުކުރަން ހަމަޖެހިފައި ވަނީ އިންޑިއާ އާއެވެ. މި މެޗު އަންނަ މަހުގެ ތިނަކަށް ތާވަލްކުރެވިފައި ވާއިރު، ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ މަހު ހަތަރެއްގައި ވާދަކުރާނީ އަފްޣާނިސްތާނާއެވެ. އަދި ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ އެންމެ ފަހު މެޗު ކުޅެން ހަމަޖެހިފައި ވަނީ އަންނަ މަހު ފަހެއްގައި ޔަމަނާ ދެކޮޅަށެވެ.

ސަރަހައްދީ އެންމެ ބޮޑު ހޭންޑްބޯލް މުބާރާތަށް ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމުން ތައްޔާރުވަމުން އަންނައިރު، އެޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ބުންޏެވެ.

"އަޅުގަނޑުމެން މިހާރު ފަރިތަކުރުންތައް ބާއްވަން މިޖެހެނީ، އާޓިފިޝަލް ބީޗްގައި އޮން ބީޗް ވޮލީ ކޯޓުގެ އަރިމަތިން އެ އޮންނަ ހުސް ތަންކޮޅުގައި. ވާރޭ ވެހިއްޖިއްޔާ އެތަން އޮންނާނީ ފެންބޮޑުވެ ޗަކަ ހެދިފައި. ދެން ޕްރެކްޓިސް ކޮށްލަން މި ލިބެނީ، ޑައިން މޯ އަރިމަތީގައި އެ އޮންނަ ފުޓްބޯޅަ ކުޅޭ ސަރަހައްދު. ވަރަށް ދަތި ހާލުގައި އަޅުގަނޑުމެން ފަރިތަކުރުންތައް ކުރިއަށް މިގެންދަނީ،" ހޭންޑް ބޯލް މޯލްޑިވްސްގެ އޮފިޝަލަކު 'ސަން'އަށް ވިދާޅުވި އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި މިފަހަރު ބާއްވާ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން ޓްރޮފީއަށް ކުޅޭ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު ތިނަކުން ހަތަކަށް، ޕާކިސްތާނުގެ ފައިސަލްއާބާދުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު