ހޮޅުދުއާއި އޭދަފުށި ބެޑްމިންޓަން އަތޮޅު ލީގުގެ ފައިނަލަށް

ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މިހާރު ކުރިއަށް ގެންދާ ހަތް ވަނަ ބެޑްމިންޓަން އަތޮޅު ލީގުގެ ފައިނަލަށް ހޮޅުދޫ ބީޑީސީ އާއި އޭދަފުށި ބީޑީސީ ދަތުރު ކޮށްފި އެވެ.

މި ދެ ޓީމު ފައިނަލަށް ދަތުރުކޮށްފައި ވަނީ ރޭ ކުޅުނު ސެމީފައިނަލް މެޗުތައް ކާމިޔާބުކޮށްގެނެވެ. ރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި އޭދަފުށި ބީޑީސީ ބައްދަލުކޮށްފައި ވަނީ މ. ބީޑީސީ އާއެވެ. އޭދަފުށި ބީޑީސީ ލީގުގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ 2-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެނެވެ.

ރޭ ކުޅުން ސެމީފައިނަލް ދެވަނަ މެޗުގައި ބައްދަލުކޮށްފައި ވަނީ ތޮއްޑޫ ބެޑްމިންޓަން ޓީމާއި ހޮޅުދޫ ބީޑީސީ އެވެ. ހޮޅުދޫ ބީޑީސީ ފައިނަލަށް ދަތުރުކޮށްފައި ވަނީ މި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެނެވެ.

އަތޮޅު ލީގުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިއަދު ހަވީރު، މާލޭ ކުޅިވަރު އެކުވެނި އިންޑޯ ކޯޓުގައެވެ.

ރާއްޖޭގެ 41 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުން ޕޮލިސް ކްލަބް ވަކިވުމުން، ރޭ ކުޅެން ތާވަލްކުރެވުނު އެއްވަނަ ޑިވިޝަންގެ ފިރިހެން ފައިނަލް މެޗު، ވަނީ ކުޅެވޭގޮތް ނުވެފައެވެ. އެއްވަނަ ޑިވިޝަންގެ ފިރިހެން ޓީމް އިވެންޓުގައި ބައިވެރިވެފައި ވަނީ މުޅިއެކު ދެ ޓީމެވެ. އެއީ ޕޮލިސް ކްލަބާއި އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްރެން (އާކް) އެވެ. ޕޮލިސް ކްލަބް މުބާރާތުން ވަކިވުމުން މި އިވެންޓް ގެ ޗެންޕިއަންކަން ލިބިފައި ވަނީ އާކް އަށެވެ.

މި މުބާރާތުގެ ޓީމް އިވެންޓުތަކަށްފަހު، އެއްވަނަ ޑިވިޝަން އާއި ދެވަނަ ޑިވިޝަން އަދި އަތޮޅު މުބާރާތުގެ ދެ ޖިންސުގެ ސިންގަލްސް އިވެންޓުތަކާއި ދެ ޖިންސުގެ ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުތައް ވަނީ މާދަމާ ފަށަން ހަމަޖެހިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު