އެކަމޮޑޭޝަން ބްލޮކްގެ ހާލަތު ޓީމްތަކަށް އެނގޭ، ޓީމްތަކުން އެތަނުގައި ތިބެނީ ރުހިގެން: ޔޫތު މިނިސްޓްރީ

އަތޮޅުތަކުން ގައުމީ މުބާރާތްތަކުގައި ބައިވެރިވުމަށް މާލެ އަންނަ ޓީމްތަކުން ގަލޮޅު ސްޓޭޑިއަމްގައި ހުންނަ އެކޮމަޑޭޝަން ބްލޮކްގައި ތިބެނީ އެ ޓީމްތަކުގެ ރުހުމުގައި ކަމަށާއި، އެތަނުގެ ހާލަތު އެ ޓީމްތަކަށާއި އެސޯސިއޭޝަންތަކަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

މިއަދު ހަވީރު ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ ވިދާޅުވީ ފަހަކަށް އައިސް އެ އެކޮމޮޑޭޝަން ބްލޮކްގެ "މަރާމާތުތައް ހުރީ ވަރަށް ބޮޑަށް ދަށްވެފައި" ކަމަށާއި ގައުމީ މުބާރާތްތަކުގައި ބައިވެރިވުމަށް އަތޮޅުތެރެއިން އަންނަ ޓީމްތަކަށާއި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް އެކަން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

"އެތަނަށް ވަޑައިނަނަވާ ހުރިހާ އެސޯސިއޭޝަންތަކަށް އެތާގެ ހާލަތު އެނގިވަޑައިންނަވާނެ. އެއްވެސް ގޮތަކުން އެތަނުގެ ހާލަތު އޮޅުވާލާ އެތަނުން ދެވެން ނެތް ފެސިލިޓީއެއް ދޭކަށް އަޅުގަނޑުމެން އަންގާފަކާއެއް ނޯންނާނެ. އެތަނަށް ވަންނަ ޓީމުތަކުން ވަންނަނީ އެތާގެ ހާލަތު ރަނގަޅަށް އެނގި، އެކަމަށް ރުހި ގަބޫލުވެގެން،" ޒަކީ ވިދާޅުވިއެވެ.

އަތޮޅުތަކުން އަންނަ ޓީމްތައް ގަލޮޅު އެކޮމަޑޭޝަން ބްލޮކްގައި ތިބޭ ހާލަތު ގައްކުވައިދޭ ފޮޓޯތަކެއް މިއަދު ސޯޝަލް މީޑިއާތަކުގައި ލީކުވެފައި ވާއިރު، ބައެއް ޓީމްތަކުން 12 އާއި 18އާ ދެމެދުގެ އަދަދަކަށް ކުޅުންތެރިން އެއް ކޮޓަރިއެއްގައި ތިބޭތަންވެސް އެ ފޮޓޯތަކުން ފެނެއެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މިއަދު 'ސަން' އަށް މައުލޫމާތު ދިން ރާއްޖެތެރޭ ޓީމަކުން ބުނީ 18 ކުޅުންތެރިން ބޭނުންކުރަންޖެހެނީ އެންމެ ދެ ފާޚާނަ ކަމަށާއި އެތަނުގައި އެއްޗެހި ދޮވެލާނެވަރުގެ އިންތިޒާމެއްވެސް ހަމަޖެހިފައި ނެތް ކަމަށެވެ. އަދި އެހާ ގިނަ ކުޅުންތެރިންތަކެއް އެއްތާކު ތިބުން އެއީ ވަރަށް ދަތިވާ ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.

"މިފަހަރުގެ މުބާރާތައް އައި އިރު އަޅުގަނޑުމެނަށް ފުރަތަމަ ހަމަޖައްސަދިން ކޮޓަރި ތަކުގައި ތަޅެއްވެސް ނެތް، ފަންކާތައްވެސް މަސައްކަތެއް ނުކުރޭ. އެކަންތައްތައް މިހާރު ރަނގަޅުކޮށްފި. ނަމަވެސް އަޅުގަނޑުމެންގެ 18 ކުޅުންތެރިން މި ބޭނުންކުރަން ޖެހެނީ އެންމެ ދެ ފާހާނަ،" ޒަކީ ބުންޏެވެ.

މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ވިދާޅުވީ އެ މިނިސްޓްރީއަށް އެއްވެސް ފަރާތަކުން އެފަދަ މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށާއި މީގެ ކުރިން އެތަން ބޭނުންކުރި ޓީމްތަކުން ވެސް އެފަދަ އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ.

"އެތަނުން އަޅުގަނޑުމެން ވަރަށް ގިނަ ފަރާތްތަކަކަށް ޚިދުމަތް ފޯރުކޮށްދެން. އެއްވެސް ފަރާތަކުން އަދި މިހާތަނަށް މިކަހަލަ މައްސަލައެއް ޖައްސާފައެއް ނުވޭ. އެތަން މަރާމާތުކުރަން އަޅުގަނޑުމެން މިދަނީ ވާހަކަ ދައްކަމުން، ނަމަވެސް މުޅި އަހަރު އެއްކޮށްހެން އެތަން ފުލްވެފައި އޮތުމުން އަޅުގަނޑުމެންނަށް ވަނީ އެކަމުގައި ދަތިތަކަކާ ކުރިމަތި ލާން ޖެހިފައި،" ނާއިފް ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ބެޑްމިންޓަން މުބާރާތް މިހާރު ކުރިއަށް ދާއިރު، ވޮލީގެ ޔޫތު ޗެންޕިއަންޝިޕްވެސް ވަނީ ދާދި ފަހުން ފަށާފައެވެ. އެގޮތުން ބެޑްމިންޓަން މުބާރާތުގައި ރާއްޖެތެރޭގެ 12 ޓީމެއް ހިމެނޭއިރު، ވޮލީ ޔޫތު ޗެންޕިއަންޝިޕްގައި ރާއްޖެތެރޭން ފަސް ޓީމެއް ބައިވެރި ވެފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު