މެލޭޝިޔާގެ ވެރިކަންކުރާ ޕާޓީން ބާއްވާ އިންޓަނޭޝަނަލް ފޯރަމް ހުޅުވައިފި

މެލޭޝިޔާގެ ވެރިކަންކުރާ ޕާޓީ އަމްނޯއިންގެ ފަރާތުން ބާއްވާ އިންޓަނޭޝަނަލް ފޯރަމް މިއަދު ހުޅުވައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފޯރަމް ހުޅުވައްވައި ދެއްވީ ވެރިކަން ކުރާ އަމްނޯއީގެ ލީޑަރު އަދި އެގައުމުގެ ބޮޑުވަޒީރު ދާތޯ ސްރީ މުހައްމަދު ނަޖީބު ބިން ހާޖީ ތުން އަބްދުއްރައްޒާގު އެވެ. މިއަދު ބޭއްވި ފޯރަމްގެ އިފްތިތާހީ ޖަލްސާގައި ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގަތެވެ. އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މެލޭޝިޔާއަށް ވަޑައިގަތް ޕީޕީއެމްގެ ވަފްދުގެ އެހެނިހެން ބޭފުޅުްނ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ޖަލްސާ އިފްތިތާހުކޮށްދެއްވަމުން މެލޭޝިޔާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި އިންޓަނެޓުގެ ޒަރިއްޔާއިން ދޭދޭ ފަރުދުންނާއި ޖަމާއަތްތަކާއި ގައުމުތަކުގެ ގުޅުން ބަދަހިކުރުމުގެ މައްޗަށް ބައްލަވައިލެއްވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި އޮންލައިންކޮށް މައުލޫމާތު ބަދަލުކުރުމާއި އެއްބަޔަކު އަނެއްބަޔަކާ ގުޅުން ބަދަހި ކުރުމަކީ މިހާރުގެ ތަރައްގީގައި ވަރަށް މުހިންމު ހިއްސާއެއް އަދާކުރާ ވަސީލަތަކަށް ވެއްޖެއެވެ. އަދި ގައުމުތަކުގެ އިގްތިސޯދީ ތަރައްގީ އާއި އިޖުތިމާއީ ގުޅުންތައް ވަރުގަދަކޮށް ދެމެހެއްޓުމުގައި އެ ވަސީލަތަކީ ވަގުތުން ވަގުތަށް މައުލޫމާތުި ފޯރުވައިދޭ އަދި ޚިޔާލާއި މަޝްވަރާ ބަދަލުކުރެވޭ ވަސީލަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިފްތިތާހީ ޖަލްސާއަށް ފަހު މެލޭޝިޔާގެ ބޮޑުވަޒީރު ވަނީ ރައީސް މައުމޫނާ ބައްދަލުކުރައްވައި އެ ޖަލްސާއަށް ވަޑައިގެންދެއްވި ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއާއި މެލޭޝިޔާ އަކީ ވަރަށް ގާތް އެކުވެރި ދެ ގައުމު ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމަނިކުފާނު ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަމަށް ވިދާޅުވިއެވެ.

އެ ޖަލްސާގައި 22 ގައުމަކުން 34 ސިޔާސީ ޕާޓީގެ ފަރާތުން 100 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު