ވަކީލު ހާޒިރުވާނެ ކަމުގެ ޔަގީންކަން ނުދެނީސް ތިނަދޫ މައްސަލަ ބަލައެއް ނުގަންނާނަން: ކްރިމިނަލް ކޯޓު

ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކު ކޯޓުން ނެރެގެން ގެންދަނީ ---- ސަން ފޮޓޯ: ޝިފާޒް

ގދ. ތިނަދޫގައި ހުޅުޖެހި މައްސަލައިގެ ތުހުމަތު ކުރެވޭ 89 މީހުންގެ މައްސަލަ ދެން ބަލައިގަންނާނީ ދައުލަތުގެ ވަކީލު ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ލިޔުމުން ދިނުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު 'ސަން' އަށް ވިދާޅުވީ، މިއަދު އެ މައްސަލަ އަލުން ހުށަހެޅުމުން ބަލައި ނުގަތީ އެ މައްސަލައިގައި ދައުލަތް ތަމްސީލުކުރާ ވަކީލު ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ދީފައިނުވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ، ހޮނިހިރު ދުވަހު އެ މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ ދައުލަތުގެ ވަކީލު އެދުވަހު ކޯޓަށް ހާޒިރުކޮށްދެވެން ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެންގުމުން ކަމަށެވެ. އެހެންކަމުން ކޯޓުން އަންގާ ކޮންމެ ވަގުތަކު ދައުލަތުގެ ވަކީލު ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ނުދޭހާ ހިނދަކު އެ މައްސަލަ ބަލައި ނުގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އާދަމް އާރިފް މިއަދު ވިދާޅުވީ، މައްސަލަ ބަލައިނުގަތް ސަބަބެއް ކޯޓުން އަންގާފައިނުވާ ކަމަށާއި އެ މައްސަލަ އަނެއްކާވެސް މާދަމާ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ 89 މީހުންގެ ގާނޫނީ ޓީމުން އިއްޔެ ބުނެފައި ވަނީ އެ މައްސަލަ އަލުން ކޯޓަށް ހުށަހެޅިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި ކޯޓުން ވަނީ އެ މައްސަލައާ މެދު ގޮތެއް ނިންމާފައި ކަމަށެވެ. އެހެންކަމުން އަލުން އެ މައްސަލަ ހުށަހެޅުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް