ލިވަޕޫލްގެ ނާކާމިޔާބީތަކުގެ ޒިންމާ އަހަރެން ފުރިހަމައަށް އުފުލަން: ރޮޖާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލަށް މިހާތަނަށް ލިބިފައިވާ ނާކާމިޔާބީތަކުގެ ޒިންމާ ފުރިހަމައަށް އުފުލާނެކަމަށް އެ ޓީމްގެ ކޯޗް ބްރެންޑަން ރޮޖާސް ބުނެފި އެވެ.

އޭނާ މިހެން ބުނެފައި ވަނީ ރޭ ލީގުގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން އެޓީމު ބަލިވުމުންނެވެ.

ރޮޖާސް ބުނީ މި ސީޒަންގެ ނާކާމިޔާބީ ތަކާއެކު އޭނާއަށް މިހާރު ކުރިމަތި ވެފައި ވަނީ ވަރަށް އުނދަގޫ ދަނޑިވަޅަކާކަމަށެވެ. އަދި އެކަމަށް އަވަސް ހައްލެއް ހޯދަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ލިވަޕޫލްގެ ކުޅުމާއި ޓީމުން މިހާރު ހޯދަމުން ދާ ނަތީޖާތަކަކީ ވަރަށް ދަށް ނަތީޖާތަކެއް. މިކަމުގެ ޒިންމާ އަހަރެން ފުރިހަމައަށް އުފުލަން،" އޭނާ ބުންޏެވެ.

ދެން އެންމެ އަހަވަށް ޗެންޕިއަންސް ލީގުގައި ލުޑޮގޮރެޓްސް ރަޒްގްރާޑް އާއި ދެކޮޅަށް ލިވަޕޫލް ކުޅެން ހަމަޖެހިފައި ވާއިރު، މި މެޗަށް ލިވަޕޫލް ރަނގަޅު ތައްޔާރީތަކެއް ވާން ޖެހޭ ކަމަށާއި، ޓީމްގެ ކުޅުންތެރިން ރަނގަޅު ކުރަންޖެހޭ ބޮޑެތި މައްސަލަތަކެއް ހުރިކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

"ޓީމްގެ ޕާސިންގް ފެންވަރު ވަރަށް ދަށް. ގިނަ ނާކާމިޔާބީ ތަކަކާ ކުރިމަތިލާން ޖެހުމުން ޓީމް ކޮންފިޑެންސް ދަށްވެ، ޓީމެއްގެ ގޮތުގައި ކުޅެން ލިވަޕޫލް ކުޅުންތެރިންނަށް ވަނީ އުނދަގޫ ވެފައި. ކުޅުންތެރިން މެޗު ކުޅެމުން ދަނީ ރަނގަޅަށް މެޗަށް ސަމާލުކަން ނުދީކަންވެސް ފާހަގަ ކުރެވޭ. މީގެ އިތުރުން ލިވަޕޫލް ކޮޅަށް ވަންނަ ލަނޑުތަކަކީ އެހާ ރަނގަޅު ލަނޑުތަކެއް ނޫން. މިކަންކަމަކީ ހައްލުތަކެއް ގެންނަން ޖެހޭ ކަންކަން،" އޭނާ ބުންޏެވެ.

އޭނާ ބުނީ، މިއަހަރުގެ މެދުތެރޭ ޓީމަށް އައި ބަދަލުތަކަށްފަހު ޓީމް އަދި ރަނގަޅަށް ހަމައަކަށް ނޭޅޭކަމަށާއި، މިއީ އޭނާ އެ ޓީމާއެކު ހޭދަ ކުރި ދުވަސްތަކުގައި އެ ޓީމްގެ ކުޅުމުގެ ފެންވަރު އެންމެ ދަށްވެގެން ދިޔަ ދުވަސްކޮޅު ކަމަށެވެ. އަދި މި ނާކާމިޔާބީތަކުގެ ސަބަބުން އޭނާ އެ ޓީމުގެ ކޯޗުކަމުން ވަކިވާން ޖެހިދާނެ ކަމުގެ އިޝާރާތެއްވެސް އޭނާ ވަނީ ކޮށްފައެވެ.

"ދަށް ނަތީޖާތަކެއް ފެނިގެން ދާއިރު ޓީމެއްގެ ކޯޗުކަމުގައި ހުރެވޭނެ ކަމަށް އަހަރެންވެސް ގަބޫލެއް ނުކުރަން. ޓީމް މެޗުތަކަކުން މޮޅުވެ، ނަތީޖާތަކެއް ހޯދަން ޖެހޭ. އަހަރެން އަހަންނަށް ކުރެވުނު އެންމެ ރަނގަޅަކަށް އަބަދުވެސް މަސައްކަތް ކުރަން. އެކަމު މިހާރު މިއަށްވުރެ ގަދަޔަށް އެބަ މަސައްކަތް ކުރަން ޖެހޭ،" ރޮޖާސް ބުންޏެވެ.

މިދިޔަ އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ދެވަނަ މަގާމް ލިވަޕޫލް ހާސިލްކޮށްފައި ވާއިރު، މިފަހަރުގެ ލީގުގައި އެ ޓީމް އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް ވަނީ ބަލިވެފައެވެ. މި އަހަރު މެދުތެރޭ އެޓީމްގެ ފޯވާޑް ލުއިސް ސުއަރޭޒް ބާސެލޯނާއަށް ބަދަލުވެފައި ވާއިރު، ޑެނިއެލް ސްޓަރިޖްއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އެ ޓީމްގެ ފޯވާޑް ލައިނަށް ވަނީ ދަތިތަކަކާ ކުރިމަތި ލާންޖެހިފައެވެ.

މީގެ އިތުރުން 18 މެޗުގެ ތެރޭން ބައިކޮޅަށް ލަނޑެއް ވަނަ ނުދީ އެންމެ ދެ މެޗު ކުޅެވިފައިވާ ލިވަޕޫލްގެ ޑިފެންސްގައިވެސް މައްސަލަތަކެއް އުޅޭކަން ފުޓްބޯޅައިގެ މާހިރުން ވަނީ ފާހަގަ ކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު