ތިނަދޫގައި ހުޅުޖެހި މައްސަލަ ކޯޓަށް އަލުން ބަލައެއް ނުގަތް

ތިނަދޫ ޕޮލިސްޓޭޝަންގައި ހުޅުޖަހާފައި ---- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ގދ. ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ 89 މީހުންގެ މައްސަލަ ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓަށް ހުށައެޅުމުން އެމައްސަލަ ބަލައިނުގަނެ ފޮނުވާލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)ގެ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވީ، ޕީޖީ އޮފީހުން 89 މީހުންގެ މައްސަލަ ކްރިމިނަލް ކޯޓަށް މިއަދު ހުށަހެޅި ނަމަވެސް އެމައްސަލަ އެކޯޓަށް ބަލައިގެންފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ބަލައިނުގަތް ސަބަބު އެކޯޓުން ހާމަ ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމައްސަލަ ބަލައިނުގަތް ސަބަބެއް އޮޅުންފިލުވުމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، މައްސަލަ ބަލައިނުގަތް ސަބަބު އޮޅުންފިލާގޮތެއް ނުވިއެވެ.

ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލަ އަލުން ކޯޓަށް ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ނިންމަވާފައިވާތީ އެ މައްސަލައިގައި ހިމެނޭ 89 މީހުންގެ ގާނޫނީ ޓީމުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މީހުންގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ފަރީޝާ އަބްދުﷲ ވިދާޅުވީ، ގާނޫނު އަސާސީގެ 66 ވަނަ މާއްދާގައިވާގޮތުން އެއް މައްސަލައަކާ ގުޅިގެން ދެވަނަ ފަހަރަށް ޝަރީއަތް ނުކުރެވޭނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ، ހޮނިހިރު ދުވަހުގެ 10:00 ގައި ބާއްވަން ތާވަލްކުރި ޝަރީއަތުގެ މަޖިލީހަށް ދައުލަތުގެ ވަކީލު ހާޒިރުވެފައިނުވާތީ އެވެ. އެ މައްސަލަ އަނބުރާ ފޮނުވާލުމަށްފަހު ކްރިމިނަލް ކޯޓުން އާންމުކުރި ބަޔާނެއްގައި ވަނީ ހެކީން ހާޒިރުކުރުމުގައި އެކަށީގެންވާ އެއްބާރުލުމެއް ދައުލަތުގެ ފަރާތުން ލިބެމުންނުދާ ކަމަށެވެ.

އެ 89 މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ ތިނަދޫ ޕޮލިސް ސްޓޭޝަނާއި އެތަނުގައި ހުރި އެންމެހައި ވެހިކަލްތަކުގައި ހުޅުޖަހައި އަންދާލާފައިވާތީ އާއި ގދ. އަތޮޅު ކައުންސިލްގެ އިދާރާގެ އިމާރާތަށާއި މުދަލަށް ގެއްލުންދީ އެތަނުގެ ތެރެއަށް ވަދެ އެ އިދާރާގައި ހުޅުޖަހާފައިވާތީ އާއި ތިނަދޫ ކޯޓުގެ އިމާރާތަށާއި މުދަލަށް ގެއްލުންދީ ކޯޓުގައި ހުޅުޖަހާފައިވާތީ އެވެ. އެހެންނަމަވެސް އެ ތުހުމަތުތަކަށް އެ އެންމެން ވެސް ވަނީ އިންކާރުކޮށްފައެވެ.

އެ މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކީންގެ ހެކިބަސް ވެސް ނަގާފައިވަނިކޮށެވެ.

comment ކޮމެންޓް