ތުރުކީގެ ހުރިހާ ޔުނިވާސިޓީއެއްގައި މިސްކިތް ބިނާ ކުރަނީ

ތުރުކީގެ ސަރުކާރުން ހިންގާ ހުރިހާ ޔުނިވާސިޓީ ކެމްޕަހެއްގައި ނަމާދުކުރާނެ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެގައުމުގެ ދީނީ ކަންތަކާ ބެހޭ އިދާރާގެ އިސްވެރިޔާ މެހްމެތް ގޯމެޒާ ވިދާޅުވެއްޖެ އެވެ.

ގޯމެޒާ ހަވާލާދީ އެގައުމުގެ ރަސްމީ ނިއުސް އެޖެންސީ އަނަޑޯލު އެޖެންސީ ގައި ބުނެފައިވަނީ، ތުރުކީ ސަރުކާރުން ހިންގާ ޔުނިވާސިޓީތަކުގައި ކިޔަވާ މުސްލިމު ދަރިވަރުންނަށް ނަމާދު ކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހަދައިދިނުމުގެ ގޮތުން މިހާރު 15 މިސްކިތެއް ބިނާކޮށްފައިވާ ކަމަށެވެ.

"...މިގައުމުގައި 20 މިލިއަން ޒުވާނުން އެބައުޅޭ. އަހަރެން ބޭނުންވަނީ އޭގެން ކޮންމެ ޒުވާނަކަށްވެސް މިކަން ފޯރަން. އެގޮތުން ތުރުކީގެ 80 އަށްވުރެ ގިނަ ޔުނިވާސިޓީއެއްގައި މިސްކިތްތައް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. 15 ޔުނިވާސިޓީއެއްގައި މިސްކިތްތައް ހުޅުވިއްޖެ. އަންނަ އަހަރު ނިމުމުގެ ކުރިން 50 މިސްކިތެއް އަލަށް ހުޅުވޭނެ،" ތުރުކީގެ ދީނީ ކަންތައްތަކާ ބެހޭ އިދާރާގެ އިސްވެރިޔާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، އަލަށް ބިނާ ކުރާ އެ މިސްކިތްތަކުގައި ސަރުކާރުން ހަރަދުކޮށްގެން ބަހައްޓާ އިމާމަކާއި ޒުވާނުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ ހެޔޮ މަގު ދައްކައިދިނުމަށްޓަކައި ދީނީ އިލްމުވެރިން ތިބޭނެ ކަމަށް ގޯމެޒް ވިދާޅުވެފައިވެ އެވެ.

ތުރުކީގައި އިސްލާމީ އަގީދާ ހަރުދަނާ ކުރުމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަޅުއްވަމުން ގެންދަވާ ފިޔަަޅުތަކުގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ސަރުކާރުގެ ސްކޫލްތަކުގެ އަންހެން ދަރިވަރުން ބުރުގާ އެޅުން މަނާކޮށްފައި އޮތް އޮތުން އުވާލައި އަލުން އެ ހުއްދަ ދީފަ އެވެ.

މީގެ އިތުރުން، ސަރުކާރުގެ ހައި ސްކޫލްތަކުގެ ދަރިވަރުން މޭކަޕް ކުރުމާއި ބޮލުގައި ކުލަ ޖެއްސުމާއި ޓެޓޫ ޖެހުމުގެ އިތުރުން ގައިގެ ތަންތަން ތޮރުފުން ވަނީ މަނާކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު