ޓީޗަރަކު ދަރިވަރުންތަކަކާ ގައިގޯޅިވިކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި

ކަލާފާނު ސްކޫލްގެ ފިރިހެން ޓީޗަރަކު އެ ސްކޫލްގެ ފިރިހެން ދަރިވަރުންތަކަކާ ޖިންސީ ގޮތުން ގައިގޯޅިވި ކަމަށް ބުނާ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބްދުލް މުހުސިން 'ސަން'އަށް މިއަދު ވިދާޅުވީ، އެފަދަ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ހުށަހަޅާފައިވަނީ މިއަދު މެންދުރު ކަމަށް ވެސް ޑރ. މުހުސިން ވިދާޅުވި އެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކާ އަދި ސުވާލުކޮށްފައިނުވާ ކަމަށް ވެސް ޑރ. މުހުސިން ވިދާޅުވި އެވެ.

"ޓީޗަރެއް ކަމަށް ބުނެވޭ މީހަކު ކުދިންތަކަކާއެކު އުޅުނު މައްސަލައެއް އެބައިން ހުށަހެޅިފައި. އެއީ ކަލާފާނު ސްކޫލްގެ ކުދިން ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ. އެ މައްސަލަ ބަލަމުން މިދަނީ،" ޑރ. މުހުސިން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ކަލާފާނު ސްކޫލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ކަލާފާނު ސްކޫލުގެ ޕީއީ ޓީޗަރު ކުދިން ތަކަކާއެކު ގައިގޯޅިވި މަންޒަރު ފެނިފައިވާ ފަރާތަކުން ސޯޝަލް މީޑިއާގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ޓީޗަރު އިއްޔެ ހަވީރު އާޓިފިޝަލް ބީޗު ސަރަހައްދަށް މޫދަށް އެރިއުޅުމުގެ ތެރޭ ކުދިންނާއެކު ބޯޅަކުޅެ ސަކަރާތްޖެހިއިރު، އެކުދިންގެ ގައިގައި ބައްދާ ދޮންދީ ހެދި މަންޒަރު އެވަގުތު އެތާ ތިބި މީހުންނަށް ފެންނާނެ ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެކުދިންގެ އުމުރު އުޅޭނީ 9 އަހަރާއި 11 އަހަރާއި ދެމެދުގަ އެވެ. އަދި އެންމެ ކުޑަ ކުއްޖާގެ އުމުރު އުޅޭނީ ހަ އަހަރާއި ހަތް އަހަރާ ދެމެދުގަ އެވެ.

އެ މަންޒަރު ފެނުނު އެކަކު ގޮސް އެޓީޗަރަކީ އެކުދިންގެ ކާކުތޯ އެހުމުން "ގުޅުމެއްނެތް މީހެއް" ކަމަށް ބުނެފައިވާ ކަމަށްވެ އެވެ. އަދި އެކުދިން އެ ޓީޗަރާ މުހާތަބު ކުރަމުންގެންދިޔައީ ހުތުރުބަހުން ކަމަށް ވެސް މަންޒަރު ދުށްމީހާގެ ފޭސްބުކުގައި ލިޔެފައިވެ އެވެ.

އޭނާ އަދި ބުނެފައިވަނީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރަން ފެށުމުން އެތަނުން އެއްކުއްޖަކު "ކަލެއަށްވުރެ ސާ ވެސް މާރީތި" ކަމަށާއި ކަލޭމެންނާއި ނުބެހެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި "އަހަރުންނަށްވެސް ޕޮލިހަށް ގުޅިދާނެ ކަލޭމެން ރިޕޯޓު ކޮށްލަން" އެހެންވެސް އެކުދިން ބުނެފައިވާ ކަމަށް އެމީހާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު