އޮޑިޓާ ޖެނެރަލްގެ މަގާމަަށް ހަސަން ޒިޔަތު އައްޔަން ކުރައްވައިފި

އޮޑިޓާ ޖެނެރަލް ކަމުގެ މަގާމަށް ހ. އާހަމަ، ހަސަން ޒިޔަތު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު އައްޔަންކުރައްވައިފި އެވެ.

ޙަސަން ޒިޔަތަށް މަގާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން، އެ މަނިކުފާނު އޮޑިޓާ ޖެނެރަލް ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި ކުރެއްވި އެވެ. އަދި ހުވާ ކުރެއްވުމަށް ފަހު، އޮޑިޓަރު ޖެނެރަލްކަމުގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވި އެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް ޒިޔަތު އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.

މިހާތަނަށް އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ހަސަން ޒިޔަތަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ އެ ދާއިރާގައި 14 އަހަރު މަސައްކަތް ކުރައްވައިފަ އެވެ.

އޮޑިޓާ ޖެނެރަލް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައި ވަނީ އެ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އަލުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ޖެހޭނެ ކަމަށް ފާސްކުރި އިސްލާހުގައި ބުނެފައިވާތީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު