ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މައި ކޮލެޖުގެ ދަރިވަރުން ލަންކާއަށް

މިއާންޒް އިންޓަނޭޝަނަލް (އެމްއައި) ކޮލެޖުގައި ޕްރީ ސްކޫލްތަކުގައި ކިޔަވައިދިނުމަށް ތަމްރީންވަމުން އަންނަ ދަރިވަރުންތަކެއް އިލްމީ ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ސްރީލަންކާއަށް އިއްޔެ ފުރައިފި އެވެ.

މައި ކޮލެޖުގެ ވައިސް ރެކްޓަރު ހަސަން ނިޒާމް މިއަދު 'ސަން'އަށް ވިދާޅުވީ، ތަޖުރިބާ ހޯދުމުގެ އެ ދަތުރަކީ މައި ކޮލެޖުން ކިޔަވަމުންދާ ދަރިވަރުންނަށް ރާއްޖޭގެ އިތުރުން އަވަށްޓެރި ގައުމުތަކުގައި ވެސް އެ ދަރިވަރުން ކިޔަވަމުންދާ ދާއިރާގެ ކަންތައް ހުރިނެތްގޮތް ބެލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށެވެ.

އެއް ހަފްތާގެ އެ ދަތުރުގައި މައި ކޮލެޖުގެ އައްޑުއާއި ލ. އަތޮޅު ކެމްޕަހުގައި ޑިޕްލޮމާ އިން އާރލީ ޗައިލްޑް އެޑިއުކޭޝަން ކިޔަވަމުންދާ 38 ދަރިވަރުން ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލަންކާގައި ތުއްތު ކުދީންނަށް ކިޔަވައިދޭ ގޮތް ދެނެގަތުމަށްޓަކައި ލަންކާގެ ކޮލޮމްބޯއާއި ކެންޑީގެ ބައެއް ޕްރީސްކޫލްތަކަށް ދަރިވަރުން ޒިޔާރަތްކޮށް އެސްކޫލްތަކުގައި އުގަންނައިދޭ ގޮތްތައް ބަލާނެ. އަދި ލަންކާގެ ލޭޑީޒް ކޮލެޖުން ބައެއްކަހަލަ ތަމްރީންތައްވެސް ހޯދާގޮތަށްވަނީ ރޭވިފަ. މީގެ އިތުރުން ސްރީލަންކާގެ އެންއައިއީ އިން ދަތުރުވެ ބައިވެރިންނަށް ހާއްސަ ސެޝަންތަކެއް ނަގައިދިނުމަށްވެސް ވަނީ ނިންމާފަ،" މައި ކޮލެޖުގެ ވައިސް ރެކްޓަރު ވިދާޅުވި އެވެ.

ލަންކާ ދަތުރުގައި ފާހަގަކުރެވޭ ކަންތައްތަކާއި ތަޖުރިބާކުރެވުނު ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް އެކަންކަމުގެ އަލީގައި ދަރިވަރުންގެ ކިޔަވައިދިނުން ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކެއްވާނަމަ އެކަންކަން ފާހަގަކުރާނެ ކަމަށްވެސް މައި ކޮލެޖުން ބުންޏެވެ.

މައި ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރުން ވަނީ މިދިޔަ އަހަރުވެސް ތަޖުރިބާ ދަތުރެއްގައި ސްރީލަންކާއަށް ގޮސްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު