އިސްރާއީލަކީ ޔަހޫދީ ދައުލަތެއް ކަމަށް ބަޔާންކުރާ ބިލެއް ތައްޔާރުކޮށްފި

އިސްރާއީލަކީ ރަސްމީކޮށް ޔަހޫދީ ދައުލަތެއް ކަމަށް ބަޔާންކުރާ ގާނޫނެއްގެ ދެލިކޮޕީ ޕާލަމެންޓަށް ހުށަހަޅަން އެގައުމުގެ ކެބިނެޓުން ފާސްކޮށްފި އެވެ.

ދަ ގާޑިއަން ނޫހުން މިއަދު ބުނީ، އެ ބިލަށް އިސްރާއީލުގެ ކެބިނެޓުގެ ރުހުން ހޯދުމަށް ނެގި ވޯޓްގައި ބިލާއި އެއްކޮޅަށް 14 މިނިސްޓަރަކު ވޯޓް ދިން އިރު ބިލާއި ދެކޮޅަށް ވޯޓްދީފައި ވަނީ ހަތް މިނިސްޓަރަކު ކަމަށެވެ. އިސްރާއީލުގެ އާއްމު ގާނޫނުތަކުގެ ތެރޭގައި ހިމަނަން ސަރުކާރުން ބޭނުންވާ އެ ގާނޫނުގެ ދެލިކޮޕީއަށް ކެބިނެޓުން ރުހުންދީފައި ވަނީ އެކަމުގެ ސަބަބުން ޑިމޮކްރަސީއަށް ހުރަސް އެޅޭނެ ކަމަށް ބައެއް ސިޔާސީ ވެރިން ބުނަމުން ދަނިކޮށް ކަމަށް ވެސް އެނޫހުން ބުންޏެވެ. އަދި ބުނީ އެކަމަށް ވޯޓަށް އެހުމަށް ބޭއްވި ޖަލްސާގައި ބޮޑުވަޒީރު ނަތަންޔާހޫއާއި ޖަސްޓިސް މިނިސްޓަރު ޒިއްޕީ ލިވްނީ އާ ދެމެދު ވަރުގަދަ ޒުވާބުތައް ހިނގި ކަމަށެވެ.

އިސްރާއީލަކީ ޔަހޫދީ ދައުލަތެއް ކަމަށް ކަނޑައަޅައި ގާނޫނެއް ފާސްކުރުމާ ދެކޮޅު ހަދާ މީހުން ބުނަމުން ދަނީ އެގޮތަށް ގާނޫނެއް ފާސްކުރުމުން އެގައުމުގެ ބައިމަދު ނަސްލުތަކުގެ މީހުންނަށް އެއްވެސް ހައްގެއް ނުލިބޭނެ ކަމަށެވެ. އެގޮތަށް ބުނާ މީހުންގެ ތެރޭގައި ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް ހިމެނެއެވެ.

އިސްރާއީލުގެ އާބާދީގެ 20 ޕަސެންޓަކީ ޔަހޫދީން ނޫން މީހުންނެވެ. އޭގެ ތެރޭގައި މުސްލިމުންނާއި ނަޞާރާއިން ވެސް ހިމެނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު