އަމިއްލައަށް މަސައްކަތްކުރާ ފަރާތްތަކުން ޕެންޝަން ސްކީމަށް ދޭ ތަރުހީބު ކުޑަ

އަމިއްލައަށް މަސައްކަތް ކުރާ ފަރާތްތަކަށް މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިތާ ގާތްގަނޑަކަށް ތިން ވަރަކަށް މަސްދުވަސް ވެފައި ވީނަމަވެސް އެ ސްކީމުގައި ބައިވެރިވެފައިވާ މީހުންގެ އަދަދު ވަރަށް މަދު ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ސުޖާއު 'ސަން'އަށް ވިދާޅުވީ، އަމިއްލައަށް މަސައްކަތްކުރާ ފަރާތްތަކުން ޕެންޝަން ސްކީމަށް މާބޮޑު ތަރުހީބެއް ލިބެމުން ނުދާއިރު، އެ ސްކީމްގައި މިހާތަނަށް ބައިވެރިވެފައި ވަނީ ވަރަށް މަދު ބައެއް ކަމަށެވެ. ނަމަވެސް މިހާތަނަށް ބައިވެރިވި ކިހާ އަދަދެއްގެ މެމްބަރުން ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ސުޖާއު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެ ސްކީމު ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

"އެންމެ ފުރިހަމައަށް އެ ސްކީމް ޕްރޮމޯޓް ކުރެވިފައި ނުވަނީ ކަމަށްވެސް ވެދާނެ. އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި އެ ސްކީމް ޕްރޮމޯޓް ކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ،" ސުޖާއު ވިދާޅުވި އެވެ.

އަމިއްލަ ވަޒީފާ އަދާކުރައްވާ ފަރާތްތަކުގެ ތެރެއިން އެ ސްކީމުގައި ބައިވެރިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ސަބް ސިޑީއެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން އަމިއްލަ ފަރާތަކުން ޕެންޝަން ސްކީމްގައި ބައިވެރިވުމަށް އެކައުންޓެއް ހުޅުވުމުން ސަރުކާރުން 2000 ރުފިޔާގެ ސަބްސިޑީއެއް ދިނުމަށް ނިންމާފައިވާ އިރު އެމީހަކު އެ ފަންޑަށް ކޮންޓްރިބިއުޓް ކުރާ އަދަދެއްގެ 25 ޕަސެންޓް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ސްކީމުން ފައިދާތައް ލިބޭ އިރު އަމިއްލައަށް ސްކީމްގައި ބައިވެރިވާ ފަރާތްތަކާއި ކުންފުނިތަކުން ބައިވެރިވާ ފަރާތްތަކާ މެދު އެއްވެސް ވަރަކަށް ތަފާތެއް ނުހުންނާނެ ކަމަށް އެ ސްކީމް ތައާރަފްކުރި ދުވަހު ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސައިން މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ސްކީމްގައި ބައިވެރިވާ ފަރާތްތަކުން އެ ފަންޑަށް ފައިސާ ދައްކަން ޖެހޭ ވަކި އަދަދެއް ކަނޑަނާޅާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު